
ބީ.އެމް.އެލްގެ ލޯނާއި، ފައިނޭންސިންގއަށް ހުށަހަޅައިގެން 3 ގައުމަކަށް ދަތުރެއް
ބޭންކް އޮފް މޯލްޑިވްސްގެ ލޯނާއި، ފައިނޭންސިންގއަށް ހުށަހަޅައިގެން 3 ގައުމަކަށް ޗުއްޓީ ހޭދަކޮށްލަން ދިއުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ބުނީ، މިފުރުސަތަކީ ލުއި ލޯނާއި ވެހިކަލް ލޯނުގެ އިތުރުން ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގއާއި، ވެހިކަލް ފައިނޭންސިންގއަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ހާއްސަކޮށް ފެށި ޕްރޮމޯޝަނެއްގެ ދަށުން ލިބޭ ފުރުސަތެއް ކަމަށެވެ.
އަދި މި ޕްރޮމޯޝަންގެ މުއްދަތުގައި ކަސްޓަމަރުން ބޭންކަށް ހުށަހަޅާ ލޯނާއި، ފައިނޭންސިންގެ ތެރެއިން ބޭންކުން އެޕްރޫވްކުރާ ލޯނާއި، ފައިނޭންސިންގއިން ބޮޑެތި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މިގޮތުން މިޕްރޮމޯޝަންގެ އެންމެ ބޮޑު އިނާމެއްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ، ޔޫއޭއީ، އިޖިޕްޓް އަދި ޖޯޑަން ހިމެނޭ ގޮތަށް 2 މީހަކަށް ޓުއަރ ޕެކޭޖެކެވެ. މި ޕެކޭޖްގެ ދަށުން ފްލައިޓް ޓިކެޓާއި 9 ރޭގެ ހުރުމާއި ކެއުން ހަމަޖެހިގެންދާނެ ކަމަށް ބީ.އެމް.އެލްއިން ބުނެއެވެ.
މީގެއިތުރުން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް 10،000 ރުފިޔާގެ ގިފްޓް ކާޑެއް ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.
ބީ.އެމް.އެލްއިން ބުނީ، މި ޕްރޮމޯޝަން ކުރިޔަށް ދާނީ އިއްޔެއިން ފެށިގެން ޖޫން މަހުގެ 30ގެ ނިޔަލަށް ކަމަށެވެ.
ބީއެމްއެލް އެކްސްޕްރެސް ލޯނާއި، ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގއަށް 20،000 ރުފިޔާއިން ފެށިގެން 300،000 ރުފިޔާއާ ހަމަޔަށް އެދި ހުށަހެޅޭނެއެވެ. އަދި ލުއި މައިކްރޯއާއި، ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ މައިކްރޯގެ ދަށުން 25،000 އާ ހަމަޔަށް އެދި ހުށަހެޅޭނެ ކަމަށްވެސް އެބޭންކުން ބުނެއެވެ.
އޭގެތެރެއިން ވެހިކަލް ލޯނާއި، ވެހިކަލް ފައިނޭންސިންގ ދަށުން 2 ފުރޮޅުލީ އުޅަނދު ގަތުމަށް 300،000 ރުފިޔާ އާ ހަމަޔަށް ފައިނޭންސިންގ އަށް އެދި ހުށަހެޅޭނެއެވެ. އަދި 4 ފުރޮޅުލީ އުޅަނދާއި، ޖެޓް ސްކީ އަދި އިންޖީނުލީ ޑިންގީ ފަދަ ތަކެތި ގަތުމަށް 500،000 ރުފިޔާ އާ ހަމަޔަށް އެދި ހުށަހެޅޭނެ ކަމަށްވެސް ބީ.އެމް.އެލްއިން ބުނެއެވެ.