
ރާއްޖޭގައި ބީޓާ ތެލަސީމިއާ ކެރިއަރުންގެ އަދަދު ހާސްވާންޖެހޭ މިންވަރަކަށް އަންނަނީ އިތުރު ވަމުން: ޑރ މުހައްމަދު ޢަލީ
ރާއްޖޭގައި ބީޓާ ތެލަސީމިއާ ކެރިއަރުންގެ އަދަދު ހާސްވާންޖެހޭ މިންވަރަކަށް އަންނަނީ އިތުރު ވަމުންކަމުގައި އެތެރެހަށީގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރު ޑރ މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ތެލަސީމިއާ ދުވަހާއި ގުޅިގެން ޑރ މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތަފާސްހިސާބުތަކަށް ބަލާއިރު, މުޅި ރާއްޖޭގައިވެސް ބީޓަރ ތެލެސީމިއަރ ކެރިއަރުންގެ އަދަދު އަންނަނީ ހާސްވާންޖެހޭ މިންވަރަކަށް އިތުރުވަމުން ކަމަށާއި، ޖެނެޓިކްގެ ޒަރީއާއިން ވާރުތަވާ މިބަލިތައް މަދު ކުރުމަށް އެޅޭނެ އެންމެ ބޮޑު ފިޔަވަޅަކީ ދުރާލައި ޓެސްޓުކުރުން ކަމަށެވެ. މިގޮތަށް ޓެސްޓު ކުރުމުގެ މުހިންމުކަން ޅަދަރިންނަށް އޮޅުންފިލުވައިދީ އުގަންނައި ދިނުމަކީ ވަރަށްމުހިއްމު ކަމެއް ކަމުގައިވެސް ޑރ މުހައްމަދު އަލީ ވިދާޅުވިއެވެ.
ތެލަސީމިއާގެ ހާލަތާއި މެދު ކުރެވިފައިވާ ދިރާސާއަކާއި ހަވާލާ ދެއްވައި ޑރ މުހައްމަދު އަލީ ވިދާޅުވީ، ރާއްޖޭގެ އާބާދީގައި ހިމެނޭ މީހުންގެ ތެރެއިން %30 މީހުން ބީޓާ ތެލަސީމިއާއަށް ޓެސްޓް ކުރެވުނު އިރު އޭގެ ތެރެއިން، ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަކީ ބީޓާ ތެލަސީމިއާ ކެރިއަރުން ކަމަށެވެ. މިގޮތުން ޓެސްޓު ކުރެވުނު މީހުންގެ %16.2 މީހުންނަކީ ތެލަސީމިއާ ކެރިއަރުންނެވެ. މިއީ ސަރަހައްދީ ނިސްބަތުންނާއި ދުނިޔޭގެ ނިސްބަތުންވެސް މަތީ އަދަދެކެވެ. މިގޮތުން އިންޑިއާގައި %9.95 މީހުން ބީޓާ ތެލަސީމިއާ ކެރިއަރުންނަށް ވާއިރު، ބުރެޒިލްގައި މިނިސްބަތަކީ އެންމެ %1 އެވެ.
ރާއްޖޭގައި ތެލަސީމިއާ ކެރިއަރުން އެންމެ ގިނަކަމަށް މިހާތަނަށް ފާހަގަވެފައި ވަނީ، ހދ، ށ، ނ، ޅ އަދި ލ ގައެވެ. މިއަތޮޅުތަކުގައި ބީޓާ ތެލަސީމިއާއަށް ޓެސްޓްކުރެވު މީހުންގެ އާބާދީގެ ތެލަސީމިއާ ކެރިއަރުންގެ ނިސްބަތް އުޅެނީ، %17.2 އާއި 23.8% އާ ދެމެދެވެ.
ރާއްޖޭގައި ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނެއް ފާސްކޮށްފައި ވަނީ 2012 ވަނަ އަހަރުގައެވެ.
އެޤާނޫނުގައި ވާގޮތުން ކައިވެނި ކުރުމުގެ ކުރިން ތެލަސީމިއާއަށް ޓެސްޓް ކުރަންޖެހޭނެއެވެ. އެހެން ނަމަވެސް ތެލަސީމިއާ ދެކެރިއަރުންނަށް ކައިވެނި ކުރުން މަނާކޮށްފައެއް ނުވެއެވެ.