
ޔޫއޭއީގެ ރައީސްގެ ޖަނާޒާއަށް ރައީސް ޞާލިޙް މާދަމާ ޔޫއޭއީއަށް ވަޑައިގަންނަވަނީ
ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް ޝައިޚް ޚަލީފާ ބިން ޒައިދު އަލް ނަޙްޔާންގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް މާދަމާ ރައީސް ސޯލިޙް ޔުނައިޓެޑް އެރެބް އެމިރޭޓްސް އަށް ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމުގައި ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެެވެ.

ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން ހާމަކުރައްވާގޮތުގައި މިދަތުރުފުޅުގައި ރައީސުލްޖުމުހޫރިއްޔާ ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މާދަމާގެ މެންދުރު ފަހުގެ ވަގުތެއްގައެވެ.
ޔޫއޭއީގެ ރައީސް އަވަހާރަވުމާއި ގުޅިގެން ރައީސް ސޯލިޙް ވަނީ ޔޫއޭއީގެ ޝާހީ އާއިލާއަށާއި އެޤައުމުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެ ހަމްދަރުދީގެ މެސެޖެއް ފޮނުވާފައެވެ. އަދި އެމަނިކުފާނު އަވަހާރަވުމުގެ ހިތާމައިގައި ދިވެހިރާއްޖޭގައި ވެސް ވަނީ ދިވެހި ޤައުމީ ދިދަ ތިންދުވަސް ވާންދެން ބައިދަނޑިއަށް ތިރިކުރުމަށް ނިންމާފައެވެ.
ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް ޝައިޚް ޚަލީފާ ބިން ޒައިދު އަލް ނަޙްޔާން އަވަހާރަވުމުގެ ހިތާމައިގައި އެޤައުމުގައި ވަނީ ޤައުމީ ހިތާމައިގެ 40 ދުވަސް އިއުލާނުކޮށްފައެވެ. އަދި ތިންދުވަށް ސަރުކާރު އޮފީސްތަކާއި އަމިއްލަ އޮފީސްތައް އަދި ސްކޫލު މަދަރުސާތައްވެސް ވަނީ ބަންދުކޮށްފައެވެ.
ޝައިޚް ޚަލީފާ ބިން ޒައިދު އަލް ނަޙްޔާން އަބޫދާބީގެ ވެރިޔާގެ މަޤާމަށާއި ޔޫއޭއީގެ ރައީސް ކަމުގެ މަޤާމަށް ވަޑައިގެންނެވީ، 2004 ވަނަ އަހަރުގައެވެ.