
ހުރިހާ ފަރާތްތަކަކުންވެސް ވަނީ ނަތީޖާ ޤަބޫލުކޮށްފައި: ރައީސް ނަޝީދު
ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގެ ނަތީޖާ ހުރިހާ ފަރާތްތަކުންވެސް ޤަބޫލުކޮށްފައިވާ ކަމުގައި މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު މަޖިލީހުގައި އިއުލާނުކުރައްވައިފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ފައްޓަވައި ދެއްވަމުން ރައީސް ނަޝީދު ވަނީ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކާއި ގުޅޭ ގޮތުން ވަރަށް ކުރުކޮށް ވާހަކަފުޅު ދައްކަވައި، އިންތިޚާބު ކާމިޔާބު ކުރެއްވި މިނިސްޓަރ ފައްޔާޒު އިސްމާއިލަށާއި ފައްޔާޒާއި ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއަށްވެސް މަރުހަބާ ވިދާޅުވެ ޝުކުރު އަދާކޮށްފައެވެ.
ބޮޑު ތަފާތަކުން ފައްޔާޒު އިސްމާއީލް އިންތިޚާބު ކާމިޔާބު ކުރެއްވި އިރު، ރައީސް ނަޝީދު ވިދާޅުވީ، އިންތިޚާބުގެ ނަތީޖާ މިހާރު ހުރިހާ ފަރާތަކުންވެސް ބަލައިގެންފައިވާ ކަމަށެވެ.
"ވަރަށް ވާދަވެރި އިންތިޚާބެއް ނިންމައި އަދި ސުލުހަވެރިކަމާއި އެކީގައި އެންތިޚާބުގެ ނަތީޖާ ވަނީ އިއުލާނުކޮށް، ހުރިހާ ފަރާތަކުން އެނަތީޖާ ވަނީ ބަލައިގަނެފައި." މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ މިއަދުގެ ޖަލްސާގައި އެމްޑީޕީ އާއި އެޕާޓީގެ މެމްބަރުންނަށްވެސް މަރުހަބާ ވިދާޅުވެފައެވެ.
ނިމިދިޔަ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބުގެ ނަތީޖާ ހުރިހާ ފަރާތްތަކުން ޤަބޫލު ކުރާ ކަމަށް ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގައި އިއުލާނު ކުރެއްވި އިރު، ރައީސް ނަޝީދުގެ އަރިސް ބޭފުޅުންނާއި ރައީސް ނަޝީދުގެ އާއިލާގެ ބައެއް ބޭފުޅުންނާއި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ނަތީޖާ އާއި މެދު ޝައްކުތައް އުފައްދާފައެވެ. އަދިި ފައްޔާޒު ހޮވުމާއި އެކު ރައީސް ނަޝީދަށް ވަފާތެރި ބައެއް މެމްބަރުން ވަނީ ޕާޓީން ވަކިވުމަށްވެސް ހުށައަޅާފައެވެ.