ތާލިބާން ހަނގުރާމަވެރިން އަފްޣާނިސްތާނުގެ ރިޔާސީ ގަނޑުވަރުގައި -- ފޮޓޯ: ރޮއިޓާސް

ޠާލިބާނުންގެ ވެރިކަމަށް 100 ދުވަސް - އަފްޣާނިސްތާން ފުންމިން ނޭނގޭ އަނދިރިކަމެއްގެ ތެރެއަށް ގެނބެނީ

އަންގާރަ 23 ނޮވެމްބަރ 2021 | މޫސަ

އަފްޣާނިސްތާނުގައި ތާލިބާނުންގެ ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަސް ނިމުނީއެވެ. ފާއިތުވި ސަތޭކަ ދުވަސް ފެނުނީ ކިހިނެއްތޯ ސުވާލު ކުރާނަމަ ބުނެވޭނީ، އަފްޣާނިސްތާނު ފުންމިން ނޭނގޭ އަނދިރިކަމެއްގެ ތެރެއަށް ވެއްޓެމުންދާ ކަމަށެވެ.

Advertisement


2001 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އަފްޣާނިސްތާނަށް އެމެރިކާ ސިފައިން އަރައި ތާލިބާނުންގެ ވެރިކަން ވައްޓާލިތާ ވިހި އަހަރުފަހުން، އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބަން ފެށީ އެމެރިކާއަށް ކުރިމަތިވަމުން އައި މާލީ އަދި ސިޔާސީ ގޮންޖެހުންތަކުގެ ސަބަބުންނެވެ. ޓެރަރިޒަމާއި ދެކޮޅަށް ފެށި ހަނގުރާމައިގައި އެތައް ބަޔަކު މަރުވެ ދިޔައިރު، ހަނގުރާމަ ނިންމައި އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމުގެ ކުރިން ދެވަނަ ފަހަރަށް ޠާލިބާނުން ވަނީ އަފްޣާނިސްތާނުގެ ވެރިކަމަށް ގަދަވެގެންފައެވެ.

އޮގަސްޓް 15، 2021 ގައި އަފްޣާނިސްތާނުވެ ވެރިރަށް ޠާލިބާނު ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ދިޔައިރު، އެމެރިކާ ސިފައިން ދިޔައީ އަފްޣާނިސްތާނުން ފައިބަމުންނެވެ. އެމެރިކާ ސިފައިން ފޭބުމަށް ޠާލިބާނުން ދިން އެންމެ ފަހު މުހުލަތަކީ އޮގަސްޓް 31 އެވެ.

އެމެރިކާ ސިފައިން ފައިބައިގެން ދިޔައިރު ރެފިއުޖީންގެ ގޮތުގައި އެތައް ހާސް ބަޔަކު ގެންދިޔަ ނަމަވެސް، އަފްޣާނިސްތާނުން ފައިބަން ބޭނުންވެ ނުފޭބިފައިވާ އެތައްހާސް ބަޔަކު އަދިވެސް އެބަތިއްބެވެ. އޭގެ ތެރޭގައި އެކި އެކި ގޮތް ގޮތުން އަފްޣާނިސްތާނުގެ ހަނގުރާމައިގައި އެމެރިކާއަށް އެހީތެރިވި މީހުން ހިމެނެއެވެ.

އަފްޣާނިސްތާނުގައި ބާރުވެރިކަން ޠާލިބާނުންގެ އަތްމައްޗަށް ދިޔަތާ 100 ދުވަސް ވިއިރު ފެންނަމުން ދަނީ އިންސާނީ ބޮޑު ކާރިސާއެއް އުފަންވަމުން އަންނަ މަންޒަރެވެ. ބޮންގޮއްވުމާއި، މުޒާހަރާތަކާއި، އިޤުތިޞާދު ފުނޑުފުނޑުވުމާއިއެކު ހައިހޫނުކަން ދަނީ ފެތުރެމުންނެވެ.

އަފްޣާނިސްތާނުގެ އާބާދީއަކީ ގާތްގަނޑަކަށް 40 މިލިޔަން މީހުންނެވެ. ފާއިތުވި 100 ދުވަހަށް ބަލާއިރު އާބާދީގެ %95 މީހުންނަށް ހައިހޫނުކަން ފިލާވަރަށް ކާބޯތަކެއްޗެއް ނުލިބެއެވެ. އާބާދީގެ %50 މީހުން ބަނޑަށް ޖެހިދާނެ ކަމުގެ ބިރު މިހާރު އޮތީ ބޮޑުވެފައެވެ. އެއީ 23 މިލިއަން މީހުންނެވެ. އޭގެ ތެރޭގައި، އުމުރުން 5 އަހަރު ނުފުރޭ 3 މިލިއަން ކުޑަކުދިންވެސް ހިމެނެއެވެ.

އަފްޣާނިސްތާނުގެ ހާލަތު އިތުރަށް ގޯސްވެގެން ދިޔުމުގެ ދެސަބަބެއްވެސް އެބައޮތެވެ. އެއީ ކުރިމަތިވަމުން އަންނަ ގަދަފިންޏާއި، ހަނަފަސްކަމުގެ ސަބަބުން ދަނޑުބިންތައް ހަލާކުވެފައިވުމެވެ.

ނިހާއި ބަނޑުހައި ހޫނުކަން ފެތުރިފައިވާއިރު، ކާބޯތަކެތީގެ އަގުތައް ހުރީ އިންތިހާއަށް މަތީގައެވެ. އާއިލާތައް ބަނޑަށްޖެހުމުން ސަލާމަތްވުމަށް ބައެއް މައިންބަފައިން ދަނީ އެމީހުންގެ ކުދި ޅަދަރިންވެސް ވިއްކަމުންނެވެ.

އަފްޣާނިސްތާނު އިޤުތިޞާދީ ތަދުމަޑުކަމުގެ ތެރެއަށް ވެއްޓިގެން ދިޔައީ ބޭރު ޤައުމުތަކުގައި ހުރި އަފްޣާނިސްތާނުގެ ފައިސާ އާއި މުދާ އެމެރިކާއިން ހިފެހެއްޓުމާއި ގުޅިގެންނެވެ. އެމެރިކާގައި އެކަނިވެސް އަފްޣާނިސްތާނުގެ 9 ބިލިއަން ޑޮލަރު އެބަހުއްޓެވެ. އެހެން ނަމަވެސް ތާލިބާނުންނާއި އަފްޣާނިސްތާނުގެ ރައުސްމާލުތައް ހަވާލު ކުރުމަށް އެމެރިކާއިން ދެކޮޅު ހަދާފައި ވާއިރު، ޠާލިބާނުންގެ ސަރުކާރުވެސް އެމެރިކާއިން ބަލައި ނުގަނެއެވެ. އަދި ތާލިބާނުންވެ ވެރިކަމަށް 100 ދުވަސް ފުރުނު އިރު ދުނިޔޭގެ އެއްވެސް ޤައުމަކުން ރަސްމީ ސިފައެއްގައި ތާލިބާނުންގެ ސަރުކާރު ބަލައިގެންފައެއް ނުވެއެވެ.

ތާލިބާނުންގެ އެންމެ އިސްލީޑަރުންނަކީ، ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނޭ މީހުންނެވެ. އެހެންކަމުން ޠާލިބާނުންގެ ސަރުކާރަށް ބައިނަލްއަޤުވާމީ މުޖުތަމައުން ލިބޭނެ އެހީތެރިކަމެއް ފެންނާކަށް ނެތެވެ.

މީގެ އިތުރުން އަފްޣާނިސްތާނުގެ ހާލަތު ގޯސްވެގެން ދިޔަ އަނެއް ސަބަބަކީ، ފާއިތުވި 20 އަހަރު އަފްޣާނިސްތާނަށް ލިބެމުން އައި ބޭރުގެ އެހީތައް މުޅިން ހުއްޓިގެން ދިޔުމެވެ. އަފްޣާނިސްތާނުގެ ކުރީ ސަރުކާރުގެ ބަޖެޓުން %70 އިންސައްތަ އަކީ ބޭރުން ލިބޭ މާލީ އެހީއެވެ. އެއާއި އެކު އަފްޣާނިސްތާނުގެ ރައްޔިތުންނާއި އެމީހުންގެ ދިރިއުޅުން ވަރަށް ބޮޑަށް ބިނާވެފައި އޮތީ އެ އެހީތަކުގެ މައްޗަށެވެ.

ޑޮލަރުގެ ދަތިކަމާއި އެކު އަފްޣާނިސްތާނުގައި އިންފްލޭޝަން ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. ޑޮލަރެއްގެ އަގު 94.20 އަފްޣާނީއަށްވަނީ މަތިވެފައެވެ. އަފްޣާނިސްތާނުގެ ފައިސާގެ އަގު ވެއްޓެމުން ދިޔުމާއި އެކު ތެލާއި ކާބޯތަކެތީގެ އަގުތައް ދަނީ އިންތިހާއަށް މަތިވަމުންނެވެ.

ކާބޯތަކެއްޗަށް ދަތިވަމުން ދާއިރު، ހަކަތަ އުފެއްދުމަށް ބޭނުންވާ ތެޔޮ ނުލިބުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓާއި މުވާސަލާތީ ޚިދުމަތްތައްވެސް މެދުކެނޑިފައެވެ.

މިހުރިހާ ކަމަކަށްވުރެވެސް ބިރުވެރިކަމަކީ އަފްޣާނިސްތާނުގެ ބާރުވެރިކަމަށް ޠާލިބާނުން އައުމާއި އެކު، އައިއެސްގެ ހަމަލާތައް އިތުރުވެގެން ދިޔުމެވެ. ޠާލިބާނުންގެ އަތްމައްޗަށް އަފްޣާނިސްތާނުގެ ބާރުތައް ފުރޮޅިގެން ދިޔަތާ 7 ދުވަސް ވީތަނާ، އައިއެސްއިން ވަނީ ކާބުލްއެއާޕޯޓުގެ މައިގޭޓުކައިރީގައި ޖާނުގޮއްވާލައިގެން ދިން ހަމަލާތަކުގެ 180 މީހުން މަރާލާފައެވެ. އޭގެ ފަހުން ޝިއައީންގެ މިސްކިތަކަށްވެސް 2 ހަމަލާއެއް ދީފައި ވާއިރު، އަސްކަރީ ހޮސްޕިޓަލަކަށާއި ޠާލިބާނުންގެ އަސްކަރީ އުޅަނދަކަށްވެސް ހަމަލާދީފައިވެއެވެ.

މީގެ އިތުރުން ހަރުކަށި ޠާލިބާން ހަނގުރާމަވެރިންގެ އަނިޔާވެރިކަމާއި، ބައިމަދު ހަޒާރޭ ދަރިކޮޅުގެ ޝިއައީން ވަނީ ކުރިމަތިލާން ޖެހިފައެވެ.

ޠާލިބާނުން ވެރިކަމަށް އައުމަށް ފަހުގައި އޮތް އެންމެ ކަންބޮޑުވުމަކީ އިންސާނީ ހައްޤުތަކާއި އަންހެނުންގެ ހައްޤުތައް ގެއްލިގެން ދިޔުމެވެ. ޠާލިބާނުން ވަނީ މިހާރުވެސް ސްކޫލުތަކާއި ޔުނިވަސިޓީތަކުގައި ދެޖިންސްގެ މީހުން އެއްކޮށް ކިޔެވުން މަނާކޮށްފައެވެ.

ޠާލިބާނުން ބުނެފައި ވަނީ އަފްޣާނިސްތާނަށް ބަދަލުތައް ގެންނާނެ ކަމަށެވެ. އިސްލާމްދީނުގައި ފަރުދަކަށް ދީފައިވާ ކޮންމެ މިނިވަންކަމެއް ދޭނެ ކަމަށެވެ. އެހެން ނަމަވެސް ޠާލިބާނުން ވާހަކަ ދައްކާގޮތަށް ކަންކަން ހިނގަމުންދާނެ ކަމަށް ނުބެލެވޭ ކަމުގައި އަފްޣާނިސްތާނުގެ ރައްޔިތުންވެސް ވަނީ ބުނެފައެވެ.

އަފްޣާނިސްތާނުގެ ކުރިމަގާއި މެދު ޠާލިބާނުން ބުނަނީ މިހެންނެވެ. ރޯމް ބިނާ ކުރީ އެންމެ ރެޔަކުން ނޫނެވެ. އަފްޣާނިސްތާނު ބިނާކުރުމަށް ވަގުތު ބޭނުންވެއެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.