
ކުޑަކުދިން ސްކްރީން އިން ދުރުކުރުމަށް މި ލިސްޓްގެ ބޭނުން ހިފާ
ސުކޫލުތަކުގެ ފުރަތަމަ ޓާމް ޗުއްޓީފެށި ކުދިން ގޭގައި ތިބޭ ވަގުތު އިތުރުވީއެވެ. ޒަމާނަށް އައި ބަދަލާއިއެކު ގޭގައި ކުދިން ހޭދަކުރާ ގިނަ ވަގުތުތަކަކީ ފޯން، ޓީވީ، ޓެބްލެޓްފަދަ ތަކެތީގެ ސްކްރީނަށް ހުސްވެގެން ތިބޭ ވަގުތުތަކެވެ. އެކަމުގެ ސަބަބުން ކުޑަކުދިންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ލިބޭ ގެއްލުމަކީ އާ ވާހަކައެއް ނޫނެވެ. މިއީ ކުދިންނަށް ކިހާ ގެއްލުންހުރި ކަމެއްކަން ބެލެނިވެރިންނަށް އެނގުނު ނަމަވެސް ސްކްރީން ޓައިމް މަދުކުރުން ބެލެނިވެރިންނަށް އޮންނަނީ ބޮޑު ކަމަކަށް ވެފައެވެ. ތިރީގައިމިވަނީ މިކަމަށް އެހީވެދޭނެ ކުޑަ ކުޑަ ލިސްޓެކެވެ.

އުމުރާއި އެކަށީގެންވާ ގޮތައް ސްކްރީން ޓައިމް ކަނޑައެޅުން
ސްކްރީން ޓައިމް ކުޑަކުރުމަށް އެންމެ ފުރަތަމަވެސް ސަމާލުކަން ދޭންޖެހެނީ އުމުރާއި އެކަށީގެންވާ ވަރަށް ސްކްރީން ޓައިމް ކަނޑައެޅުމެވެ. އެމެރިކަން އެކަޑެމީ އޮފް ޕީޑިއޭޓްރިކްސް އިން ހާމަކޮށްފައިވާ "ސްކްރީން ޓައިމް ގައިޑްލައިން ބައި އޭޖް" ގައިވާ ގޮތުން އެންމެ ރަނގަޅީ އުމުރުން ދެ އަހަރު ނުވާ ކުދިންނަށް އެއްވެސް ގޮތަކަށް ސްކްރީން ނުދެއްކުމެވެ.
ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ ކުދިންނަށް ދުވާލަކު އެއް ގަޑިއިރު ސްކްރީން ދޮށުގައި ހޭދަކުރުން ރަނގަޅުއިރު، ހަ އަހަރާއި 10 އަހަރުގެ ކުދިންނަށް ރަނގަޅީ އެއް ގަޑިއިރު ނުވަތަ ދޮޅު ގަޑި އިރެވެ. 11 އަހަރާއި 13 އަހަރު ކުދިން ދެ ގަޑި އިރަށްވުރެ އިތުރަށް ސްކްރީން ދޮށުގައި ހޭދަކުރުން ރަނގަޅެއް ނޫނެވެ. ކުދިންނަށް ސްކްރީން ޓައިމް ދެވެނީ މި ގައިޑް ލައިންނާއި އެއްގޮތައް ކަމުގައި ނުވާނަމަ އަވަހަށް މި ގައިޑްލައިންނާއި އެއްގޮތައް އަމަލުކުރަން ފަށާށެވެ.
ސްކްރީން ޓައިމް ޕްލޭން ކުރުން
ދުވާލަކު އެ އިންނަ މިންވަރަށް ސްކްރީން ބެލުމަށް ކުދިންނަށް ފުރުސަތު ދިންނަމަވެސް، އެންމެ ރަނގަޅީ ދުވާލުގެ އެކި ވަގުތުތަކަށް ސްކްރީން ޓައިމް ބަހާލުމެވެ. އެއް ގަޑި އިރު ވަރު، ބްރޭކެއްނެތި ސްކްރީންނަށް ބަލަން އިނުމަކީ ރައްކާތެރި ގޮތެއް ނޫނެވެ. އެހެން ކަމުން ދުރާލާ ކުދިންނަށް ސްކްރީންދށުގައި ހޭދަކުރެވޭނެ ވަގުތުތައް ކަނޑައަޅާށެވެ. ބޭނުންނަމަ ޓޭބަލެއް ހެދުމަށްފަހު ކުދިންނަށް އާއްމުކޮށް ފެންނާނެ ތަނެއްގައި ބަހައްޓާށެވެ. އޭރުން ކުދިންވެސް އެއަށް އަމަލުކުރަން މަސައްކަތް ކުރާނެއެވެ.

ގޭތެރޭގެ މަސައްކަތްތަކުގައި ބައިވެރިކުރުން
ގިނަ ފަހަރައް ސްކްރީން ދޮށަށް ކުދިން ދޫކޮށްލެވެނީވެސް ބެލެނިވެރިން ބިޒީވުމުންނެވެ. ނަމަވެސް އޭގެ ބަދަލުގައި ކުދިންވެސް ބެލެނިވެރިންގެ އެ ބިޒީ ކަމުގައި ބައިވެރި ކުރުމުން، ކުދިން ސްކްރީންނަށް ގެއްލި ހުސްވެގެން ނުދާނެއެވެ. ތިމާގެ ބިޒީކަމުގައި ދަރިފުޅުވެސް ބިޒީ ކޮށްލާށެވެ. ގޭތެރޭގެ މަސައްކަތުގައި ކުއްޖާ ބައިވެރި ކުރާށެވެ.
ކުއްޖާއަށް ކުރެވޭ ވަރުގެ މަސައްކަތް ކުއްޖާލައްވާ ކުރުވާށެވެ. ތިން އަހަރުގެ ކުއްޖާ ލައްވާވެސް، ސާފުކުރުވާށެވެ. މި ބުނަނި މުޅިގެ ކުއްޖާ ސާފުކުރާ ވާހަކައެއް ނޫނެވެ. މިސާލަކަށް ގެ ސާފުކުރާ ވަގުތު ކުއްޖާ އަތައް ފޮތި ކޮޅެއް ދިނުމަށްފަހު، ކުޅޭ އެއްޗެހި ސާފުކުރުން ފަދަ ކަމެއް ކުރުވާ ވާހަކައެވެ. މި ގޮތައް އުމުރާއި ގުޅޭ ގޮތައް މަސައްކަތްކުރަން އާދަކުރުވާނަމަ، ކުދިން ބޮޑުވަމުންދާނީ ގޭތެރޭގެ މަސައްކަތްތައް ކުރަން އެނގި އެކަންތައްތައް ކުރުމަށް އާދަވެގެންނެވެ.
ފޮތް ކިޔުމާއި ލިޔުން
ޅައިރުންފެށިގެން ފޮތް ކިޔުމަށް ކުދިން އާދަކުރުވުމަކީ ސްކްރީން އިން ކުދިން ދުރުކުރުވުމަށް ކުރެވޭނެ އެންމެ މުހިންމު އެއް ކަންތަކެވެ. ނާރސަރީ ރައިމްސްއާއި ކާޓޫންގެ ބަދަލުގައި ކުދިންނަށް ފޮތްތައް ބޭނުންކޮށްގެން ރައިމްސްއާއި ވާހަކަތައް ކިޔައިދޭށެވެ. އެންމެ ތުއްތު އިރުން ފެށިގެން ކުދިންނަށް ފޮތް ކިޔައިދޭށެވެ. ކުދިންގެ އުމުރާއި އެކަށީގެންވާ ގޮތައް ފޮތްތައް ކުދިންނަށް ތައާރަފު ކުރާށެވެ. ތިން މަސް ހަތަރު މަހުގައިވެސް ކުދިންނަށް ފޮތް ދެއްކުމުން ފޮތައް ޝައުގުވެރިކަން ފާޅުކުރާނެއެވެ.
އޭގެ އިތުރުން އަބަދުވެސް ކުދިން ކިޔާ ވާހަކަ ފަދަ އެއްޗެހީގެ ހުލާސާއެއް ލިޔުމަށް ބާރު އަޅާށެވެ. އަދި ކުދިން ދުވަސް ހޭދަކުރާ ގޮތާއި ދާ އެކި ތަންތަނާއި ތަފާތު އެކި ކަންތައްތަކާއިމެދު ދެކޭގޮތް ކުދިން ލައްވާ ލިޔާށެވެ. ފޮތް ކިޔުމާއި ލިޔުމަކީ ކުދިންގެ ވިސްނުންވެސް ރަނގަޅުވެ، ބަސްމޮށުންތެރިކަން ރަނގަޅުކޮށްދޭނެ ކަމެކެވެ.
ކުރެހުމާއި ކުލަޖެއްސުން
ކުރެހުން ނުވަތަ ކުލަ ޖެއްސުމަކީ ކުޑަކުދިން އަދި ބޮޑެތި މީހުންވެސް ސްކްރީން އިން ދުރުވުމަށް ކުރުން ރަނގަޅު ކަމެކެވެ. ކުރެހުމުގެ ތެރޭގައި އުޅުމަކީ ނަފްސަށާއި ސިކުނޑިއަށް އަރާމްކަން ގެނުވަދޭނެ ކަމެކެވެ. ކުދިން ހުސްވަގުތު ސްކްރީން ދޮށުގައި ހޭދަކުރާ ވަގުތުތައް އަގުހުރި ވަގުތަކަށް ހެދުމަށް ކުރެހުމަކީ އެންމެ ރަނގަޅު އެއް ކަންތަކެވެ. ކުދިންގެ ކުރެހުންތައް ގޭތެރޭގައި ފެންނަގޮތައް ހަރުކޮށްފައި ބެހެއްޓުމުން އިތުރަށް މިކަން ކުރުމަށް ކުދިން ގަޔާވާނެއެވެ. އަދި ކެންވަސް އާއި ބިއްލޫރި ތަށި ފަދަ އެކި ކަހަލަ އެއްޗެހީގައި ކުރަހާ ކުލަ ޖެއްސުމަށް ދިނުމުން ކުދިން މިކަމަށްދޭ ޝަކުގުވެރިކަން ބޮޑުވާނެއެވެ.
މީހުންނާއި ގުޅުން ބަދަހިކުރުން
ކުދިންނަށް ލިބޭ ހުސްވަގުތުތަކުގައި މީހުންނާއި ގުޅުން ބަދަހިކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ. އާއިލާ ނުވަތަ ރައްޓެއްސެގެ ގެއަށް ގޮސް ނުވަތަ އާއިލާ މީހުންނާއި ރައްޓެހިން ގެއަށްވެސް ގެނެވިދާނެއެވެ. މި ގޮތައް ކަންތައް ކުރުމުން ކުދިންނަށް ތަފާތު އެކި ކަހަލަ މީހުން ދަސްވެ، މީހުންނާއި އެކު އުޅެން ދަސްވާނެއެވެ. އަދި ކަންތައްތައް މީހުންނަށް ހިއްސާކުރުމާއި، ކަންތައްތަކުގައި ކުރިއަށް ދިއުމަށްވެސް ފަސޭހަވެގެންދާނެއެވެ. ގޭގެއަށް ގޮސް ނުހެދޭނަމަ، ފޯނުން ގުޅައިގެންވެސް މީހުންނާއި ގުޅުން ބަދަހި ކުރެވިދާނެއެވެ.
ބޭކް ކުރުން
ކުޑަ ކުދިންނަކީ ކޭކް، ކުކީސް ފަދަ ތަކެތި ކާން ފޯރި ހުންނަ ބަޔެކެވެ. ތަންތާގައި ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ބަދަލުގައި ކުދިން ކާން ބޭނުންވާ އެއްޗެހި ކުދިން އަމިއްލައަށް ތައްޔާރުކޮށްލުމުގެ ފުރުސަތުދޭށެވެ. ކޭކާއި ކުކީސް އަކީ ފަސޭހައިން ހެދޭ އެއްޗެއްސެވެ. ކުދިން ބޭނުންގޮތަކަށް އެ އެއްޗެހި ހަދަން ފުރުސަތުދޭށެވެ. ތަފާތު އެކި ކަހަލަ ރެސިޕީސްތައް ހެދުމަށް ފުރުސަތުދޭށެވެ. އަދި އެ އެއްޗެހި ޑެކަރޭޓް ކުރުމަށްވެސް ފުރުސަތުދޭށެވެ. ބައެއް ކުދިން މި ގޮތައް ހަދާ ކޭކާއި ބްރައުނީސް ފަދަ ތަކެތި ގޭ މީހުންނަށް މީރުވެގެން، ކުދިން ލައްވާ ދެ ވަނަ ފަހަރައް ތައްޔާރުކުރުވައެވެ. ކުދިން އިތުރަށް މިކަމަށް މޯޓިވޭޓް ކުރަން ބޭނުންނަމަ ކުދިން ތައްޔާރު ކުރާ އެއްޗެހި ވިއްކަންވެސް ފެށިދާނެއެވެ.
ނަމޫނާއަކަށްވުން
ކުޑަކުދިންނެކޭ އެއްފަދައިން ވެލެނިވެރިންވެސް ސްކްރީން ދޮށުގައި ހޭދަކުރާ ވަގުތު ވަކި މަދެއް ނޫނެވެ. ހުސްވަގުތެއް ލިބޭ ނަމަ، ފޯނު ނުވަތަ ފިލްމުތަކާއި ޑުރާމާތައް ބެލުމަށް ބެލެނިވެރިން ހޭދަކުރާނަމަ ކުދިންނަށް އެ ދައްކުވައިދެނީ ރަނގަޅު ނަމޫނާއެއް ނޫނެވެ. ކުދިން ކުރާނީ ބެލެނިވެރިން ކުރާ ކަންތައްތަކެވެ. އެހެން ކަމުން ތިމާ ބިޒީ ނޫންނަމަ ކުދިންނާއިއެކު އެކުދިން ކުރާ ކަމެއްގައި ބައިވެރިވާށެވެ. ކުދިން ފޮތް ކިޔަން ބައިންދާފައި ތިމާ ޓީވީ ބަލަން ނީންނާށެވެ. އޭރުން އެދެވެނީ ކުދިންނަށް ގޯސް މެސެޖެކެވެ.