
މޫސުން ވަރަށް ގޯސް ގަދަވަޔާއިއެކު ކަނޑުތައް އާދަޔާ ހިލާފަށް ގަދަ
މޫސުމް ގޯސްވެ ބ އަތޮޅުން ފެށިގެން މ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާާރާއިން ބުނީ މޫސުން އެންމެ ބޮޑަށް ގޯސް ވާނީ މެދުރާއްޖެތެރެއާއި އުތުރުގެ އެކި ހިސާބުތަކަށް ކަމަށެވެ.
މޫސުން ގޯސްވުމާއި ގުޅިގެން މިއަދުގެ 14:30އާ ހަމައަށް ބ. އަތޮޅުން ފެށިގެން މ.އަތޮޅާ ހަމައަށް ވަނީ ޔެލޯ އެލަރޓް ނެރެފައެވެ. މިވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މިގަޑިތަކުގައި ގަޑިއަކު 25 މޭލަށް 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެކަމަށާއި އެހެންނަމަވެސް ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތަކުގައި ރާޅުގެ އުސްމިނުގައި 5 ފޫޓާއި 8 ފޫޓު ހުންނާނެކަމަށާއި، ދެކުނުގެ އަތޮޅުތަކުގައި 2 ފޫޓާއި 4 ފޫޓު ހުންނާނެކަމަށް އެ އޮފީހުން ބުނެއެވެ.