
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ޝަކުވާ ހުށަހެޅޭނީ ހޮނިހިރު އަދި އާދިއްތަ ދުވަހު
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިތްވަރުގެ އިންތިޚާބުގެ ޝަކުވާ ބަލައިގަންނާނީ 14 މެއި ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން ފެށިގެން 15 މެއި ވާ އާދިއްތަ ދުވަހުގެ ހަވީރު 4:00އާ ހަމައަށްކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީއިން ބުނީ ޝަކުވާ ހުށައެޅުއްވުމަށް ހަމަޖެހިފައިވަނީ، ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ ފޯމު ފުރިހަމަ ކޮށްގެން ކަމަށެވެ. ފޯމުފުރިހަމަ ކުރުމަށްފަހު elections@mdp.org.mv އަށް އީމެއިލް ކޮށްގެން ނުވަތަ އެމްޑީޕީ ސެކްރެޓޭރިއެޓުގެ ފުރަތަމަ ފަންގިފިލާއަށް ޝަކުވާ ފޯމުގެ ހާޑްކޮޕީ ހުށަހަޅައިގެންނެވެ. މީގެ އިތުރުން 7250021، 7250031 އަދި 7250040ށް އެސްއެމްއެސް ކޮށްގެން ނުވަތަ ފޯނުން ގުޅައިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި އިންތިޚާބުގައި ވޯޓުލުމަށް 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓާނެއެވެ. މާލޭގައި 87 ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. އެއީ މާލޭގެ 15 ދާއިރާއެއްގެ ވޯޓު ފޮށީގެ އިތުރުން ކޮންމެ ދާއިރާއަކަށް ފޮއްޓެވެ.
އެމްޑީޕީގެ ޗެއަރޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިތްވަރުގެ އިންތިޚާބުގެ ވޯޓުލުން ހޮނިހިރު ދުވަހުގެ ހެނދުނު 9ން ހަވީރު 4ށް ކުރިޔަށްދާނެއެވެ.