
މިއަހަރު 1.6 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލްކުރެވޭނެ: މިނިސްޓަރ މައުސޫމް
ދިވެހި ފަތުރުވެރިކަމަށް ބައިގަރުނު ފުރޭ ފަތުރުވެރި ކަމުގެ ރަން އަހަރަށް ސަރުކާރުން ހިފާފައިވާ ތިން އަމާޒުގެ ތެރެއިން 1.6 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒަށް ވާސިލްވޭވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިއަހަރު ކަނޑައެޅީ 3 ޓާގެޓެއް ކަމަށެވެ. އެއީ 1.6 މިލިއަން ފަތުރުވެރިންނާއި، 1.7 މިލިއަން ފަތުރުވެރިންގެ ޓާގެޓެއްގެ އިތުރުން 1.8 މިލިއަން ފަތުރުވެރިންގެ ޓާގެޓެކެެވެ.
ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުސޫމް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ކުރިން ލަފާކުރި އަދަދަށްވުރެ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށަށްގޮސްފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ހަނގުރާމަ ހުއްޓި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވެގެންދާނެ ކަމަށް އުއްމީދުކުރެވޭ ކަމަށެވެ. އަދި މިއަހަރަށް ފަތުރުވެރިން އަންނާނެ އަދަދުތައް އަންދާޒާ ކުރިއިރު ޗައިނާއިން ރާއްޖެއަށް މިއަހަރުގެ ފަހު ކުއާޓަރުގައި ފަތުރުވެރިން އަންނާނެ ކަމަށް ލަފާކޮށްފައިވާ ކަމަށެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް 621633 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ 2019ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު 8.7 އިންސައްތަ ދަށް އަދަދެކެވެ.
މިނިސްޓަރ ވިދާޅުވީ ހަނގުރާމަ ހުއްޓި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވެގެންދާނެ ކަމަށް އުއްމީދުކުރެވޭ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރާއްޖެއަށް އަންނަ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ޗުއްޓީގެ މުއްދަތު އިތުރުވެފައިވުން ކަމަށެވެ. އެވްރެޖް ޑިއުރޭޝަން އޮފް ސްޓޭ އިތުރުވުމަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުވުމަށް މަގުފަހިވާ ކަމެއް ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިއަހަރު ރާއްޖެއިން ފަތުރުވެރިކަމުގެ ރަން އަހަރާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ރާވާފައިހުރި ޓޫރިޒަމް މިނިސްޓްރީން ގެންދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ބޮޑެތި ހަރަކާތްތަކެއް ހިންގަމުންނެވެ.