
އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ރައީސް މުޙައްމަދު ނަޝީދު ވޯޓުލައްވައިފި
އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވޯޓުލައްވައިފިއެވެ.

އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވާފައިވަނި ޖަމާލުއްދީނު ސުކޫލުގައި ގާއިމުކޮށްފައިވާ ވޯޓުލާ މަރުކަޒުގައި ހުރި ވޯޓު ފޮއްޓަށެވެ.
ވޯޓު ލެއްވުމަށްފަހު ނަޝީދު މީޑިއާތަކަށް ވިދާޅުވީ އެމްޑީޕީގެ އަބަދުވެސް އަމާޒަކީ މިފަދަ ސުލްހަވެރި ސިޔާސީ ހަރަކާތްތައް މެދުވެރިކޮށް ޕާޓީގެ އިތުރުން ރާއްޖޭގެ ކުރިމަގު ވެސް ބައްޓަންކުރުން ކަމަށެވެ.
މި އިންތިޚާބުގެ ވޯޓްލުން ފެށުނީ މިއަދު ހެނދުނު ނުވެއެއް ޖެހިއިރުއެވެ. މުޅި ރާއްޖޭގައި ކުރިޔަށްދާ މި އިންތިޚާބުގެ ވޯޓްލުން މިއަދު ހަވީރު ހަތަރެއް ޖެހުމާއި ހަމައަށް ކުރިޔަށް ދާނެއެވެ.
އެމް.ޑީ.ޕީގެ އެތެރޭގެ އިންތިޚާބުގައި ފޯރި އެންމެ ގަދަވެފައިވަނީ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންމެ މެދުގައެވެ.
ޗެއަރޕާސަންކަމުގެ މަޤާމަށް ވާދަކުރައްވަނީ މިހާރުގެ އިކޮނިކް މިނިސްޓަރ ފައްޔާޟު އިސްމާޢީލާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ
މިއަދު ކުރިޔަށްދާ އިންތިޚާބުގައި އެޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސްކަމާއި ޒުވާނުން ހިތްވަރުގެ ރައީސަކުވެސް ހޮވާނެއެވެ. އަންހެނުންގެ ރޫގުގެ ރައީސްކަމަށް ވާދަކުރައްވަނީ ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ސަފާތު ވަހީދެވެ. ޒުވާނުންގެ ހިތްވަރުގެ ރައީސްކަމަށް ވާދަކުރައްވަނީ މުހައްމަދު އަންސާރާއި ރިފްގާ ޝިހާމްއެވެ.
ޗެއަރޕާސަން އިންތިޚާބުކުރަން ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 94211 މެމްބަރުންނަށެވެ. އަންހެނުންގެ ރޫހުގެ ރައީސް އިންތިޚާބުކުރަން 41027 މެމްބަރުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. އަދި ޔޫތު ވިންގުގެ ރައީސް އިންތިޚާބުކުރަން 32057 މެމްބަރުންނަށް ވޯޓުލެވޭނެއެވެ.