މާބަނޑު ދުވަސްވަރު ކަސްރަތުކުރުން މުހިންމު--

މާބަނޑު ދުވަސްވަރު ކަސްރަތު ކުރުމުގެ މުހިންމުކަމާއި ކުރަންވީ ކަސްރަތުތައް

ބުރާސްފަތި 25 ނޮވެމްބަރ 2021 | ލަޒީނާ ޢަބްދުالله

މާބަނޑު ދުވަސްވަރު ކަސްރަތު ކުރުމަކީ މައިމީހާއާއި ދަރިފުޅަށްވެސް އޭގެ ހެޔޮ އަސަރުކުރާނެ ކަމެކެވެ. މާބަނޑު ދުވަސްވަރު ގަވާއިދުން ކަސްރަތުކުރުމުން މާބަނޑުވުން ދިމާވާ ތަފާތު އެކި ކަހަލަ ސިއްހީ މައްސަލަތަކުން ދުރުކޮށްދެއެވެ. އެ ގޮތުން ހަކުރުމައްޗަށް ދިޔުމާއި ޕްރެޝަރ މަތިވުމުން ދުރުކޮށްދީ، ބުރަކަށި، ފައި ފަދަ ތަންތަނުގައި ރިއްސުން ގަވާއިދުން ކަސްރަތުކުރުމުން ކުޑަކޮށްދެއެވެ.

Advertisement


އޭގެ އިތުރުން މާބަނޑު ދުވަސްވަރު ކަސްރަތު ކުރުމުން ބަރުދަން މާބޮޑަށް މަތިވިޔަ ނުދީ އެއް ހަމައެއްގައި ހިފަހައްޓައިދެއެވެ. އެކަމުގެ ސަބަބުން މީހާ ހެލިފެލިވެ އުޅުމަށާއި ހޯމޯން އެއް ހަމައެއްގައި ހިފެހެއްޓުމަށް ފަސޭހަވެގެންދެއެވެ. އަދި ވިހެއުމަށްފަހު ބަރުދަން ލުއިކުރުމަށްވެސް ފަސޭހަވެގެންދެއެވެ.

މާބަނޑު ދުވަސްވަރު ކުރިމަތިވާ ތަފާތު އެކި ކަހަލަ އުނދަގޫތަކުން ދުރުކޮށްދިނުމުގައިވެސް ކަސްރަތު ކުރުން މުހިންމު ރޯލެއް އަދާކުރެއެވެ. އެގޮތުން ގައިގައި ރިހުމާއި ހާސްވެ ކަންބޮޑުވުމާއި ނިދަން އުނދަގޫވުމާއި ޑިޕްރެޝަންއާއި އެންޒައިޓީ ފަދަ ކަންތައްތަކުން މީހާ ދުރުކޮށްދެއެވެ. އޭގެ އިތުރުން ދުވަސްނުފުރާ ވިހެއުމާއި ސިޒޭރިއަން ހަދަން ޖެހުމުގެ ފުރުސަތު ކުޑަކޮށްދީ، ވިހެއުމަށް ފަސޭހަވެގެންދެއެވެ.

މާބަނޑު ދުވަސްވަރު ކަސްރަތު ކުރުމުގެ މާނައަކީ ޖިމަށްގޮސް ގަދައަށް ކަސްރަތުކޮށް ނުވަތަ ގަދައަށް ދުވެ ހެދުމެއް ނޫނެވެ. ގޭގައި އާދައިގެ ލުއި ކަސްރަތުތައް ކޮށްލުމުންވެސް ފުދޭނެއެވެ. ކިތަންމެ ލުއި ކުޑަ ކަސްރަތެއް ނަމަވެސް ގަވައިދުން ކުރާނަމަ ހީނުކުރާހާ ބޮޑު ބަދަލެއް ފެނިގެންދާނެއެވެ. ތިރީގައި މިވަނީ މާބަނޑު ދުވަސްވަރު ކުރެވިދާނެ ކަސްރަތު ތަކެކެވެ. ނަމަވެސް ކަސްރަތު ކުރަން ފެށުމުގެ ކުރިން ޑޮކްޓަރުގެ ލަފާ ހޯދުމަށް ހަނދާން ކުރާށެވެ.

ހިނގުން

ހިނގުމަކީ މާބަނޑުވާކަން އެނގޭ ހިސާބުންވެސް ކުރެވިދާނެ ކަސްރަތެކެވެ. މީ ކަސްރަތުކުރަން ފަށައިގަންނަން ކުރަން އެންމެ ރަނގަޅު ކަސްރަތެވެ. ދުވާލަކު މަދުވެގެން ދެ ފަހަރު ހިނގާލަން ވާނެއެވެ. ކޮންމެ އިރަކު 10 – 15 މިނިޓް ހިނގާލުމުންވެސް ނަތީޖާ ފެންނާނެއެވެ.

ފެތުން

ފެތުމަކީ މުޅި ހަށިގަނޑަށް ކަސްރަތު ލިއްބައިދޭނެ ކަމެކެވެ. ފަތަން ނޭނގޭނަމަ، ކަރުތާފެނަށް މޫދަށް އެރިގެން އޮތުމުންވެސް ހަށިގަނޑަށް ކަސްރަތު ލިބިދޭނެއެވެ. ނަމަވެސް ވީ ވަރަކުން މަޑުމަޑުން ހަރަކާތްކުރަން ވާނެއެވެ. ހަމައެއާއެކު މޫދުގައި މަޑުމަޑުން ހިނގާލުމުންވެސް ހަށިގަނޑަށް ލުއިވާނެއެވެ.

ޔޯގާ

ޔޯގާއަކީ ފަސޭހައިން ގޭގައި ކުރެވިދާނެ ކަސްރަތެކެވެ. ބަނޑުބޮޑު ދުވަސްވަރު ކުރަން ހާއްސަ ޔޯގާ ޕޯސްތައް ހުރެއެވެ. އޭގެ ތެރޭގައި އިށީދެގެން ނުވަތަ އޮށޯވެގެންވެސް ކުރެވިދާނެ ޔޯގާ ޕޯސްތައް ހުރެއެވެ.

ސްޓެބިލިޓީ ބޯލް

ސްޓެބިލިޓީ ބޯޅައެއް ބޭނުންކޮށްގެންވެސް ވަރަށް ގިނަ ކަސްރަތުތައް ކޮށްލެވިދާނެއެވެ. އެ ގޮތުން ނީ ޕުލްސް، ހިޕް ފްލެކްސާ ރޮކް، ރޯލިން ޕުލް އިންސް، ހޮވާ ނީޕުލްސް، ބޯލް ހޮވާރސް ފަދަ ކަސްރަތުތައް ސްޓެބިލިޓީ ބޯޅައެއް ބޭނުންކޮށްގެން ކޮށްލެވިދާނެއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.