
މުސްލިމުން މަރަން ގޮވާލި ހިންދޫންގެ ލީޑަރު އެއްމަސްފަހުން ހައްޔަރުކޮށްފި
އިންޑިއާގެ ސްޕްރީމްކޯޓުގެ އަމުރާއި އެކު މުސްލިމުންނާއި ދެކޮޅަށް ޤަތުލުއާއްމު ހިންގަން ގޮވާލި ހިންދީންގެ ހަރުކަށި ލީޑަރު ހައްޔަރުކޮށްފިއެވެ.

އުއްތަރުކާންދުގެ ހަރިދުވާގައި ޑިސެމްބަރު 17 އިން 20އަށް ބޭއްވި ހިންދީންގެ ދީނީ ފެސްޓިވަލެއްގައި ވާހަކަ ދައްކަމުން، ހިންދީގެ ހައްދުފަހަނައެޅި ހަރުކަށި ލީޑަރު ޔާޓީ ނަރްސިންގަޔަނަންދު ވަނީ، އިންޑިއާއިން މުސްލިމުން މަރައި ހުސްކޮށް މުސްލިމުންގެ ނަސްލު ނައްތާލުމަށް ގޮވާލާފައެވެ.
އޭނާ އާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އިންޑިއާގެ ފުލުހުން ހުށައެޅުމުން، އެމައްސަލަ ބަލައި ތަހުޤީޤު ކުރުމަށް މިޖެނުއަރީ މަހުގެ ބާރަ ވަނަދުވަހު އިންޑިއާގެ ސްޕްރީމްކޯޓުން ވަނީ އުއްތަރުކާންދުގެ ސްޓޭޓް ސަރުކާރުގެ މައްޗަށް އަމުރެއް ނެރެފައެވެ. އެއަމުރާއި ގުޅިގެން ޔާޓީ ނަރްސިންގަޔަނަންދު ހައްޔަރުކުރީ، އެމައްސަލައިގެ ތަޙްޤީޤަށް ކަމުގައި އިންޑިއާގެ މީޑިއާތަކުން ބުނެފައިއެވެ.
މުސްލިމުންމެރުމަށް ގޮވާލި މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރު ކުރީ އެއެއްވުމުގައި ވާހަކަ ދެއްކި އަލަށް ހިންދީދީނަށް ވަތް މީހެކެވެ.
ހިންދީގެ ހަރުކަށި ލީޑަރުން މުސްލިމުންނާއި ދެކޮޅަށް ދައްކާ ވާހަކަތަކުގެ ސަބަބުން މީގެ ކުރިންވެސް ބޮޑެތި ހަމަނުޖެހުންތައް ހިނގައި އެތައް ބައެއްގެ ފުރާނަ ގެއްލިގެން ގޮސްފައި ވެއެވެ.