
އެއަރ އޭޝިޔާގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި
ކޮވިޑް 19 އާއި ގުޅިގެން ހުއްޓާލާފައިވާ އެއަރ އޭޝިޔާގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް އަލުން ފަށަފައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ ކުންފުނިން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްއިން ބުނީ އެއަރ އޭޝިޔާގެ ދަތުރުތައް މެލޭޝިޔާއިން ސީދާ ރާއްޖެއަށް އަލުން ފެށީ އިއްޔެ ކަމަށެވެ. އަދި އެ އެއަރލައިނުން މެލޭޝިޔާއިން ރާއްޖެއަށް ހަފްތާއަކު ދެ ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމް.އޭ.ސީ.އެލްއިން މައުލޫމާތުދެއެވެ.
އެއަރ އޭޝިޔާއިން ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ، ކޮންމެ ހަފްތާއެއްގެ އަންގާރަ އަދި ހޮނިހިރު ދުވަހުއެވެ.
ކޮވިޑް 19ގެ ކުރިން ރާއްޖެއަށް ދުވާލަކު ދަތުރެއް ކުރަމުން އައި އެއަރ އޭޝިޔާގެ ޝެޑިއުލް ދަތުރުތައް މެދުކަނޑާލީ، ކޮވިޑާއި ގުޅިގެން މެލޭޝިޔާގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެންނެވެ. އަދި އެ އެއަރލައިންގެ ދަތުރުތައް އިއްޔެ އަލުން ފަށާފައިވާއިރު، އިއްޔެގެ ފްލައިޓުން އެކަނިވެސް ރާއްޖެއަށް 150 އެއްހާ ފަސިންޖަރުން އައި ކަމަށް އެމް.އޭ.ސީ.އެލްއިން ބުނެއެވެ.
ކޮވިޑާއި ގުޅިގެން މެލޭޝިޔާއިން ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވެފައިވާއިރު، އެއަރ އޭޝިޔާގެ ދަތުރުތައް އަލުން ފެށުމުން އެޤައުމުން ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ލަފާކުރެއެވެ.