ރައީސް ނަޝީދަށް ހަމަލާދިން ސަރަހައްދު. ފޮޓޯ: ސޯޝަލް މީޑިއާ

ނަޝީދަށް ދިން ހަމަލާގެ ފަހަތުގައި ތިބި މީހުންގެ ތަޙްޤީޤު އަވަސް ކުރަންޖެހޭ - ރައްޔިތުންގެ މަޖިލީސް

ހުކުރު 06 މެއި 2022 | ހަމްޒާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ފަހަތުގައި ތިބި މާލީ ވާގިވެރިންނާއި، އެހެނިހެން ފަރާތްތަކުގެ މައްސަލަ އަވަހަށް ތަޙްޤީޤުކުރުން މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

Advertisement


ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއަށް އެއް އަހަރު ފުރުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، 6 މެއި 2021 އަކީ ދިވެހިރާއްޖެއަށް ކުރިމަތިވި އަނދިރި، ނާމާން ދުވަހެއް ކަމަށެވެ. އަދި އެދުވަހުގެ ރޭ ދިން އެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަކީ، ހަމައެކަނި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން އިންތިޚާބުވި ދިވެހިރާއްޖޭގެ ފުރަތަމަ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާއެއް ނޫން ކަމަށާއި، އެ ހަމަލާއަކީ ދިވެހި ދައުލަތާއި މުޅި ދިވެހި މުޖްތަމަޢާ ދެކޮޅަށް ދިން ހަމަލާއެއްގެ އިތުރުން އެއީ ޤާނޫނުގެ ބާރާއި ޑިމޮކްރެޓިކް މުއައްސަސާތަކަށް ދިން ހަމަލާއެއް ކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން ދިވެހިން ނަގާ ކޮޅަށް ޖަހާފައިވާ މުޅި އިޤްތިޞާދަށްވެސް ލޮޅުން އައިސް، ދިވެހި ދައުލަތުގެ ރީތި ނަމާއި ދުނިޔޭގެ ކަންކޮޅުތަކުން ރާއްޖެއާމެދު ދެކޭ ރީތި ގޮތާއި ތަޞައްވުރު ބަދަލުވެދާނެފަދަ ނުރައްކާތެރި ހަމަލާއެއް ކަމަށާއި، އެ ހަމަލާގެ ސަބަބުން މުޅި ދިވެހިރާއްޖޭގެ އަދި އަންނަން އޮތް ޖީލުތަކުގެ ސަލާމަތާއި ރައްކާތެރިކަމާމެދު ސުވާލު އުފެދި ބިރުވެރިކަން އުފެދިފައިވާ ކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ، އެ ހަމަލާއަށް އެއްއަހަރު ފުރިގެންދާއިރު، ހަމަލާ ދިންކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ޝަރީޢަތް ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި މިހާތަނަށް ޝަރީއަތް ނިމިފައިވަނީ އެންމެ މީހެއްގެކަން ފާހަގަކޮށް، ހަމަލާ ދިނުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ބާކީ ތިބި 8 މީހުންގެ ޝަރީޢަތް އެކި ސަބަބުތަކާހުރެ ވަރަށް ބޮޑަށް މަޑުޖެހިފައިވާތީ، މިކަމަކީ ކަންބޮޑުވާކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ.

އަދި އެ ހަމަލާގެ ސަބަބުން ރައީސް ނަޝީދު މިނިވަންކަމާއެކު ދިރިއުޅުއްވައި އެއްތަނުން އަނެއް ތަނަށް ވަޑައިގެންނެވުން ވަރަށް ބޮޑަށް ހިފެހެއްޓިފައިވާ ކަމަށާއި، އެ ހަމަލާއަށް އިންސާފު ލިބިވަޑައިނުގަންނަވާހާ ހިނދަކު، އެ މަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅުގައި ވާޖިބާއި މަސްއޫލިއްޔަތު އަދާކުރެއްވުން އަދި މިނިވަންކަމާއެކު ދިރިއުޅުއްވުމުގެ ޙައްޤު ވަރަށް ބޮޑަށް ހަނިކުރެވިފައި ކަަމަށް ބުނެފައިވެއެވެ. އެހެންކަމުން އެ ޓެރަރިސްޓް ހަމަލާގެ ފަހަތުގައި ތިބި މާލީ ވާގިވެރިންނާއި، އެހެނިހެން ފަރާތްތަކުގެ މައްސަލަ އަވަހަށް ތަޙްޤީޤުކުރުން މުހިންމު ކަމަށް މިބަޔާނުގައި ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގައި ޓެރަރިސްޓް ހަމަލާތައް ދޭ މިންވަރު އިތުރުވަމުން އައިސް، ރައީސް ނަޝީދަށް އަމާޒުކޮށްދިން އެ ހަމަލާއަކީ، ފަހުގެ ތާރީޚެއްގައި އެފަދައިން ދިން އެންމެ ބޮޑު ހަމަލާއެވެ. އެފަދަ ހުރިހާ ހަމަލާތަކެއް ތަޙްޤީޤުކޮށް، ޝަރީޢަތް ހިންގައި، އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތައް އިންސާފުގެ ކުރިމަށްޗަށް ގެނައުމަކީ، މި ޤައުމުގެ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަމެއްކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

އެހެންކަމުން މިއީ އެފަދަ ނުރައްކާތަކާމެދު ސަމާލުވެ ތިބުމުގެ މުހިންމުކަން ހަދާންކުރަންޖެހޭ ދުވަހެއް ކަަމަށާއި، މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ބޭނުންނަމަ އިންސާފު ހޯދުމަށް ކުރާ މަސައްކަތުގައި އެއްބައިވަންތަކަމާއި ސާބިތުކަމާއެކު ދެމިތިބުން މުހިންމު ކަމަށްވެސް މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.