އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ

ގާބިލް ޕްރިންސިޕަލުން ނުލިބެނީ މުސާރަ ކުޑަވުމުން: އެޑިއުކޭޝަން މިނިސްޓަރު

ބުދަ 24 ނޮވެމްބަރ 2021 | އުލާ

ސްކޫލްތައް ހިންގަން ރަނގަޅު ޤާބިލް ބޭފުޅުން މިދުވަސްވަރު ނުލިބޭ ކަމަށާއި، މިގޮތަށް ދިމާވަނީ ޕްރިންސިޕަލުންގެ މުސާރަ ކުޑަވުމުގެ ސަބަބުން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

Advertisement


އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، ޕްރިންސިޕަލުން ނުލިބިގެން އުޅޭ ސަބަބާއި، އަދި ޕްރިންސިޕަލުން ހަރުނުލާ ރަށްރަށާމެދު އަމަލުކުރުމަށް ރާވާފައިވާ ގޮތާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.


މިކަމަށް ހައްލެއް ހޯދާދިނުމުގެ ގޮތުން ރަށުން ބޭރު ރަށަކަށް ވަޑައިގަންނަވާނަމަ އިތުރު އެލަވަންސެންދިނުމަށް މިދިޔައަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ނިންމަވާފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެގޮތުން މިހާރު ހަމަޖައްސަވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އެދިވަޑައިގަތުމަށް އެހެން ރަށަކަށް ބޭފުޅަކު ވަޑައިގަންނަވާނަމަ އިތުރަށް 3000 ރުފިޔާގެ އެލަވަންސެން ދިނުމަށް ނިންމަވާފައިވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޕްރިންސިޕަލުން ލިބުން ދަތި މައްސަލައަށް ހައްލު ހޯދުމަށްޓަކައި، ޕްރިންސިޕަލުން ތަމްރީންކުރުމުގެ 20 ސްކޮލަރޝިޕް ފުރުސަތަށް މީހުން ހޯދުމަށް މިހާރު އިއުލާންކޮށް އެމަސައްކަތް ކުރިއަށްދާ ކަމަށެވެ.

" އެންމެފަހުން ރާއްޖެއިން ބޭރުން ޕްރިންސިޕަލުން ތަމްރީނުކުރުމަށް ފޮނުވާފައި މިއޮތީ 2011 ވަނަ އަހަރު. ނަމަވެސް މިއަހަރު 20 ބޭފުޅުން ފޮނުވުމަށްޓަކައި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި. އެގޮތުން މިސަރުކާރުގެ ޕްލޭނަކީ އަހަރަކު 20 ޕްރިންސިޕަލުން ތަމްރީނުކުރުން. " އެޑިއުކޭޝަން މިނިސްޓަރ ވިދޅުވިއެވެ.

މި ސްކޮލާޝިޕަށް ހޮވޭ ފަރާތްތަކަށް ކިޔެވުމުގެ ހަރަދާއި، މުސާރައާ އެއްވަރުގެ އެލަވަންސްގެ އިތުރުން ދެކޮޅު ޓިކެޓް ދިނުމަށްވަނީ ހަމަޖެހިފައެވެ. މިސްކޮލާޝިޕަށް ހޮވޭ ފަރާތްތަކުން ކަނޑައެޅޭ ސަރުކާރުގެ ސްކޫލެއްގައި ވަކި މުއްދަތަކަށް، ހިދުމަތްކުރުމަށްވަނީ ހަމަޖެހިފައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.