
ދައުރު ދެބައިވި އިރުވެސް ޕީޕީއެމުން ބަލިވި އިންތިޚާބު ހޯދަން މަސައްކަތް ކުރަނީ
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މަކަރު ހަދައި އޮޅުވާލާފައިވާކަމަށް ބުނެ ޕީޕީއެމުން އަނެއްކާވެސް ދައުލަތުގެ ތިން އިދާރާއަކަށް މައްސަލަ ހުށައަޅައިފިއެވެ.

ޕީޕީއެމުން ހާމަކޮށްފައިވާ ގޮތުގައި 2018 ގެ ރިޔާސީ އިންތިޚާބު އޮޅުވާލި މައްސަލަ އެޕާޓީން ހުށައަޅާފައި ވަނީ ހިއުމަންރައިޓްސް ކޮމިޝަނަށާއި އެންޓިކަރަޕްޝަން ކޮމިޝަނަށާއި އިންތިޤާލީ އިންސާފުގެ އޮފީހަށެވެ.
ކުރީގެ ފަނޑިޔާރު އަދި މިހާރު ޕީޕީއެމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބުދުﷲ ރާޤިބް ވިދާޅުވީ، އެމައްސަލަތައް އަލުން ދައުލަތުގެ އިދާރާތަކަށް ހުށައެޅީ، އެމައްސަލަ އަލުން ދިރާސާކޮށް މައްސަލަ ސާބިތުކުރެވޭ ވަރަށް ހެކި ހުރުމުން ކަމަށެވެ.
ރިޔާސީ އިންތިޚާބުން ޕީޕީއެމުން ބަލިވުމުން އިންތިޚާބު އޮޅުވާލި ކަމަށް ބުނެ ޕީޕީއެމުން ކޯޓުތަކަށް މައްސަލަވެސް ހުށައެޅިއެވެ. އެހެން ނަމަވެސް ޕީޕީއެމްގެ ތުހުމަތު ތަކަކީ ސާބިތު ތުހުމަތެއް ކަމުގެ އެއްވެސް ހެއްކެއް އެޕާޓީއަކަށް ނުދެއްކުނެވެ. އެހެންވެ ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުން ނިންމީ އިންތިޚާބު ބާތިލްކުރަންޖެހޭ ފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ބަލިވުމުން އެޕާޓީން ތުހުމަތު ކުރީ، ވޯޓު ކަރުދާސް ތައްޔާރުކޮށްފައި ވަނީ ފާހަގަ ބަދަލުވާ ގޮތަށް ކަމަށެވެ. އަދި އިންތިޚާބުގައި ވޯޓުގެ ކަންކަން ބެލެހެއްޓި އޮފިސަރުން ލިޔެވޭ އަނގޮޓިތަކެއް ބޭނުން ކުރި ކަމަށްވެސް ތުހުމަތު ކުރިއެވެ. މީގެ އިތުރުން ސައްޙަ ނޫން ވޯޓު ކަރުދާސް ބޭނުން ކުރި ކަމަށްވެސް އެޕާޓީން ވަނީ ތުހުމަތުކޮށްފައެވެ.
ރިޔާސީ އިންތިޚާބު އޮޅުވާލިކަމަށް ބުނެ ޕީޕީއެމުން ހުށައެޅި މައްސަލައިގައި ދިވެހިރާއްޖޭގެ އެންމެމަތީ ކޯޓުން ހުކުމެއް ކަނޑައަޅައި މައްސަލަ ނިންމާފައި ވާއިރު، ދައުލަތުގެ އެހެން އިދާރާއަކަށް ހަމައެމައްސަލަ ބަލައިގަނެ ގޮތެއް ކަނޑަނޭޅޭނެ ކަމުގައިވެސް ޤާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވެއެވެ.
ޕީޕީއެމުން ހުށައަޅާފައިވާކަމަށް ބުނާ މައްސަލަތަކާއި ގުޅޭ ގޮތުން ދައުލަތުގެ އިދާރާތަކުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ރިޔާސީ ދައުރު ދެބައިވެފައިވާއިރު، އަދި އިންތިޚާބު އޮޅުވާލި ކަމުގެ އެއްވެސް ހެއްކެއް ނެތަސް އަދިވެސް ޕީޕީއެމުން މަސައްކަތް ކުރަނީ އިންތިޚާބު އޮޅުވާލިކަން ސާބިތުކުރުމަށެވެ.