ފެލިވަރުގައި ޤާއިމްކުރާ ކޯލްޑް ސްޓޯރޭޖް. ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ފެލިވަރުގައި ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރުމުގެ ބީލަމުގެ މަރުހަލާ މިއަދު ފަށައިފި

ބުރާސްފަތި 28 އޭޕްރީލް 2022 | ހަމްޒާ

ޅ.ފެލިވަރުގައި ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރުމުގެ ބީލަމުގެ މަރުހަލާ މިއަދު ފަށައިފިއެވެ.

Advertisement


އިކޮނޮމިކް މިނިސްޓްރީން ބުނީ، ފެލިވަރުގައި ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރުމަށް އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުގެ ޕްރީކޮލިފިކޭޝަން މަރުހަލާ ނިމި، ބީލަމުގެ މަރުހަލާ މިއަދު ފަށާފައިވާ ކަމަށެވެ. އަދި މިމަޝްރޫޢުގެ ދަށުން ފެލިވަރުގައި 4،000 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖަކާއި، ދުވާލަކު 200 ޓަނުގެ މަސް ގަނޑު ކުރެވޭނެ ބްރައިން ފްރީޒިންގ ފެސިލިޓީއާއި، ރެފްރިޖަރޭޓަޑް ސީ ވޯޓަރ ފެސިލިޓީއާއި، މިކަންކަމާ ގުޅޭ އެހެނިހެން ވަސީލަތްތައްވެސް ޤާއިމްކުރެވޭނެ ކަމަށެވެ. މީގެއިތުރުން މިމަޝްރޫޢުގެ ދަށުން ގއ.ގެމަނަފުށީގައިވެސް 50 ޓަނުގެ އައިސްޕްލާންޓަކާއި، 100 ޓަނުގެ އައިސް ސްޓޯރޭޖެއް ޤާއިމްކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މިމަޝްރޫޢުގެ ސަބަބުން މިފްކޯގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ މިހާރަށްވުރެ 48 އިންސައްތަ އިތުރުވެގެންދާނެއެވެ. އަދި ފްރީޒިންގ ކެޕޭސިޓީ 37 އިންސައްތަ އިތުރުވެގެންދާނެއެވެ.

މަސްވެރިން ބާނާ މަސް ފަސޭހަކަމާއެކު ކިރުމަށް ކުރަންޖެހޭ އެންމެ މުހިއްމު މަސައްކަތަކީވެސް މަސް ގަނޑުކުރުމާއި، ގަނޑުކުރުމަށްފަހު ރައްކާކުރާ ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުމެވެ. އެހެންކަމުން މިމަޝްރޫޢުގެ ދަށުން ޤާއިމްކުރާ 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖާއި، 200 ޓަނުގެ ފްރީޒިންގ ފެސިލިޓީގެ ސަބަބުން މިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، މިމަޝްރޫޢުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތުން މަސްވެރިންނަށާއި، މިފްކޯއަށާއި މުޅި ޤައުމުގެ އިޤްތިސާދަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ގެންގުޅުއްވާ ސިޔާސަތު ތަންފީޒު ކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި އެތައް ޒަމާނެއް ވަންދެން ފެލިވަރު ތަރައްޤީ ކުރުމަށް އިންވެސްޓް ނުކުރެވި އޮތް އޮތުް ނިމުމަކަށް އަންނާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.