ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ޕްރޮގްރާމްތައް ފުރިހަމަކުރި ގައިދީންނަށް ސެޓްފިކެޓްދިނުން. ފޮޓޯ:އެމް.ސީ.އެސް

މިހާރަށްވުރެ ރަނގަޅަށް ޖަލުގައި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް ދަނީ މަސައްކަތްކުރަމުން - ކޮމިޝަނަރ އޮފް ޕްރިޒަންސް

އަންގާރަ 07 ޑިސެމްބަރ 2021 | ހަމްޒާ

ޖަލުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް މިހާރަށްވުރެ ރަނގަޅުކޮށް ފުޅާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.

Advertisement


ކޮމިޝަނަރ އޮފް ޕްރިޒަންސް މިހެން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން ޤައިދީންނަށް އަމާޒުކޮށްގެން ހިންގާ ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ޕްރޮގްރާމްތައް ފުރިހަމަކުރި ގައިދީންނަށް ސެޓްފިކެޓް ދިނުމުގެ މިއަދު މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮމިޝަނަރގެ ވާހަކަފުޅުގައި ޖަލު ހިންގުމުގެ އެންމެ މައިގަނޑު މަގްޞަދަކީ ޖަލަށް ގެނެވޭ މީހުން ހެޔޮ ގޮތުގައި އަނބުރާ މުޖްތަމަޢުއަށް ނެރުންކަން ފާހަގަކުރެއްވިއެވެ. އަދި އެކަމަށް ކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޖަލުގައި ހިންގާ އެކި ތަފާތު ތަމްރީން ޕްރޮގްރާމްތައް ފުރިހަމަކޮށް، އޭގެ ހެޔޮގޮތުގައި ބޭނުންހިފައި، ޢަމަލީ މައިދާނުގައި އެ ޢިލްމުގެ ބޭނުންހިފާތަން ފެނުންކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. ޢިލްމު އުނގެނުމަކީ ވަކި އުމުރަކަށް، ވަކި ފަންނަކަށް އަދި ވަކި މީހަކަށް އޮންނަކަމެއް ނޫންކަމަށާއި، މި ޕްރޮގްރާމްތަކަށްފަހު ޢިލްމު އުނގެނުން ހުއްޓާނުލައި، އަމިއްލަ ފަރުދެއްގެ ގޮތުން ތަޢުލީމީ ރޮނގުން ކުރިއެރެން އޮތްގޮތްތައް ބަލައި އެކަން ހާޞިލްކުރުމަށް މަސައްކަތްކުރުމަށް ދަސްވެނިންނަށް ކޮމިޝަނަރ އިލްތިމާސްކުރެއްވިއެވެ.

ސަރުކާރުން ޖަލުގެ ނިޒާމް ހިންގުން ހަރުދަނާކުރުމުގެ ގޮތުން އިސްކަންދެއްވާ ދެ ސިޔާސަތަކަށް އަލިއަޅުއްވާލައްވައި ސީޕީ ވިދާޅުވީ، ޖަލުގެ އާބާދީ ކުޑަކުރުމަށް ކޮމިއުނިޓީ ސަރވިސްފަދަ ކަންތައްތައް ކުރުމާއި ޖަލުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް މިހާރަށްވުރެ ރަނގަޅުކޮށް ފުޅާކުރުމަށް މަސައްކަތްކުރައްވާ ކަމަށެވެ. ކޯވިޑް-19 އާ ގުޅިގެން ރޭވިފައިވާ ކަންތައްތައް އެ ތަރުތީބުން ކުރިއަށް ނުގެންދެވުނު ނަމަވެސް، މާފުށީ ޖަލުގައާއި އައްސޭރި ޖަލުގައި އިމާރާތްކުރާ ރިހެބިލިޓޭޝަން ސެންޓަރު ނިމުމުން، މިހާރު ޖަލުގައި ތިބި އާބާދީގެ ނިސްބަތުން 50 އިންސައްތަ އަށްވުރެ ގިނަ ޤައިދީންނަށް އެކި ޕްރޮގްރާމްތަކުގައި ޝާމިލްކުރެވޭނެ ޕިޒިކަލް އިންފްރާސްޓަރަކްޗަރ ޖަލުގައި ޤާއިމުކުރެވިގެންދާނެ ކަމަށާއި އޭގެ ސަބަބުން ވޮކޭޝަނަލް ތަމްރީންތައް ފުޅާކުރެވި، ތަމްރީންތަކުގައި ހިމެނޭ ފަރާތްތައް އިތުރުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ވެދެއްވާ ފަންނީ އެހީތެރިކަން ފާހަގަކުރައްވާ، ކޮމިޝަނަރ އަދި މުވައްސަސާގެ ނަމުގައި ވަރަށް އިޙްލާސްތެރިކަމާއެކު ޝުކުރު ދެންނެވިއެވެ.

މި ރަސްމިއްޔާތު ޝަރަފްކޮށްދެއްވީ، މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް ޢަލީ ނަޒީރުއެވެ. މީގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުޙައްމަދުފުޅު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީއާއި މާފުށީ ޖަލުގެ ޑިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަޙްމަދު ޖާދުﷲ އާއި ސީނިއަރ މެނޭޖްމަންޓް ގެ އިތުރުން ދައުވަތު އެރުވި މެހެމާނުން މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރިހެބިލިޓޭޝަން ފްރޭމްވަރކްގެ މަގްސަދަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމައުއަށް ނުކުންނައިރު އެމީހުންނަކީ މުޖްތަމައު ބަލައިގަންނަ ފަދަ ހިދުމަތްތެރި، މަސައްކަތްތެރި މީހުންނަށް ހެދުމެވެ.

މި ރަސްމިއްޔާތުގައި ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ޕްރޮގްރާމްތައް ކަމުގައިވާ ޤިރާއަތު ކޯސް ލެވެލް 1، 2 އަދި ޑިޕްލޮމާ، ސެޓްފިކެޓް 1 އިން ކޮމްޕިއުޓަރ އެޕްލިކޭޝަން، ސެޓްފިކެޓް 2 އިން އެސެންޝަލް އެގްރިކަލްޗަރ، ސެޓްފިކެޓް 1 އިން ހައުސް ވައިރިންގ އެންޑް އިލެކްޓްރިޝަންގެ އިތުރުން އެސް.އެސް.ސީ އަދި އޯ ލެވެލް ނިންމި ޤައިދީންނަށް ވަނީ ސެޓްފިކެޓް ޙަވާލުކޮށްފައެވެ. މިގޮތުން ޖުމްލަ 44 ޤައިދީން އެކި ކޯސްތަށް ފުރިހަމަކޮށްފައިވާއިރު، މި ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކޮށްފައިވަނީ މި ވަގުތު ޖަލުގައި ތިބި 24 ޤައިދީންނަށެވެ. މީގެތެރެއިން ހަޔަރ ޑިސްޓިންކްޝަން ހާޞިލްކުރި 11 ޤައިދީންނަށް ޝަރަފްވެރި މެހެމާން ވަނީ މެޑަލް ޙަވާލުކޮށްފައެވެ. މީގެއިތުރުން މި ޕްރޮގްރާމްތަކުގައި ކިޔަވާދެއްވި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒާއި، އެމްސީއެސްގެ ފެސިލިޓޭޓަރުންނަށް އަގުވަޒަން ކުރުމުގެ ގޮތުން ވަނީ ހަނދާނީ ލިޔުން ޙަވާލުކޮށްފައެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.