ކުރީގެ ހޯމް މިނިސްޓަރ، އުމަރު ނަސީރު. ފޮޓޯ: ސޯޝަލް މީޑިއާ

ޢުމަރު ނަޞީރުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފި

އަންގާރަ 07 ޑިސެމްބަރ 2021 | ހަމްޒާ

ކުރީގެ ހޯމް މިނިސްޓަރ، އުމަރު ނަސީރުގެ މައްޗަށް ދައުވާކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

Advertisement


އޭސީސީން ބުނީ، 2015 ވަނަ އަހަރުގެ ތެރޭގައި މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން, ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އޭރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރުއާ ވިޔަފާރީގެ ގޮތުން ގާތްގުޅުމެއް އޮންނަ ފަރާތެއްގެ ކުންފުންޏަކަށް ކަމަށް ބުނާ މައްސަލަ ތަހުގީގުކޮށް ނިންމައި، އެމައްސަލާގައި އުމަރު ނަސީރުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މިއަދު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އަދި އެފަރާތުގެ މައްޗަށް ދައުވާކުރުމަށް އެދި ކޮމިޝަނުން ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ)ގެ ދަށުން, ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކަމަށް އޭސީސީން ބުނެއެވެ. މި މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި އިލެކްޓްރޯނިކް ޓެގް ބޭނުންކޮށްގެން ކުށްވެރިން ބެލެހެއްޓުމުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކޮށްފައިވާ އިއުލާނާ ގުޅޭ ކަންކަން އެ މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް އަމަލުކުރަމުންދާ އުސޫލުގެ ބޭރުން، އޭރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރުގެ ބެލުމުގެ ދަށުން އޭނާގެ އިރުޝާދުގެ ދަށުން ކަމަށް އޭސީސީން ބުނެއެވެ.

އަދި އެ އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑުތަކުގެ ތެރެއިން، ޓެގް އަޅުވައި ބަލަހައްޓާނެ ގޮތުގެ ޓްރަޔަލް ދައްކާފައިވާ ސްޓެލްވާޓް މޯލްޑިވްސް ޕވޓ ލޓޑގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ 04 ފަރާތަކީވެސް އުމަރު ނަސީރުއާ ގާތްގުޅުން އޮންނަ ފަރާތްތަކެއް ކަމަށް އޭސީސީން ބުނެއެވެ .އޭގެތެރެއިން ދެ ހިއްސާދާރުންނަކީ އުމަރުގެ ވިޔަފާރި ޕާޓްނަރުން ކަމަށްވާތީ، ދައުލަތުގެ މާލިއްޔަތު ގަވާއިދު 2009ގެ ބާބު 15ގެ 3 ވަނަ މާއްދާގެ (ނ)ގެ 8ގައި ބަޔާންކޮށްފައިވާ ގޮތަށް އެފަރާތްތަކަކީ އޭނާގެ ކްލޯޒް އެސޯސިއޭޓުންނެވެ. އެހެންކަމުން، ސްޓެލްވާޓަކީ އުމަރު ނަސީރުއާ މަސްލަހަތު ފުށުއަރާ ފަރާތްތަކެއްގެ ކުންފުންޏެއް ކަމަށާއި އެހެންނަމަވެސް، ސްޓެލްވާޓުން ދެއްކި ޓެގް ޓްރައަލް އިވެލުއޭޓް ކުރުމަށް އުމަރު ނަސީރު އަމިއްލައަށް ޓެކްނިކަލް ކޮމެޓީއެއް ކަނޑައަޅައި، އެ ކޮމެޓީގެ ޗެއަރގެ ގޮތުގައި ބައިވެރިވެފައިވާ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.

މީގެއިތުރުން އޭސީސީން ބުނީ، ސްޓެލްވާޓުން ޓްރައަލް ޕީރިއަޑްގައި ބޭނުންކޮށްފައިވާ ޓެގާއި އެއާގުޅޭ އިލެކްޓްރޯނިކް ސާމާނަކީ މި ޚިދުމަތުގައި ބޭނުންކުރުމަށް އެކަށީގެންވާ ތަކެތިކަމަށް ޓެގް ޓްރަޔަލް އިވެލުއޭޓްކުރާ ކޮމެޓީން ނިންމާފައި ވީނަމަވެސް، މި މަސައްކަތް ސްޓެލްވާޓާ ހަވާލުކުރުމަށް އެކޮމެޓީން ނިންމާފައިނުވާ ކަމަށެވެ. އަދި ތަކެތި ގަތުމާއި ޚިދުމަތް ހޯދުމަށް، މަސައްކަތާ ހަވާލުވާނެ ފަރާތެއް ކަނޑައަޅަންވާނީ އަންދާސީ ހިސާބު ބަލާ ކޮމިޓީން ބަލާއިރު އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތަށް ކަމަށް އޭރު އަމަލުކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތު ގަވާއިދު 2009ގެ 8.20ގައި ބަޔާންކޮށްފައިވާއިރު، މި މަސައްކަތް މިނިސްޓްރީ އޮފް ހޯމް އެފެއާރޒުގައި އޭރު އެކުލަވާލާފައި އޮތް ބިޑު ކޮމެޓީއަށް ހުށަހަޅާފައިނުވާކަމަށްވެސް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ، ހަމައެކަނި ޓެގް ޓްރަޔަލް އިވެލުއޭޓްކުރާ ކޮމެޓީން ނިންމި ނިންމުމަށް ބިނާކޮށް މި މަސައްކަތް ސްޓެލްވާޓާ ހަވާލުކުރުމުގެ ހުއްދައަށް އެދި، އަދި އެފަރާތަށް އެޑްވާންސް ފައިސާ ދިނުމުގެ ލަފައަށް އެދި އުމަރު ނަސީރު ސޮއިކޮށް މިނިސްޓްރީ އޮފް ފިނޭންސަށް ސިޓީ ފޮނުވާފައިވާކަން ތަހުގީގުން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން، ދައުލަތުގެ މާލިއްޔަތު ގަވާއިދު 2009ގެ 8.20އާ ޚިލާފަށް ބިޑު ކޮމެޓީއަށް ހުށަނާޅާ މި މަސައްކަތް ސްޓެލްވާޓާ ހަވާލުކުރުމުގެ ޕްރޮސެސް ކުރިޔަށް ގެންގޮސްފައިވަނީ އުމަރު ނަސީރަށް ލިބިގެން ނުވާ ބާރެއް ބޭނުންކޮށް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ސްޓެލްވާޓަށް ފައިދާ ހޯދައި ދިނުމަށްކަން މި މައްސަލައިގެ ތަހުގީގުން ފާހަގަކުރެވޭ ކަމަށްވެސް އޭސީސީން ބުނެއެވެ.

މީގެއިތުރުން ސްޓެލްވާޓުން ބިޑު ހުށަހެޅިއިރު ބިޑުގައި އެޑްވާންސްގެ ގޮތުގައި ބޭނުންވާނެ ކަމަށް ބަޔާންކޮށްފައިވާ 500,000 ރުފިޔާ ސްޓެލްވާޓަށް އެޑްވާންސްގެ ގޮތުގައި ދިނުމުގެ ހުއްދައަށް އެދިފައިވަނީ، އަދި އެ ފައިސާ އެ ކުންފުންޏަށް ދީފައިވަނީ، އެ ކުންފުންޏަށް މަސައްކަތް އެސްޓެބްލިޝްކުރަން ފަސޭހައަކަށްކަމާއި، އަދި އެ ކުންފުނިން ލޯނު ނަގަންޖެހޭތީކަން އޭސީސީގެ ތަހުގީގަށް ވަނީ އެނގިފައެވެ.

އެހެންކަމުން، މި މަސައްކަތް ސްޓެލްވާޓާ ހަވާލުކޮށްފައިވަނީ އޭރުގެ މިނިސްޓަރ އޮފް ހޯމް އެފެއާޒް އުމަރު ނަސީރު އޭނާގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ސްޓެލެވާޓްއަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށްކަން މި މައްސަލައިގެ ތަހުގީގުން އެނގޭކަމަށްވެސް އޭސީސީން ބުނެއެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.