
ހުޅުމާލެ ދާއިރާގެ ފޮށި ޣާޒީން ހުރަވީއަށް ބަދަލު ކުރެވުނީ އިދާރީ އޮޅުމަކުން: އެމްޑީޕީ
މިހާރު ކުރިޔަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ހުޅުމާލެ ދާއިރާގެ ރައްޔިތުން ވޯޓުލުމަށް ބެހެއްޓުމަށް ނިންމާފައިވާ ވޯޓުފޮށި، ޣާޒީ ސްކޫލުން ހުރަވީ ސްކޫލަށް ބަދަލުކުރެވިފައި ވަނީ އިދާރީ އޮޅުމަކުން ކަމުގައި އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި މިއަދު 9:00ގައި ވޯޓުލާން ފެށިއިރު ހުޅުމާލެ ދާއިރާގެ ވޯޓުފޮށީގެ ވޯޓުލުން ފެށިފައި ވަނީ ހެނދުނު، 9:55ގައެވެ. އެފޮށީގެ ވޯޓުލުން ލަސްވީ އިދާރީ އޮޅުމަކުން ވޯތު ފޮށި ބަހައްޓާތަން ބަދަލުވުމާއި ގުޅިގެން އުފެދުނު މައްސަލަތަކުގެ ސަބަބުންނެވެ. ފޮއްޓާއި ހަވާލުވެ ވަޑައިގެން ހުންނެވި ފަރާތުން ވިދާޅުވި ގޮތުގައި، ޣާޒީ ސްކޫލުގެ ހޯލުގައި ބެހެއްޓުމަށް ނިންމާފައި އޮތް ހުޅުމާލެ ދާއިރާގެ ފޮށި، ހުރަވީ ސްކޫލަށް ބަދަލުކުރީ އެޑިޔުކޭޝަން މިނިސްޓްރީން އަންގައިގެންނެވެ.
ހެނދުނު 9:00އަށް ވޯޓުލާން ދިޔަ ގިނަ މީހުން ވޯޓުލާން ފުރަތަމަ ދިޔައީވެސް ޣާޒީ ސްކޫލު ދޮށަށެވެ. އަދި ހުރަވީއަށް ފޮށި ބަދަލުކޮށްފައި ހުރިކަން އެނގުމުން ބައެއް މީހުން ހިތްހަމަ ނުޖެހުންވެސް ފާޅުކުރިއެވެ. ހުރަވީ ސްކޫލުގައި ހުރި ވޯޓުފޮށި ކަނޑަމުން ދަނިކޮށް އިންތިޚާބާއި ބެހޭ ކޮމިޓީން އަންގައިގެން ވޯޓުފޮށި ނުކަނޑައި މެދުކަނޑާލިއެވެ.
ވޯޓުފޮއްޓާއި ހަވާލުވެ ހުރި ފަރާތުން ބުނި ގޮތުގައި، ކެންޑިޑޭޓޫންގެ މަންދޫބުންނާއި ވާހަކަ ދައްކައިގެން، ފޮށި ޣާޒީއަށް އަލުން ބަދަލު ކުރުމަށް ކެންޑިޑޭޓުން ބޭނުންވާނަމަ އެގޮތަށް އަމަލުކުރަން އެންގިއެވެ. އެހެން ނަމަވެސް ކެންޑިޑޭޓުންގެ މަންދޫބުން އެދުނީ ހުރަވީގައި ވޯޓުލުމުގެ އިންތިޒާމްތައް ހަމަޖެއްސިފައި އޮތުމުން އިތުރު ވަގުތު ނަގާނުލައި ހުރަވީގައި ވޯޓުލުން ކުރިޔަށް ގެންދިޔުމަށެވެ. އެހެންކަމުން ހުޅުމާލެ ދާއިރާގެ ވޯޓުލުން މިހާރު ކުރިޔަށް ދަނީ ހުރަވީ ސްކޫލުގެ ހޯލުގައެވެ.
ހުރަވީ ސްކޫލުގައި ހުރި ވޯޓު ފޮޓަށް ވޯޓުދިނުމުގެ ހައްޤު ލިބިގެންވާ 712 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އެފޮށީގެ ރެޖިސްޓްރީއަށް ބަލާއިރު، ޗެއާޕާސަންގެ މާޤަމަށް 712 އަދި، އަންހެނުންގެ ރޫހުގެ ރައީސާއި ނައިބުރައީސާގެ މަޤާމަށް 266 އަދި ޒުވާނުންގެ ހިއްވަރުގެ ރައީސާއި ނައިބުރައީސްގެ މަޤާމަށް 132 މީހުންނަށް ވޯޓު ދެވޭނެއެވެ.