
ވީޑިއޯ ރިޕޯޓް: ހިޔާ ފްލެޓްތައް ކައިރީގައި ޤަވާއިދާއި ޚިލާފަށް ހިންގާ ވިޔަފާރިތައް އެޗްޑީސީއަކަށް ނުހުއްޓުވުނު
ހުޅުމާލޭގެ ފޭސް 2ގެ ހިޔާ ފުލެޓްތައް ސަރަހައްދަށް ދާ މީހުންގެ ލޮލުގައި އެންމެ ފަސޭހައިން އަޅައި ގަންނާނީ، ހިޔާގެ ޓަވަރުތައް ކައިރީގައި ޖިފުޓިތަކެއްހެން ލަކުޑިއާއި އެނޫންވެސް އުކާލާފައިވާ އެކި ތަކެތިން ހަދާފައިވާ ހަޓްތަކެވެ. މީގެ ބައެއް ތަންތަން ހިންގަނީ ލޯކަލް މާރުކޭޓުގެ ގޮޅިތަކެއްހެންނެވެ. އަނެއްބައިތަންތަން ހިންގަނީ ކެފޭ އުސޫލުން ކާބޯތަކެތީގެ ޚިދުމަތްދޭ ގޮތަށެވެ.

މި ވިޔަފާރިތައް ހިންގުމުގައި އުޅެނީ ދިވެހިންނާއި ބިދޭސީންނެވެ. ރޯދައިގެ ކުރިން ހިޔާގެ ޓަވަރުތަކުގެ ކައިރީގައި ހިންގީ ހެދިކާ ވިއްކާ މޭޒުތަކެއް ނަމަވެސް، ރޯދަމަސް ފެށުމާއި އެކު އެމޭޒުތަކުގައި މޭވާ އާއި ތަރުކާރީ އާއި ލުއިކާނާ ވަނީ ވިއްކަން ފަށާފައެވެ. އަދި ބައެއް މީހުން އެސަރަހައްދުގައި ކެފޭ ގޮތަށް ތަންތަން ހަދައި ޚިދުމަތްދޭން ފަށާފައިވެއެވެ. ފުރަތަމަ މިފަދަ ތަންތަން ހެދީ ހިޔާގެ ޓަވަރުތައް ކައިރީގައި ނަމަވެސް މިހާރު ފޭސް 2 ގެ އެހެން ހުސްބިންތަކަށްވެސް މީހުން ވަނީ ވިޔަފާރި ފުޅާކޮށްފައެވެ.
ގަވާއިދާއި ޚިލާފަށް އަދި ކާބޯތަކެތި ވިއްކުމުގެ އާއްމު ސާފުތާހިރުކަމުގެ މިންގަނޑާއި ޚިލާފަށް ހިންގާ މި ވިޔަފާރިތައް ހުއްޓާލުމަށް 7 ދުވަހުގެ މުހުލަތެއްދީ އެޗްޑީސީން އެންގި އެންގުމުގެ މުއްދަތު ހަމަވީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހަށެވެ. އެދުވަހާއި ހަމައަށް މޭޒުތައް ނަގައި ތަން ސާފުކުރާނެ ކަމަށް އެންގި ނަމަވެސް އެޗްޑީސީން އެގޮތަށް އަމަލުކޮށްފައެއް ނުވެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑައިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ، ހިޔާގެ ސަރަހައްދުގައި ހެދި ލޯކަލް މާރުކޭޓާއި އެކު، ހިޔާ ޓަވަރުތައް ކައިރީގައި ހިންގާ ވިޔަފާރިތައް ހުއްޓޭނެ ކަމަށް ހީފުޅުކުރެއްވި ނަމަވެސް އެކަން އެގޮތަށް ނުވި ކަމަށެވެ.

"ދެން ރޯދަމަހާއި ކައިރިވަމުން އައިރުގައި ހަމަ ކުދިކުދި މޭޒުތަކެއް ބެހެއްޓި އެޚިދުމަތްތައް ދޭންފެށީމަ ދެން އަޅުގަނޑުމެން ބެލީ އެ ރެގިއުލޭޓް ކުރަން ކިހިނެއްތޯ ހެދޭނީ. ދެން ބަލާލާފައި އަޅުގަނޑުމެން ރޯދަ މަހާއި ދިމާކޮށްފައި ލޯކަލް މާރުކޭޓް ގޮޅިތަކެއް އެސައިންކޮށްލީ. ދެން އަޅުގަނޑުމެން ބެލީ އެއާއި އެއްކޮށް ވަރަށް ބޮޑަށް އެ މޭޒު ޖަހައިގެން އެ ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް ލުޔެއް ލިބިގެންދާނެޔޭ އެބޭފުޅުންނަށް އެތަން ނެގުމުގެ ފުރުޞަތެއް ލިބިގެންދާނެޔޭ. ލޯކަލް މާރުކޭޓް އޮޕަރޭޓްވާން ފެށީމަ. އެހެން ނަމަވެސް އެހެނެއް ނުވި." ސުހައިލް ވިދާޅުވިއެވެ.
ހިޔާގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށް ހެދި ލޯކަލްމާރުކޭޓުގައި ރަމަޟާން މަސް ނިމުމާއި ހަމައަށް އައިރުވެސް ރަނގަޅަށް ވިޔަފާރި ހިނގައެއް ނުގަތެވެ. 19 ގޮޅި ހުރި އެމާރުކޭޓުގައި ހިންގަމުން ދަނީ ދެތިންގޮޅިއވެ. މީހުން އެމާރުކޭޓަށް ނާންނާތީ އާއި ވިޔަފާރިކުރުމަށް ގެނައި ތަކެތި ހަލާކުވެ އެތަނުން ގޮޅި ހޯދި މީހުންނަށްވެސް ވަނީ ގެއްލުމާއި ކުރިމަތިވެފައެވެ. ހިޔާ ލޯކަލްމާރުކޭޓުން ގޮޅި ލިބުނު ބައެއް ފަރާތްތަކުން ވަނީ ހިޔާ ސަރަހައްދުގައި ޤަވާއިދާއި ޚިލާފަށް ހިންގާ ވިޔަފާރިތައް ނުހުއްޓުވުމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑައިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ، ހުޅުމާލެ ހިޔާ ފްލެޓްތައް ކައިރީގައި މޭޒު ބަހައްޓައިގެންނާއި ހަޓުތައް ހަދައިގެން ހިންގާ ވިޔަފާރިތައް ހުއްޓުވުމުގައި މިހާރު އޮތް ޕްލޭނަކީ އެކަންކަން ޤަވާއިދެއްގެ ތެރެއަށް ފެއްތޭނެ ގޮތެއް ހޯދުންކަމަށެވެ.
އަދި ހިޔާ ފްލެޓްތަކުގައި ވިޔަފާރިއަށް ދޫކޮށްފައި ހުރިތަންތަނުގައި އަވަހަށް ވިޔަފާރިތައް ފެށުމަށްވެސް މަސައްކަތް ކުރަމުންދާ ކަމުގައި ސުހައިލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިވަގުތަށް މިބަލަނީ ހަމަ ވީހާވެސް ބޮޑަކަށް ހިޔާ ފްލެޓްގައި ހުރި ވިޔަފާރިއަށް ދީފައި ހުރި ޔުނިޓްތައް އަވަހަށް ނެރެވޭތޯ. އަޅުގަނޑަށް ހީވަނީ ޑިމާންޑެއް އޮވެގެން ހެން މިކަން ކްރިއޭޓްވެގެން މިއުޅެނީ. ދެން ކޮންމެ ގޮތެއް ވިޔަސް އެންމެ ރީތި މަންޒަރެއްނޫން އެތަނުން ފެންނަނީ. ނަމަވެސް ކޮންމެވެސް ވަރެއްގެ ހަމަ ރަނގަޅު ޑިމާންޑެއް އޮތީމަ އެކަން ހިނގަމުން އެދަނީ. ދެން އެހެންވީމާ މިވަގުތު އަޅުގަނޑުމެން މިބަލަނީ ހަމަ، އަނެއްހެން ވަކިމިންގަނޑެއްގައި އެކަން ހިފެހެއްޓޭތޯ؟" ސުހައިލް ވިދާޅުވިއެވެ.
ސުހައިލް އިތުރަށް ވިދާޅުވީ، ހިޔާ ސަރަހައްދުގައި އެވިޔަފާރިތައް ހިނގަމުން ދަނީ އެކަމަށް ޑިމާންޑެއް އޮތުމުން ކަމަށެވެ. އެހެންކަމުން ފޭސް 1ގައި ހަދާފައިވާ ހެދިކާ ޓެންޓްތައް ފަދަ ތަންތަން ހިޔާގެ ސަރަހައްދުގައި ހަދައި އެކަން ވަކި މިންގަނޑެއްގެ ތެރެއަށް ފެއްތުމަށް މަސައްކަތް ކުރާނެ ކަމުގައި ސުހައިލް ވިދާޅުވިއެވެ.

އަންދާޒާ ކުރެވިފައިވާ ގޮތުގައި، ހިޔާފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ އަދަދު މިހާރު ބާވީސް ހާހާއި ގާތް ކުރާނެއެވެ. އެބޮޑު އާބާދީއަށް ބޭނުންވާ ވަސީލަތްތައް ހިޔާގެ ޓަވަރުތަކުގައި ޤާއިމްކުރެވިފައި ނެތުމަކީ، ޤަވާއިދާއި ޚިލާފަށް އެސަރަހައްދުގައި ވިޔަފާރިތައް ހިންގުމަށް މަގުފަހިވެފައިވާ ސަބަބެކެވެ.