އިމްތިޔާޒު ފަހުމީގެ ކެމްޕޭންގެ ތެރެއިން -- ފޮޓޯ؛ އިމްތިޔާޒް ފަހުމީ ކެމްޕޭން ޓީމް

އިންތިޚާބުގެ ވޯޓުވެސް ނުލަނީސް ބަލި ޤަބޫލުކުރެވުނީތަ؟

ބުދަ 04 މެއި 2022 | އަލީ ސުލައިމާން

މިިހިނގާ މެއިމަހުގެ 14 ވަނަ ދުވަހަކީ އެމްޑީޕީގެ ހަޔާތުން މުހިއްމު ދުވަހެކެވެ. ރާއްޖޭގެ ސިޔާސީ ދާއިރާއަށް ބޮޑު ދުވަހެކެވެ. ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަރަކާތްތެރި ޕާޓީއަކީ އެމްޑީޕީކަމަށް ވާއިރު އެޕާޓީގެ އެތެރޭގެ އިންތިޚާބުތައް ވެފައި އޮންނަނީ ޤައުމީ އިންތިޚާބަކަށް ވުރެ ފޯރިގަދަ އިންތިޚާބަކަށެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ އެމްޑީޕީގެ އިންތިޚާބެއް ކާމިޔާބު ވެއްޖެނަމަ އެމީހަކަށް ދެންހުރި އިންތިޚާބުތައް ކާމިޔާބުވާނެ ކަމުގެ ޔަޤީންކަން އޮންނަލެއް ބޮޑުވުމެވެ.

Advertisement


އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގެ ތެރެއިން މެއި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވަނީ ޗެއާޕާސަން ހޮވުމުގެ އިންތިޚާބާއި އަންހެނުންގެ ރޫހުގެ ރައީސާ އާއި ނައިބު ރައީސާ ހޮވުމުގެ އިންތިޚާބާއި، ޒުވާނުންގެ ހިއްވަރުގެ ރައީސާއި ނައިބު ރައީސް ހޮވުމުގެ އިންތިޚާބެވެ. މިއިންތިޚާބުތަކުންވެސް އެންމެ ފޯރި ގަދަވެފައި ވަނީ ޗެއާޕާސަނަގްގެ އިންތިޚާބެވެ. ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވަނީ އެއްކޮޅުން އެމްޑީޕީގެ ކުރީގެ ސްޕޯކްސް ޕާސަން އިމްތިޔާޒު ފަހުމީއެވެ. އޭނާ އާއިއެކު ހުންނެވީ ރައީސް ނަޝީދާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނެވެ. އަނެއްކޮޅުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވާދަކުރައްވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ އިސްމަޤާމުތައް ފުރުއްވާ ބޭފުޅުންނާއި ވަޒީރުންގެ މަޖިލީހުންގެ މެމްބަރުންވެސް ތިއްބެވީ ފައްޔާޒާއިއެކުގައެވެ. މިއިންތިޚާބުގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރައްވާކަން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ތާއީދު ކުރައްވަނީ ފައްޔާޒަށް ކަމުގައި ކަނޑައެޅިގެން ހާމަކުރައްވާފައި ނުވިނަމަވެސް ފައްޔާޒަށް ތާއީދު ކުރައްވާކަމުގެ އިޝާރާތްތައް ރައީސް ވަނީ ކުރައްވާފައެެވެ. އެހެންކަމުން ސިޔާސީ ދާއިރާގެ ކަންކަން ދިރާސާ ކުރައްވާ ބޭފުޅުން ޤަބޫލު ކުރައްވާ ގޮތުގައި ޗެއާޕާސަންގެ އިންތިޚާބަކީ އިންތި އާއި ފައްޔާޒު ވާދަކުރައްވާ އިންތިޚާބެއް ނަމަވެސް މިއިންތިޚާބުގައި މިކަނޑައެޅެނީ އެމްޑީޕީގެ ކޮންޓްރޯލް ބުރަވާނީ ރައީސް ނަޝިދަށް ތޯ ނުވަތަ ރައީސް ސާލިޙަށ ތޯއެވެ. އެމްޑީޕީގެ ރައީސްގެ މަޤާމުގައި ރައީސް ނަޝީދު ހުންނެވި އިރު، ޕާޓީގެ ވެރިކަމެއް ހިނގަމުންދާތީ އެމްޑީޕީގެ އެންމެ އިސްފަރާތަކީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙެވެ.

އެހެން ނަމަވެސް އެމްޑީޕީގެ އަސާސީ ޤަވާއިދު ބުނާ ގޮތުން އެމްޑީޕީގެ އިދާރީ ހިންގުމުގައި އެންމެ އިސް ފަރާތަކީ ޗެއާޕާސަންއެވެ. އެންމެ ފަހުން އެމަޤާމު ފުރުއްވި ހަސަން ލަޠީފު ހުންނެވި ރައީސް ނަޝީދާއި އެކުގައެވެ. ހަސަން ލަތީފުގެ ދައުރު ހަމަވިއިރު، ޗެއާޕާސަންގެ މަޤާމުގެ އިންތިޚާބު ބާވައި ބޭފުޅަކު އިންތިޚާބު ކުރެވިފައި ނުވާތީ އެމަޤާމުން މިހާރު އޮތީ ހުހަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓު ނެގުމަށް އެންމެ 9 ދުވަހަށް ވެފައި ވާއިރު، މިހާރުވެސް މަޝްރަހް ފެންނަނީ ވަރަށް ހޫނު ކޮށެވެ. އަދި އިންތިޚާބު އޮންނަ ދުވަހާއި ހަމައަށް އަންނައިރު މަންޒަރު އެތައް ގޮތަކަށް ފުރޮޅިގެން ދާނެކަމުގައި ޔަޤީން ކުރެވެއެވެ. އިންތިޚާބަށް ފައްޔާޒު ނުކުތީއްސުރެ ރައީސް ނަޝީދުގެ ސަޕޯޓަރުން ވަނީ ވަކިވެ ގަނެ ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އުފަންކޮށްފައެވެ. އެއާއިއެކު ޕާޓީގެ އެތެރޭގައި އޮތް ހަމަޖެހުމަށް މިހާރުވެސް ވަނީ ބުރޫއަރާފައެވެ.

ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ ދެބޭފުޅުންވެސް އަތޮޅުތަކާއި މާލޭގައި ކެމްޕޭންތައްކޮށް ދޮރުން ދޮރަށް ހިނގަވަމުންދާއިރު އިންތިޚާބުގެ ނަތީޖާ ބުރަވާނެ ކޮޅެއް ޔަޤީންކޮށް ބުނާކަށް ނޭނގެއެވެ. އެހެން ނަމަވެސް ކެމްޕޭނުގައި އިމްތިޔާޒު ފަހުމީގެ ކެމްޕޭން ޓީމާއި ރައީސް ނަޝީދުގެ ފަރާތްޕުޅުން ފެންނަމުންދާ ކަންކަމަށް ބަލާއިރު، މާބޮޑުތަނުން ޗެއާޕާސަންގެ އިންތިޚާބު ފައްޔާޒު ކާމިޔާބު ކުރާނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށް ބެލެވެއެވެ. 

އެމްޑީޕީ ހިންގާލަން، ސްލޯގަންގެ ދަށުން ފައްޔާޒު ކެމްޕޭން ކުރައްވަމުން ގެންދަވާއިރު އެމަނިކުފާނު ދައްކަވަމުން ގެންދަވަނީ، އެމްޑީޕީ އާއި އެޕާޓީގެ އާއްމު މެމްބަރުންގެ ގުޅުންތައް ރަނގަޅު ކުރުމުގެ ވާހަކަ އާއި، 2023 ގެ އިންތިޚާބު ރައީސް ސާލިހަށް ހޯއްދަވައި ދެއްވުމުގެ ވާހަކައެވެ.  އެމްޑީޕީގެ ވެރިކަން ދެމެހެއްޓުމުގެ ވާހަކައެވެ.

"އުކުޅަހުގައި ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ލިބުނު ދުވަހުން ފެށިގެން އަޅުގަނޑުމެން މިހިނގަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއްގެ ތެރޭގައި. މިއަދު އެކަންކަން ތިލަވަމުން ތިލަވަމުން އައިސް އެފެންނަނީ. މިސަރުކާރު ދިފާއުކުރުމުގައި އަޅުގަނޑުމެން ރޮޒޭމެން ކޮންމެ ދުވަހަކު ކެނޑިނޭޅި މަސައްކަތް ކުރަމުން މިދަނީ." އއ އުކުޅަހުގައި ކެމްޕޭން އެއްވުމެއްގައި އަންގާރަ ދުވަހު ދެއްކެވި ވާހަކަފުޅުގައި ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އެބޭފުޅުން މަސައްކަތް ކުރައްވަނީ އެމްޑީޕީއަށް 2023 ކާމިޔާބު ކުރުމަށް ކަމަށާއި، އެދެނީ ރައީސް ސޯލިޙް ވެރިކަމަށް ކުރިމަތިލައްވައިގެން ކާމިޔާބު ހޯއްދެވުންކަމަށެވެ. އެހެންކަމުން އިންތިޚާބުގެ ކެމްޕޭންގައި ފައްޔާޒު ދައްކަވަމުންގެންދަވާ ވާހަކަފުޅު ތަކުންވެސް އިންތިޚާބުގައި ރައީސް ސޯލިޙްގެ ތާއީދު އޮތީ ފައްޔާޒުއަށްކަން އެނގެއެވެ.

ތިލަފަތުގެ ރަމްޒުގެ ސްލޯގަންގެ ދަށުން މިއިންތިޚާބުގައި ވާދަކުރައްވާ އަނެއް ކެނޑިޑޭޓް އިމްތިޔާޒު ފަހުމީއަށް ރައީސް ނަޝީދު ތާއިދު ކުރައްވާކަން އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ރައީސް ނަޝީދު ދަނީ ހާމަކުރައްވަމުންނެވެ. އަދި ފައްޔާޒުގެ އިސްތަށި ފުޅުގައި ވަގު ތުހުމަތާއި ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތުތައް އަޅުވައި ރައީސް ނަޝީދު ގެންދަވަނީ ވާހަކަފުޅު ދައްކަވަމުންނެވެ. މީގެ އިތުރުން އިންތިޚާބުގައި ފައްޔާޒަށް ތާއީދު ކުރައްވާ ފަރާތްތަކަށް ރައީސް ނަޝީދު ގެންދަވަނީ ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.

އިންތިގެ ސަޕޯޓަރުންގެ ގޮތުގައި ތިއްބެވި ބައެއް މަޖިލިސް މެމްބަރުންވެސް ވަރަށް ހުތުރުބަހުން ފައްޔާޒަށް އެއްޗެހި ކިޔުއްވައި ކެމްޕޭން އެއްވުންތަކާއި ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވަމުން ގެންދަވާއިރު، އެބޭފުޅުންގެ މައިގަނޑު ތުހުމަތަކީ، އިމްތިޔާޒަށް ތާއީދު ކުރާ ފަރާތްތަަކަށް ސަރުކާރުން ވަޒީފާގެ ބިރު ދެއްކުމުގެ ތުހުމަތާއި، ރައީސް ނަޝީދު ޕާޓީން ވަކިކުރަން އުޅޭ ކަމުގެ ތުހުމަތެވެ. އަދި ދައުލަތުގެ ވަސީލަތްތަކާއި މަޤާމުގެ ނުފޫޒު ނުހަމަ ގޮތުގައި ބޭނުން ކުރާ ކަމުގެ ތުހުމަތެވެ.

" މިޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބޭރުކުރަން ބާކީކުރާކަށް އަޅުގަނޑުމެން ޖާގައެއް ނުދޭނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތުން މިޕާޓީއަށް ކުރިއެރުން ލިބޭނީ. މިޕާޓީގެ އަސާސްތައް އުސޫލުތައް ނެގެހެއްޓުމަށް، އަޅުގަނޑު މިޕާޓީގެ ޗެއާޕާސަންގެ މަޤާމުގައި ހުރެ މަސައްކަތް ކުރާނަން." އަތޮޅު ތެރޭގެ ކެމްޕޭން އެއްވުމެއްގައި އިމްތިޔާޒު ފަހުމީ ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގެ ކުރީކޮޅު އެންމެބާރަށް އިމްތިޔާޒު ފަހުމީއަށް ތާއީދު ކުރާ ފާރާތްތަކުން ދައްކަމުން ދިޔަ އެއްވާހަކައަކީ، އިމްތިޔާޒު ފަހުމީއަށް ތާއީދު ކުރާ ފަރާތްތަކަށް ވަޒިފާގެ ބިރު ދައްކަމުންދާ ވާހަކަ އާއި ވަޒިފާއިން ވަކި ކުރަމުންދާ ވާހަކައެވެ. އެހެން ނަމަވެސް ފާޅުގައި ސަރުކާރުގެ ސިޔާސަތުތަކާއިދެކޮޅަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތްތަކާއި އެކު އިމްތިޔާޒު ފަހުމީއަށް ތާއިދުކޮށް ސަރުކާރަށް ފާޑުކިޔަމުންދާ ސަރުކާރުގެ މަޤާމުތަކުގައި ތިބި އެމްޑީޕީގެ މެމްބަރުންނާއި މެދު ސަރުކާރުން މިހާތަހަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނެތެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ފައްޔާޒަށް ކާމިޔާބު ވެއްޖެނަމަ ރައީސް ނަޝީދު ބާކީވެ އެމަނިކުފާނު ޕާޓީން ބޭރުކޮށްލާނެކަމަށް އިންތިއަށް ތާއީދު ކުރާ ފަރާތްތަކުން ދައްކާ ވާހަކައަކީ، ވޯޓު ހޯދުމަށް މީހުން ޖަޒުބާތުގައި ޖެއްސުމަށް ދައްކާ ވާހަކައެއްގެ ގޮތުގައި ފައްޔާޒުގެ ކެމްޕޭންޓީމުގެ މެމްބަރުން ފާހަގަކުރެއެވެ. އަދި އިންތިޚާބު ބޭއްވުމުގެ މާކުރިންވެސް އިންތިއަށް އިންތީޚާބު ކާމިޔާބު ނުވާނެކަން އެފަރާތްތަކަށްވެސް ޤަބޫލު ކުރެވެނީ ކަމުގައި ފައްޔާޒުގެ ކެމްޕޭންޓީމުން ބުނެއެވެ.

ފައްޔާޒުގެ ކެމްޕޭން ޓީމުން ތުހުމަތު ކުރާ ގޮތުގައި އިމްތިޔާޒު ފަހުމީއަށް އެމްޑީޕީގެ ޗެއާޕާސަަންގެ އިންތިޚާބު ކާމިޔާބު ވެއްޖެނަމަ މިހާރުވެސް އެމްޑީޕީގެ ތެރެއިން ރައީސް ނަޝީދު އިސްވެ ހުންނަވައި ސަރުކާރަށް ކުރަމުންދާ ޖެއްސުންތައް އިތުރުވެގެންދާނެއެވެ. އެމްޑީޕީގެ އަސާސީ ޤަވާއިދާއި އަދި 2012 ވަނަ އަހަރު އެޕާޓީގެ ކޮންގްރެސްއިން ނިންމާފައިވާ ނިންމުމަށް ރިއާޔަތް ކުރާއިރު، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙަށް، ޕްރައިމަރީ އަކާއި ނުލައި ރިޔާސީ ޓިކެޓް ދޭންޖެހެއެވެ. އެހެން ނަމަވެސް ރައީސް ނަޝީދު ބޭނުންފުޅު ވަނީ އެމަނިކުފާނަށް ވާދަކުރެއްވޭ ގޮތަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށެވެ. އެމަގަށް ކަންކަން ގެންދިޔުމަށްޓަކައި އެމަނިކުފާނުގެ ކޮންޓްރޯލް އޮތް ބޭފުޅަކު އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށްގެނައުމަކީ ރައީސް ނަޝީދަށް މުހިއްމު ކަމެކެވެ.

ސަރުކާރާއި މެދު ރައީސް ނަޝީދު ހިތްޕުޅުހަމަނުޖެހި ވަޑައިގެން އުޅުއްވަނީ، ރާއްޖޭގެ ވެރިިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް އެމަނިކުފާނަށް ބޮޑުވަޒީރުކަންދީ ރައީސުލްޖުމުހޫރިއްޔާގެ މަޤާމު ރަމްޒީމަޤާމަކަށް ހަދައި 2023 ގެ ރިޔާސީ އިންތިޚާބު ނުބޭއްވުމަށް އެމަނިކުފާނު ހުށައެޅުއްވި ހުށައެޅުންތަކަށް ސަރުކާރުން އެއްބާރުލުން ނުދިނުމުންނެވެ. އެހެންކަމުން ވެރިކަމުގެ ބާރުތަކާއި މެދު އެމްޑީޕީގެ އެތެރޭގައި ހިނގަމުންދާ އަރައިރުންތަކުގައި، 14 ވަނަ ދުވަހު އޮންނަ ޗެއާޕާސަންގެ އިންތިޚާބަކީ މުހިއްމު ދުވަހެވެ. އެމްޑީޕީގެ ކޮންޓްރޯލް ލިބޭނީ ކޮންބޭފުޅަކަށް ކަނޑައެޅިގެންދާނީ އެދުވަހުގެ ނަތީޖާއިންނެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.