އެމޑީޕީގެ ޗެއާ ޕާސަން އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ---

އެމްޑީޕީގެ ތެރޭގައި އޮތް ފިތުނަވެރިކަން ނައްތާލެވޭނީ ކޮން ބޭފުޅަކަށް!

ބުރާސްފަތި 12 މެއި 2022 | މޫސަ

ރާއްޖެ މިއަދު މިދެކޭ ސިޔާސީ ބަދަލުތަކުގެ ފެށުމަކީ އެތައް ބައެއްގެ ބުރަ އަދި މިންނަތް މަސައްކަތެވެ. އެތައް ބައެއްގެ ޤުރުބާނީގެ ނަތީޖާއެވެ. އެމްޑީޕީއަކީ އެމަސައްކަތްތަކުގެ ދިރިހުރި ރަމްޒެވެ. ރާއްޖޭގެ ސިޔާސީ ދާއިރާ ބަދަލުކޮށް ރައްޔިތުންނަށް ހައްޤުމިންވަރު ހޯދައި ދިނުމަށް މަސައްކަތް ކުރީ ވަކި އެންމެ ފަރުދެއް ނޫނެވެ. ވަކި އެންމެ އާއިލާއެއް ނޫނެވެ. އެމްޑީޕީ ނިސްބަތްވަނީ ދިވެހިރައްޔިތުންނަށެވެ. ދިވެހި ރައްޔިތުންގެ ތެރެއިން އެތައް ބަޔަކަށެވެ. އެތައް އާއިލާއަކަށެވެ.

Advertisement


އެމްޑީޕީ އުފެއްދުމުގެ މަސައްކަތުގައި އެތައް ބަޔަކު މިންނެތް ބުރަ މަސައްކަތް ތަކެއް ކުރިއެވެ. 2005 ވަނަ އަހަރު އެމްޑީޕީ ވުޖޫދުގެ ޕާޓީގެ ކުރީ ސަފަށް ގ ކެނެރީގޭ މުހައްމަދު ނަޝީދު ނެރުނީ އެމްޑީޕީ ފައުންޑަރުންނާއި އެމްޑީޕީގެ މެމްބަރުން އެޕާޓީގެ މިސްރާބާއި ލީޑަރޝިޕް ހިފެހެއްޓުމަށެވެ. ޖަމާއަތެއް ކުރިއަރައި ދަނީ އެކަކު ލީޑަރެއްގެ ގޮތުގައި ކަނޑައަޅައި ދެންތިބި މީހުން އޭނާގެ ފަހަތުން މަސައްކަތް ކުރުމުންނެވެ. އެހެންކަމުން އެމްޑީޕީއަށް ލިބުނު ކާމިޔާބާއި އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަކީވެސް އެންމެ މީހެއްގެ އަމިއްލަ މަސައްކަތަކަށް ނުވާނެއެވެ. އަދި އެމްޑީޕީއަކީ ވަކި މީހެއްގެ ނުވަތަ ވަކިއާއިލާއެއްގެ ވިރާސީ ބާރު އޮންނަން ޖެހޭ ޕާޓީއަކަށްވެސް ނުވާނެއެވެ.

އެމްޑީޕީގެ ރަސްމީ އުމުރަކީ 17 އަހަރު ނަމަވެސް އެޕާޓީގެ ރޫހާއި އުއްމީދުތައް ދިރިގެން ތެދުވެ ޕާޓީއެއްގެ ގޮތުގައި އުފަން ކުރެވުނީވެސް އެތައް އަހަރަކުންނެވެ. އެ މަސައްކަތުގައި ބައެއް ބޭފުޅުން ޖަލަށް ވަޑައިގަންނަވަށް ޖެހިވަޑައިގަތެވެ. ބައެއް ބޭފުޅުން ޤައުމުން ބޭރުގައި އަރުވާލެއްވިގެން ތިއްބަވަން ޖެހިވަޑައިގަތެވެ.

“ނަޝީދުއަށް ވެރިކަމާ ސިޔާސީ މަޝްހޫރުކަން ހޯދާދޭން MDP ގެ ކިތަށްމީހުނަށް ކިތަށްއަނިޔާލިބުނު އެކަން ހަނދާނެއް ނުހުރޭ މިހާރު ޕާޓީގެ މީހުނާ ދިމާލަށް ތިމަންނަގެފޮޓޯވިއްކައިގެނޭ ބުނާއިރު2005 ހިސާބުގަ ނަޝީދު އެއީކާކުކަންއެނގޭ މީހަކު މިރާއްޖެއަކުނޫޅޭ މިފަހަރުވެސްއެނގޭނެ." އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމުވެސް ފުރުއްވި ރީކޯ މޫސާމަނިކު އޭނާގެ ޓުވިޓާ އެކައުންޓުގައި ލިޔުއްވާފައި އޮތީ މިހެންނެވެ.

އެމްޑީޕީ އުފެދި މިވީ 17 އަހަރުގައި އެޕާޓީގެ އެންމެ އިސް ސަފުގައި މަސައްކަތް ހުންނެވި ބޭފުޅަކީ ރައީސް މުހައްމަދު ނަޝީދެވެ. އެހެންނަމަވެސް މިވީ 17 އަހަރުގެ ތެރޭގައި އެމްޑީޕީ އުފެއްދުމުގައި މަސައްކަތް ކުރި ރައީސް ނަޝީދާއި ޚިޔާލުތަފާތުވި ހުރިހާ ބޭފުޅުންނަށް ޖެހިވަޑައިގަތީ އެތެރޭގެ ފިއްތުންތަކާއި ހެދި ފެޔަށް ޖެހިވަޑައިގަންނަވާށެވެ. ގޯގޯ ލަތީފާއި އިބްރާހިމް އިސްމާއިލާއި ޑރ މުނައްވަރާއި ޑރ ޑީޑީ އާއި އަލްހާނަކީ ޕާޓީގެ އެތެރޭގެ ފިއްތުންތަކުގެ ސަބަބުން ޕާޓީއާއި ދުރަށް ޖެހިވަޑައިގެންނެވި ބޭފުޅުންނެވެ.

އެމްޑީޕީގެ 17 އަހަރުގެ ދިގުތާރީޚުގައި އެޕާޓީގެ ޗެއާޕާސަންގެ މަޤާމުގެ ދައުރު ފުރިހަމަ ކުރެއްވުނީވެސް، އެންމެ ފަހުން އެމަޤާމުގައި ހުންނެވި ހަސަން ލަތީފަށް އެކަންޏެވެ. ހަސަން ލަތީފަކީ ރައީސް ނަޝީދުގެ އަރިސް އަދި އެމަނިކުފާނު އިތުބާރު ކުރައްވާ ބޭފުޅެކެވެ. އެމްޑީޕީ އުފެދި ހިނގައިގަތް މާފަހުން ޕާޓީއަށް ވަޑައިގެންނެވި ބޭފުޅެވެ.

މިއަދު އަނެއްކާވެސް އެމްޑީޕީގެ ތެރޭގައި ޕާޓީގެ ލީޑަރޝިޕްގެ ކޯޅުން ވަނީ ވަރުގަދަވެފައެވެ. އެއީ ޕާޓީގެ ކޮންޓްރޯލާއި މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ކޮންޓްރޯލް ރައީސް ނަޝީދަށް ގެއްލެމުންދާތީ ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުން ގެންދަވަނީ ސާބިތު ނުހިފޭ ވާހަކަތައް ދައްކަވަމުން ކަމުގައި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) ވަނީ ވިދާޅުވެފައެވެ.

" އަންނި ނުރުހިއްޖެނަމަ އެމީހަކީ ވަގެކެވެ. ކޮރަޕްޓް މީހެކެވެ. ހެއްކަކީ އަންނި އަތުގައި އެކަނި ފެންނަ އޮންނަ ކޮންމެވެސް އެއްޗެކެވެ. އަނެއްކާ އޭނާ ބުނާ ބުނުން ޤަބޫލު ނުކުރާ މީހަކީވެސް ވަގެކެވެ. ނުވަތަ ވައްކަމަށް ހިއްވަރުދޭ މީހެކެވެ. މައުމޫނުވެސް މިހިސާބަކަށް ނުދެއެވެ." އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ރައީސް ނަޝީދު ޖަލަށް ލައްވައި އަދި ފަހުން، ބޭސްފަރުވާއަށް ވަޑައިގެންނެވުމަށް ފަހު ރާއްޖެ ވަޑައިނުގެން ހުންނެވި ދުވަސްކޮޅުގައި ޕާޓީގެ މުހިއްމު މަސައްކަތްތައް ކުރެއްވީ މިހާރުގެ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ. ބަސްފުޅު މަދު ރައީސް ސޯލިހަކީ އެއްވެސް އިރެއްގައި އެމަނިކުފާނު ކުރެއްވި ކަންކަމުގެ ވާހަކަ ދައްކަވައި މެޑަލް ޖެއްސެވި ބޭފުޅެއްކަމެއް ފެންނާކަށް ނެތެވެ. އެހެން ނަމަވެސް ރައީސް ނަޝީދު ޖަލުން މިނިވަން ކުރެއްވުމަށްޓަކައި، ރައީސް ޔާމީނުގެ ސަރުކާރާއި އެމްޑީޕީ އާއި ދެމެދު ހިންގެވީ އެމަނިކުފާނެވެ. އޯލްޕާޓީ ޓޯކްސް އާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ދެއްކެވި ވާހަކަފުޅުތައް އަދިވެސް އާކައިވްތަކުން ފެންނަން އެބަހުއްޓެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހަކީ ދެދުނިޔޭގެ ރަހުމަތްތެރިންފަދަ ގާތްބޭފުޅުންނަމަވެސް ސިޔާސީ ގޮތުން އެދެބޭފުޅުން މިއަދު ތިއްބަވަން ޖެހިވަޑައިގަތީ ދެފުށަށެވެ. ސަބަބަކީ، އެމްޑީޕީގެ ލީޑަރޝިޕާއި ޤައުމުގެ ވެރިކަން ރައީސް ނަޝީދު އެމަނިކުފާނުގެ އަތްޕުޅު ނޫން އެހެން ފަރާތެއްގައި އޮންނަން އެދިވަޑައި ނުގެންނެވުމެވެ. ކޯލިޝަނާއި ރައްޔިތުންނަށް ވީ ވައުދުތައް ބޮލާލައި ޖެހުމަށް ފަހު ރައީސް ނަޝީދު އެދިވަޑައިގަތީ އެމަނިކުފާނަށް ބޮޑުވަޒީރުކަން ދެއްވުމަށެވެ. ރައްޔިތުންގެ ބަހެއް ނެތި ވެރިކަން ބަރުލަމާނީ ނިޒާމަކަށް ފުރޮޅައިލުމަށެވެ. 2023ގެ ރިޔާސީ އިންތިޚާބު ނުބޭއްވުމަށެވެ. އެހެން ނަމަވެސް އެކަމާއި އެމްޑީޕީގެ އިސްސަފުގައި ތިއްބެވި ބޭފުޅުން ރައީސް ނަޝީދާއި ދެބަސްވާން ޖެހުނު ހިސާބުން ޕާޓީގެ ތެރެ ބައިބައިވީއެވެ. ކުރިންވެސް އެމްޑީޕީގައި އިބްރާގެ ފެކްޝަނަކާއި މުނައްވަރުގެ ފެކްޝަނަކާއި ޑީޑީގެ ފެކްޝަނެއް ނެތީ އެބޭފުޅުން ޕާޓީގެ މަސްލަހަތަށްޓަކައި ދޫދެއްވީމައެވެ. އަލްހާން ފަހުމީވެސް ދުވަސްކޮޅަކު ނިއު އެމްޑީޕީގެ ނަމުގައި ވަކިފެކްޝަނެއް ހައްދަވައިގެން އުޅުއްވި ނަމަވެސް އޭނާއަށް އޮތް ތާއީދު ގެއްލި ވަޅުޖެހުނުފަދައި އެފެކްޝަން ވަޅު ޖެހުނީއެވެ.

ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިފަހަރަކީ ރައީސް ނަޝީދު ދޫދެއްވަން ޖެހިވަޑައިގަންނަވާ ފަހަރެވެ. ޕާޓީގެ އެކަތިގަނޑެއްގެ ގޮތުގައި ހިފަހައްޓަން އެމަނިކުފާނު ދޫދެއްވަން ޖެހިވަޑައިގެންނެވި ވަގުތު، އެމަނިކުފާނާއި ދެކޮޅަށް އެއްޗެއް ބުނެފި ކޮންމެ މީހަކު ވަގަކަށް ކޮރަޕްޓް މީހަކަށް ނުވަތަ ޑިމޮކްރަސީ ނުދައްނަ މީހަކަށް ވެދެއެވެ. ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕޭން ފޯރިންވެސް ފެނިގެން ދަނީ އެމަންޒަރެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ އިމްތިޔާޒު ފަހުމީ ހުންނެވީ ރައީސް ނަޝީދާއި އެކުގައެވެ. އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި އެކުގައެވެ. އިންތިޚާބުގެ ކެމްޕޭން ފޯރި ގަދަވަމުން ދިޔަވަރަކަށް އެމްޑީޕީގެ ތެރޭގައި އޮތް ބައިބައިވުމާއި ނުތަނަވަސްކަން އަންނަނީ އިތުރުވަމުންނެވެ. އޭގެ ސަބަބަކަށްވީ ސާބިތެއް ނެތި ފަތުރަމުން އަންނަ ވާހަކަތަކެވެ. މަންޒަރު ބަލަން ދުރުގައި ހުންނަ މީހަކަށް އިންތިގެ ޓީމުން ކެމްޕޭން ކުރުމަށްވުރެ ފެންނަނީ އެންޓި ކެމްޕޭން ކުރާތީއެވެ. އިދިކޮޅު ކެންޑިޑޭޓުގެ އަބުރުކަތިލައި ސާބިތު ނުހިފޭ ވާހަކަތައް ދައްކާތީއެވެ. އެހެން ނަމަވެސް ފައްޔާޒުގެ ޓީމުން ދައްކަނީ، ޕާޓީ ހިންގުމުގެ ވާހަކައެވެ. މެމްބަރުންގެ ހަރަކާތްތައް ހިންގުމުގެ ވާހަކައެވެ. 2023 އެމްޑީޕީއަށް ހޯދުމުގެ ވާހަކައެވެ.

މިވާދަވެރި ކެމްޕޭންގެ ތެރެއިން ދެކެނޑިޑޭޓުން އެއް ސްޓޭޖަކުން ފެނުނީ، ބުދަދުވަހުގެ ރޭ އޮތް ރާއްޖެޓީވީގެ ބަހުސްއިންނެވެ. ބަހުސްގެ މުޅި މިސްރާބުގައިވެސް އިންތިއަށް ކުރެއްވި ކަމަކީ ފައްޔާޒަށް ގައު އުއްކެވުމެވެ. ކުރެވުނު ސުވާލަށްވުރެ ބޮޑަށް އިންތިގެ ޖަވާބުތައް އައީ ފައްޔާޒާއި ދެކޮޅަށެވެ. އަމިއްލަފުޅު ހައިސިއްޔަތުން ދެކޭގޮތް ހާމަކުރެއްވުމަށް ކުރެއްވި ސުވާލުތަކަށްވެސް ޖަވާބު ދެއްވީ އެމޭރުމުންނެވެ. ރައްދު ދެއްވުމަށް ލިބިވަޑައިގެންނެވި ކޮންމެ ފުރުޞަތެއްގައިވެސް ދެއްކެވީ އަނެއް ކެނޑިޑޭޓުގެ ގޯސްކަމުގެ ވާހަކަފުޅެވެ،

އިމްތިޔާޒު ފަހުމީ އާއި ފައްޔާޒު އިސްމާއީލަކީވެސް އިލްމީގޮތުން ޤާބިލް ދެބޭފުޅުންނެވެ. މުޅި ބަހުސްގައިވެސް ދެބޭފުޅުން އެއްބަސްވެ ވަޑައިގެންނެވި ކަންތައްތަކެއް ހުއްޓެވެ. އެއީ ޕާޓީގެ އެތެރޭގައި އޮތް ފިތުނަ ވެރިކަން ނައްތާލަން ޖެހޭކަމެވެ. 2023 އެމްޑީޕީއަށް ހޯދަންޖެހޭ ކަމެވެ. އެކަމަކު އެކަމުގައި ދެބޭފުޅުން ދެބަސްވެ ވަޑައިގަންނަވަނީ ކަންކުރާނެ ގޮތަކާއި މެދުގައެވެ.

ގިނަބަޔަކު ޤަބޫލު ކުރާ ގޮތުގައި އެމްޑީޕީގެ ކުރިމަގު ދެން ބައްޓަން ވެގެންދާނީ، ހޮނިހިރު ދުވަހު އޮންނަ އިންތިޚާބުގެ ނަތީޖާގެ މައްޗަށެވެ.
"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިޕާޓީ އާއި، މި ދިވެހިރާއްޖޭގެ ކުރިމަގު ބިނާވެގެންދާނީ މިއިންތިޚާބުގައި ވާގޮތެއްގެ މައްޗަށް. އެމްޑީޕީއަށް ނިސްބަތްވާ ވެރިކަމެއް، މިޤައުމުގައި 2023ގައި އޮންނާނެތޯ ނޫންތޯ ވަރަށް ބޮޑަށް ގުޅިގެންދޭ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިއިންތިޚާބުގެ ނަތީޖާ އާ." ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މިހާރު މިއޮތް ސަރުކާރު ދިފާއުކޮށް ސަރުކާރަށް އެއްބާރުލުންދީ، ސަރުކާރާއި އެއްކޮށް ކުރިޔަށް ދެވިގެން ނޫނީ 2023ގައި، ކޮންމެ ކެންޑިޑޭޓަކު ހުރިކަމުގައި ވީނަމަވެސް އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އެހެންވެ އެކަންކަން ކާމިޔާބު ކުރެވޭނީ ފައްޔާޒު ޗެއާޕާސަންކަމަށް ވަޑައިގެންނެވިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރާއި އެމްޑީޕީ އާއި ދެމެދު އޮތް މައްސަލަތަކަކީ ރައީސް ނަޝީދުވެރިކަމަށް ވަޑައިގެންނެވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތުގެ ތެރެއިން އުފެދުނު މައްސަލަތަކެއް ކަމުގައި ގިނަ ބޭފުޅުން ޤަބޫލުކުރެއެވެ. މިހާރުވެސް ރައީސް ނަޝީދު ހުންނަވައިގެން ސަރުކާރަށް މަޖިލީހާއި އެމްޑީޕީގެ ތެރެއިން ފިއްތުތައް ކުރިމަތި ކުރައްވަމުން ދާއިރު، އިންތި ޗެއާޕާސަންގެ މަޤާމަށް ވަޑައިގެންފިނަމަ، ޕާޓީ އާއި ސަރުކާރުގެ ގުޅުންތައް ކެނޑިގެން ގޮސް މައްސަލަތައް އިތުރުވެގެންދާނެ ކަމުގައިވެސް އާއްމު މެމްބަރުންގެ ތެރެއިންވެސް އެތައް ބަޔަކު ޤަބޫލު ކުރެއެވެ. މިހާތަނަށް ޚިޔާލު ހޯދުމުގެ ވޯޓުތަކުގައި އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ފެންނަނީ ފައްޔާޒެވެ. އެހެން ނަމަވެސް އެމްޑީޕީގެ ކުރިމަގަށް ވާނެ ގޮތެއް އެނގޭނީ ހޮނިހިރު ދުވަހު އޮންނަ ވޯޓުގެ ނަތީޖާއިންނެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.