
ތަރިންގެ މެދުގައި ހުންނަ އުމުރުގެ ފަރަގު، ސާރާއަށް މައްސަލައަކަށްނުވި
ބޮލީވުޑްގައި އަންހެނުންނާއި ފިރިހެނުން ތަފާތުކުރާ ކަމަށް ދެކެވޭ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ހާއްސަކޮށް އުމުރުން ކިތަންމެ ދުވަސްވިޔަސް ފިރިހެން ތަރިންނަށް ފިލްމުތަކުން ލީޑު ރޯލުގެ ޖާގަ ލިބޭއިރު، އަންހެން ތަރިންނަށް އެ ފުރުސަތު ނުލިބޭ ވާހަކައަކީ އަބަދުވެސް ބޮލީވުޑްގައި ދައްކާ ވާހަކައެކެވެ. ނަމަވެސް ފިލްމުތަކުގައި އަންހެން ތަރިންނާއި ފިރިހެން ތަރިންގެ މެދުގައި ހުންނަ އުމުރުގެ ފަރަގު ސާރާ އަލީ ހާންއަށް މައްސަލައަކަށްނުވިއެވެ.

ސާރާގެ ކުރިއަށް އޮތް ފިލްމު "އަތުރަންގީ ރޭ"ގައި ހަރަކާތްތެރިވާ ތަރިންކަމަށްވާ އަކްޝޫ ކުމާރާއި ދަނޫޝްއަކީވެސް ސާރާއަށްވުރެ އުމުރުން ދޮށީ ދެތަރިންނެވެ. އެ ގޮތުން ދަނޫޝްއަކީ ސާރާއަށްވުރެ 12 އަހަރު ދޮށީ ތަރިއަކަށް ވާއިރު، އަކްޝޭއަކީ ސާރާއަށްވުރެ 28 އަހަރު ދޮށީ ފަރާތެކެވެ. ނަމަވެސް މިކަން ސާރާއަކަށް އެއްވެސް މައްސަލައަކަށްނުވިއެވެ.
ފިލްމުތަކުގައި ތަރިންގެ މެދުގައި ހުންނަ އުމުރުގެ ފަރަގާއި ގުޅޭ ގޮތުން ސާރާ ބުނީ އެއީ ޑައިރެކްޓަރުގެ އަތްމަތީގައި އޮންނަ ކަމެއް ކަމަށާއި ޑައިރެކްޓަރަށް އިތުބާރު ކުރަން ޖެހޭ ކަމަށެވެ. އަދި ޑައިރެކްޓަރގެ ހިޔާލާއި އެކްޓަރަށް އެއްބަސް ވެވިއްޖެނަމަ އިތުރަށް އެކަމުގައި މައްސަލައެއް ނެތް ކަމަށެވެ.
"ޑައިރެކްޓަރަށް ފުރިހަމައަށް އިތުބާރުކުރަން، ފިލްމަށް ތަރިން ނަގާނީ ވަރަށް ބޮޑަށް ބެލުމަށްފަހު،"
"އަތުރަންގީ ރޭ" އަކީ ލޯބީގެ ތަފާތު ވާހަކައެއް ކިޔައިދޭނެ ފިލްމަކަށްވާނެ ކަމަށާއި، ފިލްމު ބެލުމަށްފަހުގައި ނޫނީ ފިލްމަށް ފާޑު ނުކިޔުމަށް ފިލްމުގެ ޑައިރެކްޓަރ އާނަންދު އެލް ރާއީ ވަނީ އެދިފައެވެ. މި މަހު 24 ވަނަ ދުވަހު މި ފިލްމު ޕްރިމިއާ ކުރުމަށް ނިންމާފައިވަނީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިންނެވެ.