ނައިބުރައީސް، ބަންގްލަދޭޗްއަށް ކުރެއްވި ސަތުރުފުޅުގެ ތެރެއިން. ފޮޓޯ: ރައީސްއޮފީސް

ނައިބުރައީސް، ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ބުދަ 24 ނޮވެމްބަރ 2021 | ހަމްޒާ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަޞީމް، ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިރޭ ނިންމަވާލައްވައިފިއެވެ. 

Advertisement


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބަންގްލަދޭޝްއަށް މި ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ބައެއް ބޭފުޅުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މަތީ ފަންތީގެ ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބަންގްލަދޭޝްއަށް ވަޑައިގެންނެވީ، ހޯމަ ދުވަހުގެ ހެނދުނުއެވެ. އެމަނކުފާނު ބަންގްލަދޭޝްއަށް ވަޑައިގެންނެވުމާއެކު އެޤައުމުގެ ފޮރިން މިނިސްޓަރ ވަނީ، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ހަޒްރަތު ޝަހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރްހަބާ ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ، ބަންގަބަންދު މިއުޒިއަމްއާއި ބަންގްލަދޭޝް-ކޮރެއާ ޓެކްނިކަލް ޓްރެއިނިންގ ސެންޓަރ (ބީ.ކޭ.ޓީ.ޓީ.ސީ) ފަދަ މުހިންމު ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ، ރާއްޖޭގެ ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއިން ފަންނީ ޤާބިލުކަން އިތުރުކުރުމަށް ގުޅިގެން މަސައްކަތްކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ބަންގްލަދޭޝްގެ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ.އޭ.ކޭ. ޢަބްދުލް މޮމެންއާއި، މިނިސްޓަރ އޮފް އެކްސްޕެޓްރިއޭޓްސް ވެލްފެއަރ އެންޑް އޯވަރސީސް އެމްޕްލޯއިމަންޓް އިމްރާން އަޙްމަދާއި، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އެމް.ޑީ. ޒާހިދު އަހްސަން ރަސަލްއާއި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ދީޕޫ މޮނީއާއި، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރ ޒާހިދު މަލީކްއާ ބައްދަލުކުރައްވާފައެވެ. މީގެއިތުރުން މި ބައްދަލުވުންތަކަށްފަހު އެމަނިކުފާނު ވަނީ، ބަންގްލަދޭޝްގެ އެކި އިދާރާތަކުން ދިވެހި ދަރިވަރުންނަށް ދެއްވި ސްކޮލަރޝިޕްގެ ފުރުޞަތުތައް ޤަބޫލުފުޅު ކުރައްވާފައެވެ.

ހަމައެއާއެކު މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ބަންގްލަދޭޝްގެ ރައީސް ޢަބްދުލް ޙާމިދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ، އިއްޔެ ބަންގްލަދޭޝްގެ ރިޔާސީ ގަނޑުވަރުގައެވެ. މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ޑާކާގެ ހޮޓެލް އިންޓަރކޮންޓިނެންޓަލްއަށް ވަޑައިގެން، ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވާފައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއްކުރައްވައި މަޝްވަރާކުރައްވާފައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.