
ތިމާވެށީގެ މަޝްރޫއުތަކަށް ބީ.އެމް.އެލުން ދޭ ހިލޭ އެހީއަށް އެދި މިމަހުގެ 15 ކުރިން ހުށަހަޅަންޖެހޭނެ
ތިމާވެށްޓާއި ގުޅުންހުރި މަޝްރޫއުތައް ހިންގުމަށް ބޭންކް އޮފް މޯލްޑިވްސްއިން ތައާރަފްކުރި ސްމޯލް ގްރާންޓްސްއަށް ހުށަހެޅުމުގެ މުއްދަތު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ ކަމަށް ބީ.އެމް.އެލްއިން ބުނެފިއެވެ.

ބީ.އެމް.އެލްއިން ބުނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނެވި ތަރައްގީއާއި ތިމާވެށްޓާއި ގުޅުންހުރި މަޝްރޫއުތައް ހިންގުމަށް ޖަމިއްޔާތަކަށް އަމާޒުކޮށް ތައާރަފްކުރި މި ފަންޑަށް ހުށަހެޅޭ މަޝްރޫޢުތަކުގެ ތެރެއިން 8 މަޝްރޫޢު ހޮވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކޮންމެ މަޝްރޫޢެއް ހިންގުމަށް 250،000 ރުފިޔާގެ ހިލޭ އެހީ ދޭނެ ކަމަށެވެ.
މިފަންޑަށް އެދި ހުށަހެޅޭނީ، 31 ޑިސެންބަރު 2021 ގެ ކުރިން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުންދާ ޖަމިއްޔާތަކަށެވެ.
ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ، ބީއެމްއެލް ސްމޯލް ގްރާންޓްސްގެ ދަށުން މުޖުތަމައަށް ފައިދާކުރަނިވި އަދި ތިމާވެށީގެ މައްސަލަތަކަށް އަމާޒުކޮށް ހިންގާ ކުދި އަދި މެދު ފަންތީގެ މަޝްރޫޢުތަކަށް ހިލޭ އެހީ ލިބޭނެ ކަމަށެވެ.
އަދި މި އެހީއާކު ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައިދީ، މުޖުތަމައުއަށް ދެމެހެއްޓެނިވި ތަރައްގީ ގެނެވި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ސަޢީދު ވިދާޅުވިއެވެ.
މީގެއިތުރުން މިދާއިރާގައި މަސައްކަތްކުރާ ވީހާވެސް ގިނަ ޖަމިއްޔާތަކަކުން މި ފުރުސަތުގެ ބޭނުންކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.