
ލައިވް ބްލޮގް: އެމްޑީޕީގެ އެތެރޭގެ އިންތިޚާބު 2022: ވޯޓުލުމުގެ ވަގުތު 18:00އަށް އިތުރުކޮށްފި
16:20_ އިންތިޚާބުގެ ވޯޓުލުމުގެ ވަގުތު އިތުރުކޮށްފި. ވަގުތު އިތުރުކޮށްފައި ވަނީ 18:00 އާއި ހަމައަށް. ވަގުތު އިތުރުކުރީ ވިއްސާރަވުމާއި އަދި ބައެއް މަރުކަޒުތަކުގައި ވޯޓުލާން ފެށުނީ ލަހުން ކަމަށް ވާތީ ކަމަށް ވަނީ ބުނެފައި.

15:47_ އިންތީޚާބުގެ ވޯޓުލުން ބަންދު ކުރުމަށް ވަގުތު ގާތްވި އިރު ކިއޫތަކުގައި ގިނަ ބަޔަކު އެބަތިބި
15:15_ މެމްބަރު ހައިތަމް ވޯޓުލެއްވުމަށް ވަޑައިގެންނެވީ ތުއްޕުޅު ބޭފުޅުން ގޮވައިގެން.

11:25 _ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ އަނެއް ކެންޑިޑޭޓް އިމްތިޔާޒް ފަހުމީވެސް ވޯޓު ލައްވައިފި.
11:15_ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓް ފައްޔާޒު އިސްމާއީލް ވޯޓު ލައްވައިފި.

10:30_ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބުގައި ރައީސް ސޯލިޙް ވޯޓު ދެއްވައިފި. އެމަނިކުފާނު ވޯޓުލާން ވަޑައިގެންނެވީ، ދަރުމަވަންތަ ސްކޫލަށް. ހިންނަވަރު ދާއިރާގެ ފޮށި ބަހައްޓާފައި ވަނީ އެސްކޫލުގައި. ރައީސުލްޖުމުހޫރިއްޔާގެ އިތުރުން އެދާއިރާގެ މަޖިލިސް މެމްބަރު ޖީހާން މަހުމޫދުވެސް ކުޑައިރުކޮޅެއް ކުރިން ވަނީ ވޯޓު ލައްވާފައި.

9:55_ ހުޅުމާލެ ދާއިރާގެ ވޯޓު ފޮށީގެ ވޯޓުލުން ފަށައިފި.
މިފޮށީގެ ވޯޓުލުން ލަސްވެގެން ދިޔައީ ވޯޓުލާ މަރުކަޒު ބަދަލުވުމާއި ގުޅިގެން. ހުޅުމާލެ ދާއިރާގެ ފޮށި ކުރިން ބެހެއްޓުމަށް ހަމަޖައްސާފައި އޮތީ ޣާޒީ ސްކޫލުގެ ހޯލުގައި ނަމަވެސް ފަހުން އެ ފޮށި ވަނީ ހުރަވީ ސްކޫލުގެ ހޯލަށް ބަދަލުކޮށްފައި. މިހާރު ވޯޓުލުން ކުރިޔަށް ދަނީ ހުރަވީ ސްކޫލުގެ ހޯލުގައި.
9:30_ ގިނަ މަރުކަޒުތަކުގައި ވަނީ ވޯޓުލުން ފަށާފައި، އެހެން ނަމަވެސް މާލޭގެ ދާއިރާތަކުގެ ތެރެއިން ހުޅުމާލެ ދާއިރާގެ ވޯޓުލުން ނުފެށޭ.

9:00_ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބާއި އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިއްވަރުގެ އިންތިޚާބު ފަށައިފި
8:40_ އިންތިޚާބާއި ގުޅިގެން ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހެނދުނު 9 އިން ހަވީރު 4އަށް އޮންނާނެ، އެމްޑީޕީން ބުނީ ޝަކުވާ އެސްއެމްއެސްއިންނާއި ފޯނުން އަދި އީމެއިލްއިން ޝަކުވާ ހުށައެޅޭނެ ކަމަށް.
މީގެ އިތުރުން އެމްޑީޕީން ބުނީ ޗެއާރޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިއްވަރުގެ އިންތިޚާބުގެ ޝަކުވާ ހުށަހެޅުއްވުމަށް ހަމަޖެހިފައިވަނީ، ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު elections@mdp.org.mv އަށް އީމެއިލް ކުރައްވައިގެން ނުވަތަ އެމްޑީޕީ ސެކްރެޓޭރިއެޓުގެ ފުރަތަމަ ފަންގިފިލާއަށް ޝަކުވާ ފޯމުގެ ހާޑްކޮޕީ ހުށަހަޅުއްވައިގެން ކަމަށް. އަދި ފޯނުން ގުޅައިގެންނާއި އެސްއެމްއެސްކޮށްގެން ޝަކުވާ ހުށައެޅުމަށް، 7250021،7250031،7250040 މިނަމްބަރުތައް ޚާއްސަ ކޮށްފައި ވާކަމަށް.
8:30_އެމްޑީޕީގެ ޗެއާ ޕާސަންގެ މަޤާމަށާއި އެޕާޓީގެ ގޮފިތަކުގެ ތެރެއިން އަންހެނުންގެ ރޫޙާއި ޒުވާނުންގެ ހިއްވަރުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ނެގުން ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި މިއިންތިޚާބުގައި އެޕާޓީގެ 94000 ވުރެ ގިނަ މީހުންނަށް ވޯޓު ދިނުމުގެ ހައްޤު ވަނީ ލިބިފައެވެ. މިއަދު ބާއްވާ އިންތިޚާބުތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ އަމާޒު ހުއްޓިފައި ވަނީ ޗެއާޕާސަންގެ އިންތިޚާބަށެވެ. އެއިންތިޚާބުގައި ވާދަކުރައްވަނީ، އިމްތިޔާޒު ފަހުމީ އާއި ފައްޔާޒު އިސްމާއީލެވެ.
އިންތިޚާބުގެ ވޯޓު ނެގުން ކުރިއަށް ދާނީ މިއަދުގެ ހެނދުނު 9:00 އިން 16:00 އަށެވެ.