ތާޖު މަހަލްގެ ނަކަލު--

އަނބިމީހައަށް ތާޖު މަހަލް ކަހަލަ ގެއެއް ހަދައިދީފި

އަންގާރަ 23 ނޮވެމްބަރ 2021 | ލަޒީނާ ޢަބްދުالله

ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭގައި ހިމެނޭ، އިންޑިއާގެ އާގަރާގައި ހުންނަ ތާޖު މަހަލްއަކީ މީލާދީން 1600ގެ އަހަރުތަކުގައި އިންޑިއާގައި ރަސްކަން ކުރެއްވި ޝާހު ޖަހާންގެ އަނބިކަނބަލުން ކަމަށްވާ މުމްތާޒް މަހަލްއަށް ހަދައިދިން ބިނާއެކެވެ. އެ ބިނާއަކީ ލޯބީގެ ރަމްޒެއްގެ އިތުރުން އިންޑިޔާގެ މުއްސަދި ސަގާފަތާއި މަސައްކަތްތެރިކަން ދައްކުވައިދޭ ބިނާއެކެވެ. އަނެއްކާވެސް އިންޑިޔާ މީހަކު މިވަނީ އޭނާގެ އަނބިމީހާއަށް ތާޖު މަހަލްއެއް ހަދައިދީފައެވެ.

Advertisement


ތާޖު މަހަލް ނަކަލުކޮށް ދިރިއުޅެވޭ ގޮތައް މި ފަހަރު ތާޖު މަހަލް ހަދާފައިވަނީ އިންޑިއާގެ މަދްޔާ ޕްރަދޭޝްއަށް ނިސްބަތްވާ އަނަންދު ޕްރަކާޝްއެވެ. ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ އަނަންދު އެ ގެ ހެދީ އޭނާގެ އަންހެނުން މަންޖޫޝާއަށް ހަދިޔާއަކަށެވެ. އެ ގެ ހެދުމުގެ ކުރިން އެ ދެ މީހުންވަނީ ތާޖު މަހަލްއަށް ޒިޔާރަތްކޮށްފައެވެ.

ތާޖު މަހަލްގެ ނަކަލެއް ގޮތައް އެ ގެ ޑޒައިން ކޮށްފައިވަނީ އިންޖިނިއަރުން އެތަނަށްގޮސް ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހުއެވެ. ތާޖު މަހަލްގެ އިތުރުން އަރަންގްބާދުގައި ހުންނަ މިކަހަލަ ތަނެއްކަމަށްވާ "ބީބީ ކާ މަގްބަރާ" އަށްވެސް އިންޖިނިއަރުން ޒިޔާރަތްކޮށް އެތަން ހަދާފައިވާގޮތް ވަނީ ބަލާފައެވެ. އެންމެ ފުރަތަމަ އަނަންދު އިންޖިނިއަރުންގެ ގާތު އެދިފައިވަނީ 80 ފޫޓް އުސްކޮށް އެ ގެ ހެދުމަށެވެ. ނަމަވެސް އެކަމަށް ހުއްދަ ނުލިބުމުން، ތާޖު މަހަލް ގޮތައް ހަދަން ނިންމީއެވެ.

ތާޖު މަހަލް ނަކަލުކޮށް ހެދި އެ ގެ ހެދުމަށް ތިން އަހަރު ހޭދަވިއެވެ. މުންނާރުތަކާއެކު އެތަނުގެ ބޮޑުމިނަކީ 90 ސްކެއަރ މީޓަރއެވެ. މުންނާރުތައް ނުލައި މައިގަނޑު އެ ގެ ހަދާފައިވަނީ 60 ސްކެއަރ މީޓަރގައެވެ. 29 ފޫޓް އުސް ގުއްބެއް ހިމެނޭ އެ ގެ ހަދާފައިވަނީ ދެ ފަންގިފިލާއަށެވެ. ކޮންމެ ފަންގި ފިލާއެއްގައި ދެ ނިދާކޮޓަރި ހުންނަ އިރު، އެ ގޭގައި ބަދިގެއަކާއި ލައިބްރަރީއެއްގެ އިތުރުން މެޑިޓޭޝަނަށް ހާއްސަ ކޮޓަރިއެއްވެސް ހުރެއެވެ. އެ ގެއަށް ހާއްސަކޮށް ފަރުނީޗަރވެސް ހަދާފައިވަނީ މުމްބާއީންނެވެ.

ތާޖު މަހަލްގެ ނަކަލާއެކު ގިނަ ބަޔަކު އެ ތަނުގެ ރީތި ކަމަށް އަންނަނީ ތައުރީފް ކުރަމުންނެވެ. ހަމައެއާއިއެކު ޝާހު ޖަހާންއާއި މުމްތާޒު ނޫނަސް، އަނަންދުއާއި މަންޖޫޝާއަކީވެސް ލޯބީގެ ފުރިހަމަ ނަމޫނާއެއް ކަމަށް މީހުންދަނީ ބުނަމުންނެވެ. އޭގެ އިތުރުން ތާޖު މަހަލްއެކޭ އެއްފަދައިން އެތަން ބެލުމަށް މީހުން އަންނާނެ ކަމަށާއި، އެ ތަނާއި އެ ދެ މީހުންގެ ވާހަކަވެސް ތާރީހުގެ ތެރެއަށް ވަދެ، ޖީލުތަކަށް އެވާހަކަ މަޝްހޫރުވެގެންދާނެކަމަށް ވަނީ ބެލެވިފައެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.