
ރައީސް ވިދާޅުވީ އިންތިޚާބު ކުރިޔަށްދާ ގޮތް ރަނގަޅުކަމަށް
މިހާރު ކުރިޔަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިޒާމްތައް މިހާތަނަށް ކުރިޔަށް ދަނީ ރަނގަޅަށް ކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދަރުމަވަންތަ ސްކޫލުގައި ހުރި ހިންނަވަރުގެ ދާއިރާގެ ފޮއްޓަށް ވޯޓުލެއްވުމަށް ވަޑައިގެން، ވޯޓު ލެއްވުމަށް ފަހުގައި ރައީސް ވަނީ އިންތިޚާބާިއ ބެހޭ ގޮތުން ރާއްޖޭގެ ބައެއް ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވާފައެވެ.
ވަރަށްކުރުކޮށް އިންތިޚާބާިއ މެދު ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އިންތިޚާބު ކުރިޔަށް ދަނީ ރަނގަޅަށް ކަމަށާއި އިންތިޒާމްތަކާއި މެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި މިއިންތިޚާބަށް ފަހުވެސް ޕާޓީގައި ހަމަޖެހުން އޮންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިއިންތިޚާބުގައި ރައީސް ނަޝީދުވެސް ވޯޓުލެއްވުމަށް ފަހުގައި މީޑިއާ އާއި ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުވެސް ވަނީ މީޑިއާ އާއި ވާހަކަފުޅު ދައްކަވާފައެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ރައީސް ނަޝީދާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން ތިއްބެވީ އިމްތިޔާޒް ފަހުމީގެ ފަހަތުގައެވެ. އަދި ރައީސް ސޯލިޙުގެ އާއިލީ ބޭފުޅުންނާއި ސަރުކާރުގެ އިސްމަޤާމުތަކުގައި ތިއްބެވި އެމްޑީޕީގެ މެމްބަރުންނާއި މަޖިލީހުގެ ގިނަ މެމްބަރުން ތިއްބެވީ ފައްޔާޒާއި އެކުގައެވެ. އެހެންކަމުން މިއިންތިޚާބުގެ ނަތީޖާ ފައްޔާޒުގެ ކޮޅަށް ބުރަވާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި އެމްޑީޕީގެ މއިންތިޚާބުގެ ނަތީޖާއަކީ 17 އަހަރަށް ފަހު އެމްޑީޕީގެ މިސްރާބު ބަދަލުވެގެންދާނެ ނަތީޖާއެއް ކަމުގައި ބެލެވެއެވެ.