ނައިބުރައީސް، ބަންގްލަދޭޝްގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުން. ފޮޓޯ:ރައީސްއޮފީސް

ނައިބުރައީސް، ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ބުދަ 24 ނޮވެމްބަރ 2021 | ހަމްޒާ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބަންގްލަދޭޝްއަށް މިހާރު ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ދަތުރުފުޅުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު، ޝައިޚް ޙަސީނާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. 

Advertisement


މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ، މިއަދު މެންދުރުފަހު ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ވަނީ، ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮންނަ ގުޅުމަކީ އެތައް ޒަމާންތަކަށް ދެމިގެން ގޮސްފައިވާ ގާތް ގުޅުމެއްކަން ފާހަގަކުރައްވާފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ބަންގްލަދޭޝްގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބާއާއި، ބަންގްލަދޭޝްގެ ފައުންޑިންގ ލީޑަރ ޝައިޚް މުޖީބުއްރަޙްމާންގެ 100 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ މުނާސަބަތުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ބަންގްލަދޭޝްގެ ބޮޑުވަޒީރަށް އަރިސްކުރައްވާފައެވެ. އަދި ދެބޭފުޅުން ވަނީ، ދެޤައުމުގެ ދެމެދު އެއްބަސްވުންތައް ބަދަލުކުރުމާއި، ދެޤައުމުގެ މެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ބަންގްލަދޭޝްގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑްވާންސްޑް ނާސިންގ އެޑިއުކޭޝަން އެންޑް ރިސާޗް (އެން.އައި.އޭ.އެން.އީ.އާރު.) އަށް ޒިޔާރަތްކުރައްވާފައެވެ. އަދި އެތަނުގައި ތިއްބެވި ބަންގްލަދޭޝްގެ ވަފްދުގެ ބޭފުޅުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އެމަނިކުފާނު ބަންގްލަދޭޝްއަށް ކުރެއްވި ޒިޔާރަތުގައި އެޤައުމުން އެމަނިކުފާނަށް ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެއާއި ބަންގްލަދޭޝްއަކީ އެތައް އަހަރެއްވީ ގާތްގުޅުމެއް އޮންނަ ދެ ޤައުމުގެ އިތުރުން ދެ ޤައުމަކީވެސް ގިނަ ކަންކަމުގައި ކަންކުރާ ގޮތްތަކާއި، ހިފަހައްޓާ އުސޫލުތައް ވަރަށް އެއްގޮތް ދެ ޤައުމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ޒުވާނުންގެ ތަރައްޤީއާއި، ދުޅަހެޔޮ ކަމަށާއި ޞިއްޙީ ޚިދުމަތްތައް ލާމަރުކަޒީ އުޞޫލުން ތަރައްޤީކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު ވަނީ، ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރ، ޒާހިދު މަލީކްއާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބަންގްލަދޭޝްގެ މިނިސްޓަރ ވަނީ، ޞިއްޙީ ދާއިރާ ކުރިއަރުވައި ތަރައްޤީކުރުމަށް ފަންނީ އަދި ވޮކޭޝަނަލް ތަމްރީނާއި، ޞިއްޙީދާއިރާގެ ވަކި ރޮނގުތަކަށް ޚާއްޞަވުމަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން ދެ ބޭފުޅުން ވަނީ، ޞިއްހީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން، ހުނަރާއި ތަޖުރިބާ ޙިއްޞާކުރުމާއި ބަންގްލަދޭޝްގެ ޚާއްޞަ ޑޮކްޓަރުންނާއި ޞިއްޙީ މާހިރުން ހިމެނޭ ޓީމެއް ރާއްޖެއަށް ޒިޔާރަތްކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ހަމަ އެހެންމެ ދިވެހި ޞިއްޙީ ޚިދުމަތްތެރިންގެ ހުނަރާއި ތަޖުރިބާ އިތުރުކުރުމާއި، ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ދިވެހި ޞިއްޙީ ޚިދުމަތްތެރިންނަށް ބަންގްލަދޭޝްގައި ތިބެ ކުރު މުއްދަތުގެ ހުނަރާއި ތަޖްރިބާ ހޯދުމަށް މަގުފަހިކުރުމާއި ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ބަންގްލަދޭޝްގެ ހެލްތު މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ކޯވިޑް-19ގެ ވެކްސިން ދިނުމުގައި ވަކި ޤައުމެއްގެ ބައެއް ތަފާތުކުރުމެއްނެތި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ވެކްސިންގެ ދެ ޑޯޒް ހިލޭ ފޯރުކޮށްދީ ވެކްސިން ދިނުމުގެ މަސައްކަތް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާތީ އެކަމަށްޓަކައި ރާއްޖެއަށް ތަޢުރީފު ކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވެސްވަނީ، ކޯވިޑް-19 ބަންގަލްދޭޝްގައި ފެތުރުން ކޮންޓްރޯލް ކުރުމުގައި އެޤައުމުން އަމަލުކުރި ގޮތުގެ ފުރިހަމަކަން ފާހަގަކުރައްވައި، ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތަޢުރީފުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބަންގްލަދޭޝްއަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުންގެ ހިމެނޭ ވަފްދެއް ބައިވެރިވަޑައިގަންނަވައެވެ.

-



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.