ރައީސް ޔާމީނާއި ކުރީގެ ރައީސ މުހައްމަދު ނަޝީދު --

ރައީސް ޔާމީނު އިންޑިއާ އާއި ދެކޮޅަށް، ރައީސް ނަޝީދު ޗައިނާ އާއި ދެކޮޅަށް، ރައްޔިތުންނަށް އޮތީ ކޮން މޮޅެއް!

ހޮނިހިރު 30 އޭޕްރީލް 2022 | އަލީ ސުލައިމާން

ދިވެހިރާއްޖެ 1965 ވަނަ އަހަރު މިނިވަންވީއްސުރެ ރައީސް މައުމޫނުގެ ދިގު ތިރީސް އަހަރުގެ ވެރިކަން ނިމުމާއި ހަމައަށް ދިވެހިރާއްޖެއަކީ ޚާރިޖީ ގުޅުމުގައި ވަކިއަތަކަށް ބުރަ ނުވާ ޤައުމެކޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމަކަށް ވުމަށް ޤައުމުތަކުން ކުރަމުން އައި މަސައްކަތުގެ ތެރޭގައި ދިވެހީން ފިތޭކަށް ނުޖެހެއެވެ. އަވައްޓެރި ޤައުމުތަކާއި އަދި ސިޔާސީ ގުޅުން ޤާއިމްކޮށްފައިވާ ޤައުމުތަކާއި ޚާރިޖީގުޅުންތަކުގައި ތަފާތެއް ނުގެންގުޅެއެވެ. އެންމެ ޤައުމަކާއި މެދު ފިޔަވައެވެ. އެޤައުމަކީ މިއަދުވެސް ދުނިޔޭގެ ގިނަ ޤައުމުތަކުން ޤައުމެއްގެ ދަރަޖައިގައި ބަލައިގެންފައި ނުވާ އިޒްރާއީލެވެ. ސިޔާސީ ގުޅުންތަކާއި ވިޔަފާރީގެ ގުޅުންތަކުގައި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ، އިޒްރޭލު އެކަހެރި ކުރުމެވެ. އެނޫން ހުރިހާ ޤައުމަކާއި މެދު ދިވެހިރާއްޖެއިން ބާއްވަމުން އައީ ތިލަފަތް ހަމަ ގުޅުންތަކެކެވެ.

Advertisement


ސިޔާސީ ބައެއް ފަރާތްތަކުން ޤަބޫލު ކުރާގޮތުގައި ދިވެހިރާއްޖޭގެ ޚާރިޖީގުޅުންތައް ކިލަނބުވާން މެދުވެރިވީ 2008 ވަނަ އަހަރު، ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ގެންނެވި ބަދަލުގެ ސަބަބުންނެވެ. އޭގެ ތެރޭގައި އިންޑިއާ އާއި ދިވެހިރާއްޖެ އާއި ދެމެދު އޮތް ޒަމާންވީ ރަހުމަތްތެރިކަމާއި ތިލަފަތް ހަމަ ޚާރިޖީގުޅުންތައް ދޫކުރައްވައި އިންޑިއާގެ މައްޗަށް މާބޮޑަށް ބަރޯސާވުން ހިމެނެއެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ޓާޓާއަށް ދިން ޕްރޮޖެކްޓްތަކާއި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ނުއަގުގައި އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދޫކޮށްލުމަކީ، އިންޑިއާ އާއި ދެކޮޅަށް ދިވެހިންގެ ތެރެއިން ބަޔަކު ނުކުތުމުގެ ފެށުމެވެ. އަދި ރައީސް ނަޝީދުވެ ވެރިކަން ވައްޓާލަން ނުކުތް މީހުން ރައްޔިތުންނަށް ދެއްކި ހުއްޖަތެވެ. ތައުލީމާއި ބޭސްފަރުވާ އާއި ވިޔަފާރި އާއި އަސާސީ ކާބޯތަކެތި ހޯދުމުގައި ދިވެހިރާއްޖެއިން ބަރޯސާވަމުން އައި އިންޑިއާ އާއި ދެކޮޅަށް ސިޔާސީ މީހުންނާއި އެކު އާއްމު ރައްޔިތުންގެ އެތައް ހާސް ބަޔަކު ނުކުތް ނުކުތުމަކީ މިއަދު އިންޑިއާ އާއި މެދު ދިވެހި އެތައްބަޔަކު ނަފުރަތާއި ރުޅިވެރިކަމުގެ ޝުއޫރުތައް އޮއްސައި ކިލަނބުވާން މެދުވެރިވި އެއް ސަބަބެވެ.

"އަސްލު ޙަޤީޤަތުގައި އިންޑިއާ އާއި މެދު ދިވެހިންގެ ހިތުގައި ނަފުރަތާއި ރުޅިވެރިކަމުގެ ހުޅުރޯވީ، ރައީސް ނަޝީދުވެ ވެރިކަމުގައި ޚާރިޖީ ސިޔާސަތު ގޯސްވުމުން. އެއްވެސް އިރެއްގައި ދިވެހިން ނޭދޭ ވަކި އެއްޤައުމަކާއި މާބޮޑަށް ގާތްވެ އެހެން ޤައުމުތަކާއި އޮންނަ ގުޅުންތައް ހީނަރުވާކަށް." ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި ދައުލަތުގެ އިސްމަޤާމުތައް ފުރުއްވާފައިވާ ބޭފުޅަކު ވިދާޅުވިއެވެ.

ފެބުރުއަރީ 7، 2012ގައި ރައީސް ނަޝީދުވެ ވެރިކަން ނިމުމަކަށް ގެނައުމަށް ފަހުގައި، ދެން އުފެދުނު ރައީސް ވަހީދުގެ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރި ކަމަކީވެސް ޖީއެމްއާރް އަތުން އެއާޕޯޓު އަތުލައި، ޖީއެމްއާރާއި ޓާޓާކުންފުނި ރާއްޖެއިން ބޭރު ކުރުމެވެ. އެހެންކަމުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، ރައީސް ޔާމީނު ވެރިކަމަށް ވަޑައިގެންނެވި އިރު، އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުންތައް އޮތީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ރައީސް ޔާމީނުގެ ވެރިކަމަށް ވަޑައިގެން އިންޑިއާއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ދިއްލީން އެމަނިކުފާނަށް އަދާކުރީ ދިވެހިރާއްޖޭގެ ވެރިންނަށް އޭގެ ކުރިން ދަންނަވަމުން އައި މަރުޙަބާއަށް ވުރެ ފިނި މަރުޙަބާއެކެވެ.

ރައީސް ޔާމީނުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރީ، އިންޑިއާ އާއި ފެޔަށް ޖެހި، އިންޑިއާގެ ވާދަވެރިޔާ ޗައިނާ އާއި ގާތްވުމަށެވެ. ބޮޑެތި ލޯންތަކާއި އެހީތަކުގައި ތަރައްޤީގެ ބިޔަ ޕްރޮޖެކްޓްތައް ހިންގަވަން ފެއްޓެވިއެވެ. ސިނަމާލެ ބުރިޖާއި، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލާއި، އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫ އާއި ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކުމާއި، ހިޔާގެ 25 ބުރީގެ ޓަވަރުތައް އެޅުންވެސް ހިމެނެއެވެ. އެވަރަކުން ފުއްދައެއް ނުލައްވައެވެ. އިންޑިއާ ބާކީކޮށްލެއްވުމާއި، އިންޑިއާއަށް ޖެއްސުން ކުރުމުގެ ސިޔާސަތެއްވެސް ގެންގުޅުއްވިއެވެ. ރައީސް ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އިންޑިއާއި ހަދިޔާކޮށް ކައްދޫ އެއާބޭސްގައި ބޭއްވި ހެލިކޮޕްޓަރު ގެންދެވުމަށާއި އެ ހެލިކޮޕްޓަރާއި އެކު ރާއްޖެއައިސްތިބި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިޔުމަށް ބާރުއެޅުއްވިއެވެ. އިންޑިއާގެ އެހީގައި ރާއްޖޭގެ ސަރަހައްދުތަކުގައި ބެހެއްޓެމުން ދިޔަ ސަވައިލެންސް ރާޑަރ ސިސްޓަމްތައް ބެހެއްޓެމުގެ މަޝްރޫއު މަޑުޖައްސަވާލައްވައި އެހާތަނަށް ބެހެއްޓި ހިންގަމުން އައި ރާޑަރސިސްޓަމްތަކުގެ ޑާޓާތައް އިންޑިއާއަށް ނުލިބޭނެ ގޮތް ހެއްދެވިއެވެ.

އިންޑިއާ އާއި ދިވެހިރާއްޖޭގެ ޚާރިޖީގުޅުންތައް ގޯސްވަމުން ދިޔައިރު، އިންޑިއާ ކަނޑުގައި ޗައިނާއިން އަސްކަރީ ބޭސްއެއް ހަދަމުންދާކަމަށް ބުނެ، އިންޑިއާގެ މީޑިއާތަކުން އެކަން ރިޕޯޓުވެސް ކުރަމުން ދިޔައެވެ. ޗައިނާއިން ދިވެހިރާއްޖެ އާއި މާބޮޑަށް ގުޅުން ބަދަހި ކުރުމަކީ، އިންޑިއާ ކަނޑަށް ޗައިނާގެ ނުފޫޒު ގަދަވެ، އިންޑިއާއަށް ނުރައްކާވާނެ ކަމެއްކަމުގައި ބުނެ އިންޑިއާގެ ޕާލަމެންޓް މެމްބަރުން އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ އާއި މަތިގޭގައި އަޑު އުފުލިއެވެ. އަދި އިންޑިއާގެ އަސްކަރިއްޔާ މެދުވެރިކޮށް ނަމަވެސް ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ގޮވާލެއްވިއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގެ ފަހުކޮޅު ފެންމަތިވި، ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތަކާއި، ސިޔާސީ ލީޑަރުން ޖަލަށްލައި ދިން އަނިޔާތަކަކީ، ރައްޔިތުން އެމަނިކުފާނުގެ ވެރިކަމާއި ދެކޮޅަށް ތެދުވެ، ވޯޓުން ވެރިކަން ބަދަލުކުރި ނަމަވެސް، ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަޕޯޓަރުން ދެކެނީ ވެރިކަން ބަދަލުވީ އިންޑިއާގެ އަތެއް އޮވެގެން ކަމަށެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި، އިންޑިއާގެ ބޮޑުވަޒީރު ރާއްޖެވަޑައި ނުގެންނެވި ނަމަވެސް، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު، މިހާރުގެ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ކާމިޔާބު ކުރައްވައި ބޭއްވެވި ހުވާކުރުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ވަޑައިގެން ރައީސް ޔާމީން ފިޔަވައި ރާއްޖޭގެ ރާއްޖޭގެ އެހެން ހުރިހާ ސިޔާސީ ލީޑަރުންނާއި ކޮނޑާއި ކޮނޑުޖައްސަވައި ސަލާމްކުރެއްވިއެވެ. އެރަސްމިއްޔާތަށް ރައީސް ޔާމީނު ވަޑައެއް ނުގެންނެވިއެވެ.

ރައިސް ޔާމީނުގެ ވެރިކަމުގެ ދައުރުތެރޭގައި އެކި އެކި މުނާސަބާތަކުގައި ދެއްކެވި ވާހަކަފުޅުގައި އިންޑިއާއަކީ ދިވެހިރާއްޖެއަށް މުހިއްމު ބައިވެރިއެއް ކަމުގައި ވިދާޅުވަމުން ގެންދެވިއެވެ. އަދި އިންޑިއާ އާއި އިންޑިއާގެ ސިޔާސީވެރިންނަށް ބަދުބަސް ވިދާޅުނުވުމަށް އެދިވަޑައިގެންނެވިއެވެ. އެހެން ނަމަވެސް ވެރިކަން ގެއްލުމުން އެމަނިކުފާނު މިއަދު ނިކުމެ ހުންނެވީ އިންޑިއާ އައުޓް ކެމްޕޭނެއް ފައްޓަވައިގެންނެވެ. އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާ އާއި އެކު ފެއްޓެވި ޕޮލިސް އެކަޑަމީގެ މަސައްކަތާއި، އުތުރު ތިލަފަޅުގެ މަސައްކަތްތަކަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ހަދާ އަސްކަރީމަރުކަޒުތަކެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

2012 ވަނަ އަހަރު ރައީސް ނަޝީދުވެ ވެރިކަން ވައްޓާލުމަށް އިންޑިއާ އާއި މެދު ދިވެހިންގެ ހިތުގައި ނަފުރަތު އުފެއްދި ގޮތަށް، މިއަދު ޕީޕީއެމާއި ޕީއެންސީވެސް ކުރަމުންދާ މަސައްކަތަކީ އިންޑިއާ އާއި މެދު ނަފްރަތު އުފެއްދުމެވެ. ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިންޑިއާއިން ވަދެ ނުފޫޒުފޯރުވަމުންދާކަން ރައްޔިތުންނަށް ވިސްނައި ދިނުމެވެ.

ރައީސް ޔާމީންގެ ތާއީދާއިއެކު ޕީޕީއެމް ޕިއެންސީން ފެށި، "އިންޑިއާ އައުޓް" ކެމްޕޭން ދަނީ ފުޅާކުރަމުންނެވެ. އަދި އެކެމްޕޭނުގެ ސަބަބުންނާއި، އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުމާއި މެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެދޭ ގޮތަށް ކުރަމުންދާ ކަންކަމުގެ ސަބަބުން ރާއްޖޭގެ ދާޚިލީ ހަމަޖެހުމާއި ސަލާމަތަށް ނުރައްކާވާ ދަރަޖައަށް ގޮސްފައި ވާކަމުގައި ޤައުމީ ދިފާއީބާރުން ވަނީ ބުނެފައެވެ.

އެހެންކަމުން ވަކިވަކި ޤައުމުތަކާއި ވަކިވަކި ޤައުމުތަކުގެ ވެރިންނާއި މެދު ނަފުރަތު އުފެއްދުން ހުއްޓުވައި ފިޔަވަޅު އެޅުމަށްޓަކައި ރައީސުލް ޖުމުހޫރިއްޔާ ވަނީ ޚާއްސަ ޤަރާރެއްވެސް ނެރުއްވާފައެވެ. މިހިނގާ އޭޕްރީލް މަހުގެ އެކާވީސް ވަނަދުވަހު، ރައީސުލްޖުމުހޫރިއްޔާ ނެރުއްވި ޤަރާރުގައި، ރައީސް ޔާމީން އިސްވެ ހުންނަވައި ޕީޕީއެމާއި ޕީއެންސީން ހިންގަމުންދާ އިންޑިއާ އައުޓް ކެމްޕޭނަކީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކާއި، ޚިލާފު ކެމްޕޭނެއް ކަމުގައި ކަނޑައަޅުއްވާފައިވެއެވެ.

" އެއްވެސް ޖާއިޒު ސަބަބެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ޤައުމަކާއި ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭން ތަކަކީ، ޤައުމީ ސަލާމަތާއި ގުޅުން ހުރި އަދި ނުރައްކާ އޮތް ކަމެއް ކަމަށާއި، ވަކިވަކި ޤައުމުތަކާއި ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ، ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތްތަކެއް ކަމުގައި ކަނޑައެޅުމަށް ޤައުމީ ސަލާމަތާއި ބެހޭ މަޖިލީހުން ނިންމާފައި ވީހިނދު، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި (މ) އިން ރައީސުލްޖުމުހޫރިއްޔާ އާއި މަތިކޮށްފައިވާ ބާރުތަކާއި، މަސްއޫލިއްޔަތުތަކުގެ ދަށުން، ބަޔާންވެ ދިޔަ ފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، މިކަން މިގޮތުގެ މަތީން ތަންފީޛު ކުރުމަށް ދައުލަތުގެ ކަމާއި ބެހޭ އެންމެހައި އިދާރާތަކަށް އަންގައި، މިޤަރާރު އެކަށައެޅީމެވެ." ރައީސުލްޖުމުހޫރިއްޔާ ނެރުއްވި ޤަރާރުގައި ވިދާޅުވެފައި ވެއެވެ.

މިޤަރާރު ނެރުއްވުމަށް ފަހުގައި އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވުމަށް ފުލުހުން ވަނީ އިތުރު ފިޔަވަޅުތައް އަޅަން ފަށާފައެވެ. މިގޮތުން ރައީސް ޔާމީނުގެ ގެކޮޅު ހ ދޫވެއްސާއި އެނޫންވެސް ޕީޕީއެމަށް ތާއީދު ކުރާ ގެތަކުގައި ނަގާފައިވާ ބޮޑެތި ބެނާތައް ފުލުހުން ވަދެ ވަނީ ނަގުވާފައެވެ.

އިންޑިއާ އާއި ދެކޮޅަށް ރައީސް ޔާމީން އިސްވެ ހުންނަވައި ކެމްޕޭނެއް ފައްޓަވާފައި ވާއިރު ރައީސް ނަޝީދު ދަނީ ޗައިނާ އާއި މެދު ނަފުރަތާއި ރުޅިވެރިކަން އުފެދޭ ފަދަ ވާހަކަފުޅުތަކާއި ހަޤީޤަތެއް ނެތް ވާހަކަފުޅުތައް ދައްކަމުންނެވެ. ޗައިނާއިން ރާއްޖެއަށް ދޫކޮށްފައިވާ ލޯނުތަކާއި ދީފައިވާ އެހީތަކާއި ގުޅިގެން ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުތައް ދޮގުކޮށް އެކަންކަން ސާފުކޮށްދީ ޗައިނާ ސަފީރު އެތައް ފަހަރަކު ވާހަކަފުޅު ދައްކަވަން ޖެހިވަޑައިގަތެވެ.

އިންޑިއާ އާއި ޗައިނާއަކީ ވާދަވެރި ދެޤައުމަށް ވާއިރު، ރައީސް ނަޝީދު ޗައިނާއަށް ނިސްބަތްކޮށް ދައްކަވާ ވާހަކަފުޅުތަކަކީ އިންޑިއާގެ ސަރުކާރާއި އިންޑިއާގެ އިސްވެރިންގެ ތާއީދު ހޯއްދެވުމަށް ދައްކަވާ ވާހަކަފުޅުތަކެއްގެ ގޮތުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ސިފަކުރެއެވެ.

މިހާރު ރައީސް ނަޝީދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދެއްވި ތަޤުރީރެއްގައިވެސް ވަނީ އިންޑިއާއަށް ތާއީދުކުރައްވައި އަދި ޗައިނާއަށް ފާޑު ވިދާޅުވެފައެވެ. މިގޮތުން ޗައިނާއިން ގެންގުޅެނީ ބިންފޭރުމާއި ދަރަނީގެ ސިޔާސަތެއް ކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ދަރަނީގެ %70އަކީ ޗައިނާއަށް ދަރާފައިވާ ދަރަނި ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށާއި އަދި 2023 ކާމިޔާބު ކުރެއްވޭނެކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދުގެ އެދުންފުޅަކީ އެއްގޮތެއް ނެތިއްޔާ އަނެއްގޮތަކުން ނަމަވެސް ވެރިކަމުގެ ގޮނޑިއަށް އެނބުރިވަޑައިގެންނެވުމެވެ. އެހެން ނަމަވެސް 2023 ގެ ރިޔާސީ އިންތިޚާބަށް ރައީސް ނަޝީދަށް ކުރިމަތި ލެއްވޭނެ ގޮތެއް ނެތްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، އަދި އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާމަނިކު ވިދާޅުވެފައިވެއެވެ.

" 2023ގައި ބާއްވާ ރިޔާސީ އިންތިޚާބަށްMDP ކެންޑިޑޭޓަކު ނެރުމަށް ޕްރައިމަރީއެއްބޭއްވޭނީ 2012ގައި MDP ޤ މަޖްލީހުގެ އިއްތިފާޤުން ނިންމާފައވާ ނިންމުން(ޕާޓީގެރައީސަކުވެރިކަމުގާހުރިނަމަ އަދިއޭނާ ކުރިމަތިލާނަމަ ޕްރައިމަރީއާނުލާ ޓިކެޓްދޭންޖެހޭ)ޤަރާރު ބާތިލް ކޮށްގެން," މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރަކު ވިދާޅުވީ، އިންޑިއާ އައުޓް ކެމްޕޭނާއި ދެކޮޅަށް ފިޔަވަޅު އަޅާނަމަ ރައީސް ނަޝީދު ޗައިނާ އާއި ދެކޮޅަށް ދައްކަވާ ވާހަކަތަކަށްވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ރައީސް ނަޝީދުގެ މަޤުޞަދަކީ، ޗައިނާ ރުޅިއަރުވައި، ދަރަނި އަދާކުރުމާއި އެހީތަށް ހޯދުމުގައި ސަރުކާރަށް ދަތިކުރުވުމެވެ.

ޗައިނާ އާއި ގުޅޭ ގޮތުން ރައީސް ނަޝީދު ދެއްކެވި އެތައް ވާހަކަފުޅު ތަކަކީ، އެއްވެސް ހަޤީޤަތެއް އަސާސެއް ނެތް ވާހަކަތަކެއްކަން ޗައިނާގެ ކުރީގެ ސަފީރާއި މިހާރުގެ ސަފީރުވެސް ވަނީ ޔަޤީންކޮށް ދެއްވާފައެވެ. އަދި ރައީސް ނަޝީދު ދައްކާ އެވާހަކަފުޅުތަކަކީ ސިޔާސީ ބޭނުމުގައި ދައްކަވާ ވާހަކަފުޅުތަކެއް ކަމުގައި ރައީސް ނަޝީދާއި އިދިކޮޅު ޚިޔާލުގެ ހުރިހާ ސިޔާސީ ބޭފުޅުންވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

އަވައްޓެރި ޤައުމުތަކާއި އެހެން ޤައުމުތަކާއި މެދުވެސް ތިލަފަތް ހަމަ ޚާރިޖީ ގުޅުމެއް ބާއްވައިގެން ކުރިޔަށް ދިޔުމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން އިންޑިއާ އާއި އަދި ޗައިނާ އާއި އެކުވެސް މިސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް މީގެ ކުރިން ރައީސުލްޖުމުހޫރިއްޔާ ކަން ކުރައްވާފައިވާ ރައީސް ޔާމީނު އިންޑިއާ އާއިދެކޮޅަށް ކުރައްވާ ކެމްޕޭން ތަކާއި، ރައީސް ނަޝީދު ޗައިނާ އާއި މެދު އުފައްދާ ނަފުރަތުގެ ސަބަބުން ދިވެހިރާއްޖެއަށް ލިބޭ ގެއްލުންތައް ބޮޑުވެގެން ދާނެއެވެ. ރައީސް ޔާމީނާއި ރައީސް ނަޝީދު ދެބޭފުޅުންކުރެ ކޮންމެ މަޤުޞަދަކީ ދުނިޔޭގެ ބޮޑު ދެބާރުގެ މެދުގައި ދިވެހިން ތާށި ކުރުވައި އިޤުތިޞާދީ އިޖުތިމާއީ އަޅުވެތިކަމުގެ ތެރެއަށް ޤައުމު ވައްޓާލުން ކަމުގައިވެސް ބައެއް ބޭފުޅުން ވިދާޅުވެއެވެ. މިގޮތުން ރައީސް ޔާމީން އިންޑިއާ އާއި ދެކޮޅަށް ރައީސް ނަޝީދު ޗައިނާ އާއި ދެކޮޅަށް ކުރައްވާ މަސައްކަތުން ރައްޔިތުންނަށް ޖެހޭނީ އުނދަގޫތަކާއި ތުރާތަކެވެ. ރައްޔިތުންނަށް މޮޅެއް ނެތެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.