ރާއްޖެޓީވީން ގެނެސްދިން ބަހުސްގެ ތެރެއިން -- ފޮޓޯ: ރާއްޖެ އެމްވީ

ނަޒާހަތްތެރި ކަމަކީ އިނގިލި ދިއްކުރުމެއް ނޫން: ފައްޔާޒު

ބުރާސްފަތި 12 މެއި 2022 | އަލީ ސުލައިމާން

މީހެއްގެ ނުވަތަ ބައެއްގެ ނަޒާހަތްތެރި ކަމަކީ މީހުންގެ މައްޗަށް ތުހުމަތުކޮށް ސާބިތު ނުހިފޭ ވާހަކަތައް ދައްކައި ބަދުނާމް ކުރުން ނޫންކަމުގައި އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ ކެނޑިޑޭޓް ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

Advertisement


ފައްޔާޒު އިސްމާއިލް މިހެން ވިދާޅުވީ، ރާއްޖެޓީވީ އިންތިޒާމްކޮށްގެން ބޭއްވި ބަހުސްގައި ވާދަވެރި ކެނޑިޑޭޓް އިމްތިޔާޒު ފަހުމީ ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދީ ދެއްކެވި ވާހަކަފުޅުގައެވެ. އިމްތިޔާޒު ފަހުމީގެ މި އިންތިޚާބަށް ކެމްޕޭން ފެއްޓެވުމުގެ ކުރިންވެސް ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންނާއި މަޖިލިސް މެމްބަރުން ގެންދެވީ ފައްޔާޒުގެ އިސްތަށިފުޅުގައި އެކިއެކި ތުހުމަތުތައް އަޅުވައި ވާހަކަތައް ފަތުރަމުންނެވެ. ކެނޑިޑޭޓުންގެ ބަހުސްގައިވެސް އިމްތިޔާޒުފަހުމީ އޭނާގެ ސިޔާސަތުތައް ހާމަކުރެއްވުމުގެ ބަދަލުގައި ލިބިވަޑައިގެންނެވި ކޮންމެ ފުރުޞަތެއްގައި ބަހުގެ ހަމަލާތައް ދެއްވީ ފައްޔާޒަށެވެ. އެހެން ނަމަވެސް ޒާތީގޮތުން އިމްތިޔާޒު ފަހުމީ އާއިމެދު ފައްޔާޒު އެއްޗެއް ވިދާޅެއް ނުވެއެވެ.

އެމްޑީޕީގެ އާއްމު މެމްބަރުންނާއި އިންތިޚާބުގެ ކަންކަން ކައިރިން ބަލަމުންދާ ފަރާތްތަކުންވެސް ފާހަގަކުރާ ގޮތުގައި އިމްތިޔާޒް ފަހުމީ އާއި އޭނާގެ ޓީމުގެ މުޅި ފޯކަސްއަށް ވެފައި އޮތީ، ފައްޔާޒު އިސްމާއީލަށް އެންޓި ކެމްޕޭންކޮށްގެން އިންތިޚާބު ކާމުޔާބު ކުރުމެވެ.

ރާއްޖެޓީވީގެ ބަހުސްގައިވެސް އިންތިގެ ވާހަކަތައް ބިނާކުރެއްވީ މުޅިންވެސް ތޯތޯ ވާހަކަތަކުގެ މައްޗަށެވެ.

"އަދި ޕްރޮޖެކްޓްތައް ދިނުމުގައިވެސް ހަމަހަމަކަމެއް ނެތްކަމުގެ ވާހަކަ ތަކުރާރުކޮށް އާއްމު މެމްބަރުން އެބަ ދައްކާ. އަޅުގަނޑަށް ތާއީދު ކުރީމާ ބިރުދައްކަމުންދާކަން އެއީ ޙަޤީޤަތެއް. އެ އެންވަޔަރަންމަންޓް ރާއްޖޭގައި އެބައޮތް، ކަން ހެކިވާނެ މީހުން އެބަތިބި. އަދި ހަމަ އެއާއި އެކުގައި ވަރަށް ބައިވަރު ތުހުމަތުތަކެއް އެޅިފައިވޭ. އެނގިވަޑައިގަންނަވާނެ 1 ނޮވެމްބަރު 2020ގައި އެމަނިކުފާނާއި ގުޅުންހުރި ކުންފުންޏެއްގެ މަނީ ލޯންޑަރިންގެ މައްސަލައެއް މިހާރުވެސް ނުހިނގާ އެބައޮތް." ބަހުސްގައި އިމްތިޔާޒު ފަހުމީ ވިދާޅުވިއެވެ.

ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރާ ޕާޓީގެ އިސްސަފުގައި ތިބި މެމްބަރުން ފައްޔާޒަށް ތުހުމަތު ކުރައްވައި، އެ ވާހަކަތައް އެންޓި ކެމްޕޭންގެ ގޮތުގައި ދައްކަވަމުންދާތީ ފައްޔާޒުވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ފައްޔާޒު ވިދާޅުވީ، ނަޒާހަތްތެރި ކަމަކީ އިނގިލި ދިއްކުރުމެއް ނޫން ކަމަށާއި، އެއްކޮށް މަސައްކަތް ކުރަމުން އަންނަ ބަޔަކާއި ދޭތެރޭގައި އެކަހަލަ ވާހަކަތަކެއް ދައްކާއިރުގައި ސާބިތު ހިފޭގޮތަށް އެކަން ގެންދިޔުން ކަމަށެވެ.

"އަޅުގަނޑު އަނެއްކާވެސް އިންތިއަށް މިދަންނަވަނީ، ލައްކަ ޒަމާންވެއްޖެ ތިޔަ ބޭފުޅުން އަޅުގަނޑުގެ ބޮލުގައި އެކިއެކި ބަދުނާމު އަޅުވަމުން ގެންދާތާ. މިހާރު ތިޔަ ބޭފުޅުންގެ މައްޗަށް މަޖުބޫރޭ މިކަން ބަލައި ތަޙުޤީޤުކޮށް، އަޅުގަނޑު ތިޔަބޭފުޅުންނަށް ގޮވާލަން އާއްމު އިންކުއަރީއެއްގެ ގޮތުގައި، މަޖިލިސްތެރެއިން މިކަން ކޮށްގެން، ޖަވާބުދާރީ ވާނެ ފުރުޞަތު ދީގެން، ނޫސްވެރިންނާއި އާއްމު ރައްޔިތުން އޯޕަންކޮށް އޭގައި ބައިވެރިވެގެން މިކަން ކުރެވޭނެ ގޮތަކަށް މިކަން ކުރުން، މާގިނަ ދުވަސްވެއްޖެ އެވާހަކަ އެގޮތަށް ދައްކަވާތާ" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ތުހުމަތުތަކާއި މެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށާއި އެކަން ހިނގާފައި އޮތްތޯ ސާފުކޮށް ބަލައި ގޯހެއް އޮތްނަމަ ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. 

" ތުހުމަތުކުރާނެ ވާހަކަތައް އަޅުގަނޑުމެންވެސް އިންތިއާއި ބެހޭ ގޮތުން އެބަހުރި. އެކަމަކު އަޅުގަނޑުމެން ނަޒާހަތްތެރި ވީމާ، ސާބިތު ނުހިފޭނެ ވާހަކައެއް ވީމާ، ނުދައްކާން މިތިބެނީ އިނގޭތޯ؟" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ޒިންމާދާރު ގޮތަކީ ތުހުމަތުތަކެއް އޮތް ކަމަށް ވަންޏާއި، އެކަން ސާބިތުކޮށްދިނުންކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބާއި ގުޅިގެން ރޭ ރާއްޖެ ޓީވީން ގެނެސްދިން ބަހުސްގައި ދެބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވި އިރު ސަންގު ޓީވީގެ ބަހުސް އޮންނާނީ މިރޭގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.