ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް

ރާއްޖޭގެ ނޫސްވެރިކަމުގެ އޭރާއި މިހާރާއި މުސްތަޤުބަލް

އަންގާރަ 03 މެއި 2022 | އަލީ ސުލައިމާން

މިއަދަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. އދ ގެ އާއްމު މަޖިލީހުން ފާސްކޮށްގެން ދުނިޔޭގައި ކޮންމެ އަހަރަކުވެސް ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރެވެން ފެށީ 1948 ވަނަ އަހަރުން ފެށިގެންނެވެ. އެހެން ނަމަވެސް ދިވެހިރާއްޖެ ދުށް ނޫސްވެރިކަމުގެ މިނިވަންކަން ފެށިގެން އައީ މީގެ ފަނަވަރަކަށް އަހަރު ކުރިން ފެށިގެންނެވެ. އެހެން ނަމަވެސް ރާއްޖޭގައި ނޫސްވެރިކަން ފެށުނުތާ މިހިނގަނީ 89 ވަނަ އަހަރެވެ.

Advertisement


ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ ހަޔާތަށް ޤަރުނެއްފުރެން ކައިރިވިއިރި، ރާއްޖޭގެ ނޫސްވެރިކަމުގެ ހަޔާތުގައި ކަޅު ބަނަ އެތައް ދުވަސްތަކެއް ދެކެފައިވެއެވެ. ނޫސްވެރިކަމުގެ މިނިވަންކަން ނެތުމުގެ އިތުރުން ނޫސްވެރިންނާއި ނޫސްވެރިންގެ އާއިލާތަކަށް ބިރުދެއްކުމާއި ގެއްލުން ދިނުމާއި ޖަލަށްލުމަކީ އިވެމުން ފެންނަމުން އަދި ތަޖުރިބާ ކުރެވެމުން އައި ކަންކަމެވެ. އަދި ނޫސްވެރިން ވަގަށް ނެގުމާއި މެރުންވެސް މިހާރު މިވަނީ ތާރީޚުގެ ތެރެއަށް ވަދެފައެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ 1932 ވަނަ އަހަރު އިއުލާނުކޮށް، އެޤާނޫނު އަސާސީގެ ތެރެއިން ލިބުނު މިނިވަންކަމާއި އެކު ރާއްޖޭގައި ނެރެވުނު ފުރަތަމަ ނޫހުގެ ނަމަކީވެސް އަލް އިސްލާޙެވެ. އެނޫހުގެ ނަމުންވެސް އޭރުގެ ސިޔާސީ އަދި އިޖުތިމާއި ހާލަތުގައި ބަދަލަކަށް ބޭނުން ވެފައިވާކަން ހާމަކޮށްދެއެވެ. 8 ޖުލައި 1933ގައި އަލް އިސްލާޙް ނެރެފެށުމަކީ ދިވެހިރާއްޖޭގައި ޒަމާނީ ނޫސްވެރިކަމުގެ ފެށުެމެވެ. ނޫސް ނެރެންފެށީ ސްޓެންސިންލައި އަތުން ލިޔެ ޗާޕުކޮށްގެނެވެ.

އަލްއިސްލާޙްގެ ނަމުގައި ރާއްޖޭގައި ނޫސްވެރިކަން ފެށިގެން ދިޔަ ނަމަވެސް އެ ނޫސްވެރިކަމަކީ ރައްޔިތުންގެ އިޖުތިމާއި އިޤުތިޞާދީ މައްސަލަތަކާއި ރައްޔިތުންގެ ހައްޤުތަކުގެ ވާހަކަ ދައްކާ ނޫސްވެރިކަމަކަށް ނުވެއެވެ. ސަބަބަކަށް ވެފައި އޮތީ ރާއްޖޭގެ ނޫސްވެރިކަންފެށިގެން އައީ ސަރުކާރުގައި އިސްކޮށް ތިއްބެވި ވެރިންނަށް ފެނިވަޑައިގެން އެބޭފުޅުން ފެއްޓެވި ކަމެއްގެ ގޮތުގައި ވީކަމެވެ. އެހެންކަމުން އެދުވަސް ވަރުގެ ނޫސްތަކުގައި ޝާއިއު ކުރެވެމުން އައީ ރައްޔިތުންނާއި މުޖުތަމައުގެ މަސްލަޙަތަށް ވުރެ ބޮޑަށް ސަރުކާރުން އާއްމުންނަށް ދޭން ބޭނުންވާ މައުލޫމާތެވެ.

1962 ވަނަ އަހަރު ދިވެހިރާއްޖޭގައި ރޭޑިއޯގެ ޚިދުމަތްފެށި އަދި 1978 ވަނަ އަހަރު ދިވެހިރާއްޖޭގައި ޓީވީގެ ޚިދުމަތްފެށި ބްރޯޑްކާސްޓްކުރަން ފެށުނު ނަމަވެސް 2006 ވަނަ އަހަރާއި ހަމައަށް، ދައުލަތުގެ މީޑިއާވެފައި އޮތީ ސަރުކާރުން ބޭނުންވާ ގޮތަށް ސަރުކާރުގެ ޕްރޮޕެގެންޑާ ފެތުރުމުގެ ވަސީލަތަކަށެވެ. 

1933 ވަނަ އަހަރުން ފެށިގެން 1990 ވަނަ އަހަރާއި ހަމައަށް ރާއްޖޭގައި ނޫސްވެރިކަން ކޮންޓްރޯލް ކުރަމުން އައީ ސަރުކާރުންނެވެ. ސަރުކާރު ޚަބަރުގެ ނަމުގައި ނޫހެއް ނެރެމުން އައިއިރު އައްރަފީޤާއީ މޫންލައިޓާއި ވިޔަފާރި މިއަދު ފަދަ ނޫސްމަޖައްލާ ތަކަކީ، ސަރުކާރާއި ސަރުކާރާއި ގުޅިފައިވާ ފަރާތްތަކުން ހިންގަމުން އައި ނޫސް މަޖައްލާތަކެވެ. އޭގެ ފަހުން ނުކުތް އާފަތިހާއި މިއަދާއި ހަވީރު ފަދަ ނޫސްތަކަކީވެސް ސީދާ ސަރުކާރާއި ގުޅިފައިވާ ފަރާތްތަކުން ހިންގަވަމުން އައި އަދި ސަރުކާރުން މާލީ އެހީތައް ދެއްވަމުން އައި ނޫސްމަޖައްލާ ތަކެވެ.

ރައީސް މައުމޫނުގެ ވެރިކަމާއު ހަމައަށް ސަރުކާރުން ކޮންޓްރޯލް ކުރަމުން އައި ރާއްޖޭގެ ނޫސްވެރިކަމަށް 1990 ވަނަ އަހަރު ދެއްވި ކުޑަކުޑަ މިނިވަންކަމެއްގެ ތެރެއިން އައު ނޫސްމަޖައްލާތައް އުފަންވިއެވެ. އެހެން ނަމަވެސް ރައީސް މައުމޫމާއި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި ޒިންމާކުރުވުމުގެ ލިޔުންތައް ހަޖަމު ނުކުރެވުމުގެ ނަތީޖާއަކީ ނޫސްވެރިން ހައްޔަރުކުރެވި ޖަލަށްވެސް ލެވުމެވެ.

ނޫހެއްގައި ލިޔުނު ޚަބަރަކުން ނުވަތަ ރިޕޯޓަކުން އެއްވެސް ޝަރީއަތެއް ކުރުމެއް ނެތި ޖަލު އަދަބު ތަންފީޒް ކުރަން ޖެހުނު އެތައް ނޫސްވެރިންނަށް މިއަދުވެސް ދިރިދުނިޔޭގައި އެބަ ތިއްބެވެ.

1990 ވަނަ އަހަރު ރާއްޖެއަށް އިންޓަރނެޓް ތަޢާރަފްވެ، އަދި 1997 ވަނަ އަހަރު އޮންލައިން ނޫސްތައް ޝާއިއު ކުރެވެން ފެށުމާއި އެކު، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމަށް އެދި ތިބި ފަރާތްތަކުގެ މަސައްކަތްތަކަށް ހިއްވަރެއް ލިބުނެވެ. ރައީސް މައުމޫނުގެ ސަރުކާރާއި ދެކޮޅަށް ނެރުނު ސަންދާނާއި، ދަ މޯލްޑިވިއަން އަދި މޯލްޑިވުސް ފެކްޓް ފަދަ ރަޖިސްޓްރީނުކުރާ އޮންލައިން ނޫސްތައް ރާއްޖޭގައި ބްލޮކްވެސް ކުރިއެވެ. އަދި ސަންދާނު އަހަންމައިދީ އާއި ސަންދާނު ލުތުފީ ފަދަ ބޭބޭފުޅުން ހައްޔަރުކޮށް އަދަބުތައްވެސް ދެވުނެވެ.

ދެހާހުގެ ކުރީކޮޅަކީ ރާއްޖޭގައި އެންމެ ގިނަ ނޫސްމަޖައްލާތައް ނެރެންފެށި ދުވަސްވަރެވެ. ހުވާސް އާއި އައްޑުވަސް އަދި ފިޔެސް އާއި އުދަރެސް ފަދަ މަޖައްލާތަކަކީ އޭރުގައި އެންމެ ހިނގި މަޖައްލާތަކެވެ. އެހެން ނަމަވެސް ނޫސްވެރިކަމަށް އޮތް ހިފެހެއްޓުންތަކުގެ ސަބަބުން އިންވެސްޓިގޭޓިވް ޖާނަލިޒަމް ނުވަތަ ތަޙުޤީޤީ ނޫސްވެރިކަމެއް ކުރެވޭނެ ފުރުޞަތެއް އޭރަކު ނެތެވެ.

2004 ވަނަ އަހަރު ރައީސް މައުމޫނު އިއުލާނު ކުރެއްވި އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ މީޑިއާއަށް ބަދަލުތައް ގެންނަން ފެށި ބަދަލުތަކާއި އެކު ރާއްޖޭގައި އަމިއްލަ ޓީވީތަކާއި ރޭޑިއޯ ސްޓޭޝަންތައް ހިންގުމުގެ ފުރުޞަތު ދެވުނެވެ. އަދި ދައުލަތުގެ މީޑިއާގެ އެޑިޓޯރިއަލް ސިޔާސަތަށް މުހިއްމު ބޮޑެތި ބަދަލުތައް ގެނެވި ރާއްޖޭގެ 20 އަތޮޅުގައި އަތޮޅު ބިއުރޯތައް ޤާއިމްކުރެވުނެވެ. 

ޒަމާނީ ޓެކްނޮލޮޖީ އާއި އިންޓަރނެޓްގެ ވަސީލަތްތައް ގެނެސްދިން ފަސޭހަ ތަކާއި އެކު މިޙާރުވެސް ދިވެހިރާއްޖޭގައި 200 ވުރެ ގިނަ އޮންލައިން ނޫސް ރަޖިސްޓްރީކޮށްފައި ވެއެވެ. ޓިވީ އާއި ރޭޑިއޯ ޗެނަލްތައް ހިންގުމަށް 30 ވުރެ ގިނަ ފަރާތަަށް ލައިސަންސް ދޫކޮށްފައިވެއެވެ.

ރާއްޖޭގެ ނޫސްވެރިކަމުގެ ހަޔާތުގައި އައި އެންމެ ބަނަ އަދި އެންމެ ކަޅު ދުވަސްތަަކަކީ 2013 އިން 2018އަށް ރައީސް ޔާމީނުގެ ވެރިކަމުގެ ދުވަސްވަރެވެ. ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ނޫސްވެރިއަކު ވަގަށް ނަގައި މަރާލީ، އަދި ބްލޮގަރަކަށް ހަމަލާދީ މަރާލީ ރައީސް ޔާމީނުގެ ވެރިކަމުގެ ދުވަސްވަރުގައެވެ. އަދި އެތައް ބައިވަރު ނޫސްވެރިންނަކަށް ޖިސްމާނީ އަނިޔާދިނުމުގެ އިތުރުން ބިރުދެއްކުމާއި އިންޒާރުދިނުން އާއްމުވެފައި އޮތެވެ. ނޫސްވެރިންނަށާއި މީޑިއާތަކަށް ފައިސާ ދީގެން ލިޔުންތައް ޝާއިއުކުރެވެމުން ދިޔައެވެ. އެހެންކަމުން ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ދަރަޖަކުރެވެމުން އައީ ސަރަހައްދުގެ ބައެއް ޤައުމުތަކަށްވުރެވެސް ދަށުންނެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ހިނގާދިޔަ ޚިޔާނާތާއި ފަސާދައިގެ އަމަލުތަކާއި ދެކޮޅަށް ލިޔުންތައް ލިޔުނު ނޫސްވެރިންނާއި ނޫސްތަކާއި ދެކޮޅަށް ފިޔަވަޅުތައް އަޅައި ބައެއް ނޫސްތައް ބަންދުވެސް ކުރުވިއެވެ. މިގޮތުން ހަވީރާއި ސީއެންއެމް ފާހަގަކުރެވެއެވެ. އަދި އަބުރުގެ ޤާނޫނުގެ ނަމުގައި ޤާނޫނެއް ފާސްކޮށް ނޫސްވެރިކަމުގެ ހައްޤުތައް ހަނިކުރުމުން، ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ މީޑިއާހައުސްކަމުގައިވާ ދިޓީވީ އާއި ދިއެފްއެމް އަދި ދި ޕްލަސް ފަދަ މީޑިއާ ހައުސްތައް ބަންދުކުރަން ޖެހުނެވެ.

މިއަދު ސޯޝަލްމީޑިއާގެ ވަސީލަތްތަކާއި އެކު މިއަދު ނޫސްވެރިކަމަށް އިންޤިލާބީ ބަދަލުތައް އަތުވެއްޖެއެވެ. ކޮންމެ މީހަކަށްވެސް ނޫސްވެރިއަކަށް ވުމުގެ ފުރުޞަތު ހުޅުވިއްޖެއެވެ. ރަޖިސްޓްރީކޮށްގެން ހިންގާ ނޫސްމަޖައްލާތަކާއި ރޭޑިއޯ ޓީވީތަކަށް ވުރެ ސޯޝަލް މީޑިއާ މެދުވެރިކޮށް މިއަދު ވަކިފަރުދަކަށްވެސް މާބޮޑު އޯޑިއެންސެއް ހޯދި ދާނެއެވެ. އިންޓަރނެޓުގައި ބްލޮގެއް ނުވަތަ އަމިއްލަ ވެބްސައިޓެއް ހިންގި ދާނެއެވެ.

ޒަމާނީ ޓެކްނޮލޮޖީ އާއި ސޯޝަލްމީޑިއާގެ ވަސީލަތްތަކާއި ނޫސްވެރިންނަށް އޮތީ ގޮންޖެހުންތައް ކުރިމަތިވެފައެވެ. ރަސްމީ ނޫސްތަކުގައި ކޮންމެ ވާހަކައެއްވެސް ލިޔެ ވެނީ، ކަމާއި ގުޅޭ ފަރާތްތަކުން މައުލޫމާރު ހޯދައި ޔަޤީންކޮށްގެނެވެ. އެހެން ނަމަވެސް ސޯޝަލްމީޑިއާގެ ވަސީލަތްތަކުގައި މައުލޫމާތު ފަތުރާ މީހުން މައުލޫމާތު ފަތުރަނީ އެމައުލޫމާތެއްގެ ދޮގުތެދު ބަލައި ސައްޙަކަން ކަށަވަރުކޮށްގެނެއް ނޫނެވެ. ނަތީޖާއަކީ ހާދިސާ ތަކާއި ކާރިސާތަކުގެ މައުލޫމާތާއި އެކްސިޑެންޓްތަކުގެ މައުލޫމާތުތައް މެއިން ސްޓްރީމް މީޑިއާއަށްވުރެ މާކުރިން ސޯޝަލް މީޑިއާއިން އާއްމުންނާއިހަމައަށް ފޯރުމެވެ. އެފަދަ ކަމެއްގެ މައުލޫމާތު މެއިން ސްޓްރީމް މީޑިއާއިން ގެނެސްދޭއިރު ސޯޝަލް މީޑިއާގެ ވަސީލަތްތަކުން އެކަމެއް އެންމެނަށް އެނގިފައި އޮތުމެވެ.

ޚަބަރާއި މައުލޫމާތު ފެތުރުމަކީ އަމާނާތެކެވެ. އެއީ ޖަމާއަތާއި މުޖުތަމައުގެ މަސްލަޙަތު އިސްކުރަން ޖެހޭނެ ކަމެކެވެ. އެހެން ނަމަވެސް މިއަދު ކޮންމެ މީހަކަށްވެސް ނޫސްވެރިއެއްގެ ގޮތުގައި އިންޓަރނެޓުގެ ވަސީލްތަތއް މެދުވެރިކޮށް މައުލޫމާތު ފެތުރުމުގެ މަގު ފަހިވުމުން، ހަޤީޤަތެއް ނެތް ޚަބަރާއި، އަސްލު ހަޤީޤި ޚަބަރަކީ ކޮބައިކަން ދެނެގަތުމަށްވެސް ވަނީ ދަތިވެފައެވެ. މީހުން ހޭލުންތެރި ކުރުވުމާއި މައްސަލަތަކަށް މީހުންގެ ލޯތަށް ހުޅުވައިދިނުމުގެ އިތުރުން، މުޖުތަމައުތައް ފަސާދަ ކުރުމާއި މީހުންގެ އަބުރުކަތިލުމަށް ބޭނުންކުރާ ވަސީލަތަކަށްވެސް މިއަދު ނޫސްތަކާއި ނޫސްވެރިން ވަނީ ވެފައެވެ.

ރާއްޖޭގެ ނޫސްވެރިކަމަށް މިސަރުކާރުން ވަނީ ފުރިހަމައަށް މިނިވަންކަން ދީފައެވެ. ނޫސްތަކުގައި ޝާއިއުކުރާ ލިޔުމަކުން ނުވަތަ ރޭޑިއޯ ޓީވީޗެނަލަކުން ބްރޯޑްކާސްޓްކުރާ މައުލޫމާތަކުން އެ ނޫސްވެރިއަކަށް ނުވަތަ އެމީޑިއާ ހައުސަކަށް ފިޔަވަޅެއް ނާޅައެވެ. ފުލުހަށް ހާޟިރުކޮށް ތަޙުޤީޤެއް ނުހިންގައެވެ. 

ރާއްޖޭގެ ނޫސްވެރިކަމުގައި އޮތް ހުރަހަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިއަދު އޮތް ހުރަސްތަކެވެ. ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރުމެވެ. މަހުޖަނުން މީޑިއާތައް އުފައްދައި އެމީހުން ބޭނުންވާ ޕްރޮޕެގެންޑާތައް ފެތުރުމަށް ނޫސްތަކާއި ނޫސްވެރިން ބޭނުން ކުރުމެވެ. އެހެންކަމުން މިއަދު މިނިވަން ޚިޔާލާއި ނޫސްވެރިކަމަށް އޮތް ޖާގަ ހަނިވެފައި ވަނީ އެފަދަ ކަންކަމުގެ ސަބަބުންނެވެ.

ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ނޫސްވެރިކަމުގައި ލީޑު ކުރާނީ ބްލޮގަރުންކަމުގައި ފެނެއެވެ. މެއިން ސްޓްރީމް މީޑިއާތަކުން ޖެހޭނީ އެހެން ގޮތެއް ހޯދާށެވެ.






ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.