
ގދ.ގައްދޫ އައިސްޕްލާންޓުގެ ކެޕޭސިޓީ 50 ޓަނަށް ބޮޑުކުރަނީ
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޗަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯއިން ގދ.ގައްދޫގައި ޤާއިމްކޮށްފައިވާ އައިސްޕްލާންޓުގެ ކެޕޭސިޓީ ބޮޑުކުރުމަށް ތައްޔާރުވަމުންދާ ކަމަށް އެކުންފުނިން ބުނެފިއެވެ.

މިފްކޯއިން ބުނީ، މަސްވެރިންނަށް ފޯރުކޮށްދޭ އައިހުގެ ކެޕޭސިޓީ އިތުރުކޮށް، މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫޢުގެ ދަށުން ގައްދޫ އައިސްޕްލާންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ގައްދޫގައި 50 ޓަނުގެ އައިސްޕްލާންޓެއް ބެހެއްޓުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި، މިމަޝްރޫޢަަށް ބޭނުންވާ ފައިސާ މިހާރު ލިބިފައިވާ ކަމަށް މިފްކޯއިން ބުނެއެވެ.
އަދި މިމަޝްރޫޢުގެ ދަށުން އެރަށުގައި އައިސްޕްލާންޓުގެ އިތުރަށް 100 ޓަނުގެ އައިސް ރައްކާކުރާ ސްޓޯރެއް ޤާއިމްކުރުމަށްވެސް ވަނީ ނިންމާފައެވެ. މިއައިސްޕްލާންޓް ޤާއިމްކޮށް ނިމުމުން އެސަރަހައްދުގެ މަސްވެރިންނަށް ފަސޭހަ ކަމާއެކު އައިސް ލިބުމުގެ އިންތިޒަމް ހަމަޖެހިގެންދާނެ ކަމަށްވެސް މިފްކޯއިން ބުނެއެވެ.
ގދ.ގައްދޫގައި މިހާރު ޤާއިމްކޮށް، ހިންގަމުންދަނީ 25 ޓަނުގެ އައިސްޕްލާންޓެކެވެ.