ޖޮއިންޓް އިންޓަރ އޭޖެންސީ އޮޕަރޭޝަން ސެންޓަރ ހުޅުވުން

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާނެ ސެންޓަރެއް ހުޅުވައިފި

އަންގާރަ 07 ޑިސެމްބަރ 2021 | އުލާ

ޓެރަރިޒަމްގެ ޙަމަލާތައް ފަދަ ޤައުމީ ސަލާމަތަށް ނުރައްކާވާ ޙާލަތްތަކުގައި ޤައުމީ ފެންވަރުގެ ހުރިހާ މުއައްސަސާއެއް ގުޅުވައިދޭ މައި އޮޕަރޭޝަނަލް ހަބުގެ ގޮތުގައި މަސައްކަތްކުރުމަށްޓަކައި، ޖޮއިންޓް އިންޓަރ އޭޖެންސީ އޮޕަރޭޝަން ސެންޓަރ (ޖަޔޮކް)ގެ ނަމުގައި ޤާއިމްކޮށްފައިވާ ސެންޓަރ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުއްވައިދެއްވައިފިއެވެ.

Advertisement


މިކަމަށްޓަކައި ބަންޑާރަކޮށީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި އެމް.އެން.ޑީ.އެފްގެ ލީޑަރޝިޕުގެ ބޭފުޅުންނާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޖަޔޮކްގެ މަސައްކަތަކަށްވާނީ، ޓެރަރިޒަމްގެ ޙަމަލާތައް ފަދަ ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލުމަށް ރާވަންޖެހޭ ރޭވުންތައް ރާވައި، ޕްލޭންތައް ފަރުމާކޮށް، އޮޕަރޭޝަންތައް ހިންގުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ޓްރާންސްނޭޝަނަލް ސެކިއުރިޓީ ތްރެޓްތައް ނުވަތަ ޤައުމެއްގެ ބޯޑަރު ފަހަނައަޅާ، މުޅި ސަރަޙައްދަށް އޭގެ ބިރާއި ނާމާންކަން ފެތުރިފައިވާ ނުރައްކާތަކުގެ ތެރޭގައި ހިމެނޭ ކްރޮސްބޯޑަރ ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ، ސަލާމަތީ ނަޒަރަކުން، ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ރާއްޖޭގައި ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ މޫތައް އިތުރަށް ވަރުގަދަވެ، ޓެރަރިސްޓް ނެޓްވަރކްތައް އިތުރަށް ފުޅާވެ، ދިވެހި އެތައް ދަރިންނެއް، އުފަން ފަސްގަނޑު ދޫކޮށް، ހަނގުރާމަތަކުގައި ބައިވެރިވުމަށްޓަކައި ރާއްޖެއިން ބޭރަށް ފިލައިގެންދަނިކޮށް، 2019 ވަނަ އަހަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުންވަނީ ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ ދިވެހި ޤައުމާއި ރައްޔިތުންނަށް އޮތް ނުރައްކަލެއްކަން ދެކެވަޑައިގެން، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާނީ "ޒީރޯ ޓޮލަރެންސް ޕޮލިސީ"އެއްކަން އިއުލާންކުރައްވާފައެވެ. 

ހަމައެއާއެކު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އިސްނަންގަވައިގެން، ޓެރަރިޒަމްގެ ޤާނޫނަށް އިސްލާޙުގެންނެވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅުއްވާފައެވެ.

މިއިސްލާޙުގައިވާ ކަންކަން ތަންފީޒުކުރަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރެއްވި މަސައްކަތްޕުޅުން، މުޅިން އަލަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ރެސްޕޮންސް ޕްލޭނެއް މިހާރު އެކުލަވާލެވިފައިވެއެވެ. 

މިއަދު މިހުޅުވުނު "ސްޓޭޓް އޮފް ދަ އާރޓް" އަދި "ނެޓްވޯކް ސެންޓްރިކް ކަނެކްޓިވިޓީ" ޤާއިމްކުރެވިފައިވާ ޖޮއިންޓް އިންޓަރއޭޖަންސީ އޮޕަރޭޝަން ސެންޓަރ (ޖަޔޮކް) ވުޖޫދަށް ގެންނެވުމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ޚާއްޞަ އިސްކަމެއް ދެއްވާފައިވާކަން ފާހަގަކޮށް އެމްއެންޑީއެފުން ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.