ރައީސް ޞާިލހާއި ފައްޔާޒު އިސްމާއީލް ---

ރައީސް ސާލިޙު ރިޔާސީ ދެވަނަ ދައުރަކަށް ނުކުންނެވުމަކީ ގިނަ ރައްޔިތުން އެދޭކަމެއް

ހޮނިހިރު 21 މެއި 2022 | އަލީ ސުލައިމާން

ދިވެހިޖުމުހޫރިއްޔާގެ ފެހި ޤާނޫނު އަސާސީއަކީ ދިވެހިންނަށް ވަރަށް ގިނަ ހައްޤުތަކަކާއި މިނިވަން ކަމެއް ލިބިދިން އަދި ސިޔާސީ ގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެވުނު ޤާނޫނު އަސާސީއެކެވެ. އެހެން ނަމަވެސް އައު ޤާނޫނު އަސާސީގެ ދަށުން ދިވެހިރާއްޖޭގެ ވެރިކަން ހިންގަންފެށުނީއްސުރެ ޤައުމުގައި ސިޔާސީ ހަމަނުޖެހުންތަކާއި ހަލަބޮލިކަމެއް ނެތް ދައުރަކަށް ހަމައެކަނި ފެންނަން އޮތީ ހިނގަމުން މިދާ ދައުރެވެ. ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ފުރިހަމަ ކުރައްވަމުން ގެންދަވާ ރިޔާސީ ދައުރެވެ.

Advertisement


ފެހި ޤާނޫނު އަސާސީގެ ދަށުން، ދިވެހިރާއްޖޭގެ ވެރިކަމުގެ މަޤާމަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ފުރަތަމަ އަހަރު ނުނިމެނީސް މުޒާހަރާތަކާއި ހަމަނުޖެހުންތައް ފެށިއްޖެއެވެ. ސަރުކާރާއި އިދިކޮޅު ހަރަކާތްތައް ފެށިއްޖެއެވެ. އެފަހަރުގެ ސިޔާސީ ހަމަނުޖެހުންތައް ފެށުނީވެސް އިންޑިއާ އާއި ދެކޮޅަށް ސިޔާސީ މީހުން އާއްމުންގެ ހިތްތަކަށް ވެރި ކުރުވި ސިޔާދަތާއި އިސްތިޤުލާލުގެ ބިރުގައެވެ."ގޯ ހޯމް، ޖީއެމްއާރް"ގެ ނަމުގައެވެ.

މަހުޖަނުންނާއި ސިޔާސީ މީހުން އަޑިގައި ތިބެ އިންޑިއާ އާއި މެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތާއި ރުޅިވެރިކަން އުފައްދައި ސަރުކާރުގައި ލާދީނިއްޔަތުގެ ލޭބަލް އަޅުވައި، "ބަޣާވާތަކުން" ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައީ އެވެރިކަމުގެ ދައުރު ދެބައިވެ ހަތަރުމަސް ވީތަނާއެވެ. އެކަމުގެ ހިނގަހިނގާހުރި ތަރައްޤީގެ އެތައް މަޝްރޫއެއް ހުއްޓި ރައްޔިތުންނަށް އެތައް ގިލަންވެރިކަމެއް ޖެހުނެވެ.

ސިޔާސީ ގޮތުން ރާއްޖެދުށް އެންމެ ހަލަބޮލި ދުވަސްތަކަކީ ރައީސް ވަހީދު ރިޔާސީ ދައުރުގެ ދޮޅުއަހަރެވެ. އޭގެ ފަހުން ރައީސް ޔާމީނުގެ ވެރިކަމުގެ ދައުރަކީ ގޭންގުމާރާމާރީތަކާއި މުޒާހަރާތަކާއި ހަމަނުޖެހުންތަކުން އަމަން އަމާންކަން ގެއްލިގެން ދިޔަ އަދި ސިޔާސީލީޑަރުންނާއި އެކްޓިވިސްޓުން ޖަލަށްލައި އެތައް އަނިޔާތަކެއް ދެމުން ގެންދިޔަ ދުވަސްތަކެކެވެ.

ފެހި ޤާނޫނު އަސާސީގެ ދަށުން ރިޔާސީ ދައުރެއް ފުރަތަނަ ފުރިހަމަ ކުރެއްވި ބޭފުޅަކީ ރައީސް ޔާމީންކަމުގައި ވީނަމަވެސް، އެމަނިކުފާނުގެ ރިޔާސީ ދައުރަކީ ރާއްޖެ ދުން އެންމެ ހަމަނުޖެހުން ބޮޑު ރިޔާސީ ދައުރެވެ. ޚާރިޖީ ސިޔާސަތު މުޅިން ޗައިނާގެ މައްޗަށް ލެނބި ސަރަހައްދުގެ ޤައުމުތަކަށް ކުރިމަތިވަމުން އައި ނުތަނަވަސްކަމާއި އެކު އެމަނިކުފާނަށް ރިޔާސީ ދައުރު ފުރިހަމަ ކުރެވިދާނެތޯވެސް އެތައް ފަހަރަކު ސުވާލު އުފެދޭ ހިސާބަށް ކަންކަން ދިޔައެވެ.

ދިވެހިން އަބަދުވެސް އެދި ތިބީ ޤައުމުގެ ހަމަޖެހުމާއި ސުލްހައަށެވެ. ރައްޔިތުންނަށް އުފާފާގަތި ކަމާއި ތަނަވަސްކަން ލިބުމަށެވެ. ނުތަނަވަސްކަން ބޮޑު އަހަރުތަކަކަށް ފަހު ރައްޔިތުންނަށް ހަމަނޭވާއެއް ލެވުނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު، އިބްރާހިމް މުހައްމަދު ޞާލިޙް ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަޤާމުގެ ހުވާ ކުރެއްވުމުންނެވެ.

ރައީސުލްޖުމުހޫރިއްޔާކަމުގެ ހުވާކުރެއްވުމަށްފަހު ރައީސް ސޯލިޙްގެ އެންމެ ފުރަތަމަ މަސައްކަތްޕުޅަކީ އަނިޔާލިބުނު ފަރާތްތަކަށް އިންސާފު ހޯއްދަވައިދެއްވުމެވެ. ޤައުމުގާއި ހަމަޖެހުމާއި ސުލުޙަ ޤާއިމް ކުރެއްވުމެވެ.

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ދައުރަކީ، އެތައްހާސް ރައްޔިތުންގެ ފޮނި އުއްމީދުތަކާއި ގުޅިފައިވި ރިޔާސީ ދައުރެކެވެ. ޤައުމަށް ސިޔާސީ ހަމަޖެހުން އައިސް އުމުރާނީ ތަރައްޤީގެ އައު ރަންޒަމާނަކަށް ދިވެހިން ހޭލާނެ ކަމަށް އުންމީދު ކުރެވުނު ދައުރެކެވެ. އެކަމަކު ދުނިޔެއަށް ކުރިމަތިވި ކޯވިޑް-19ގެ އާލަމީ ވަބާ އާއި އެކު ދިވެހިރާއްޖޭގެ އިޤުތިޞާދަށްވެސް އެތައް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ނަތީޖާއަކީ، ތަރައްޤީގެ ދުވެލި މަޑުޖެހުމެވެ.

ކޯވިޑް-19 އާއި އެކުގައިވެސް އުމުރާނީ ތަރައްޤީގެ އެތައް ސަތޭކަ މަޝްރޫއެއް މިސަރުކާރުން ވަނީ ކާމިޔާބު ކަމާއި އެކު ހިންގައި ނިންމާފައެވެ. މީގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކީ، ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ޤާއިމް ކުރުމާއި، ހުރިހާ ރައްޔިތުންނަށްވެސް ސާފު ބޯފެން ފޯރުކޮށް ދިނުމެވެ، މިދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިޖާ ރަށެއްގައި ފެނާ ނަރުދަމާ ޤާއިމްކޮށް ދިނުމަކީ ރައީސުލްޖުމުހޫރިއްޔާގެ ރިޔާސީ ވައުދެކެވެ. އެ ވައުދާއި އެއްގޮތަށް ރާއްޖޭގައި މިހާރު ފެނާއި ނަރުދަމާގެ ނިޒާމްގެ މަސައްކަތް ހުރިހާ ރަށެއްގައިވެސް އޮތީ އެކި ސްޓޭޖްތަކުގައެވެ.

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން އުމުރާނީ ތަރައްޤީގައި ކުރީގެ ސަރުކާރުތައް ފަދައިން އިސްކަންދިނީ މާލެއަށް އެކަންޏެއް ނޫނެވެ. ދައުލަތުގެ ބަޖެޓުންނާއި އެހީތައް ހޯދައިގެން ހިންގޭ ތަރައްޤީގެ އެންމެ ގިނަ މަޝްރޫއުތައް ކުރިޔަށް ދަނީ އަތޮޅުތަކުގައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް މަދުވެގެން އެއްމަޝްރޫއު މިހާރުވެސް ކުރިޔަށް ދާނެއެވެ. ބައެއް ރަށްރަށުގައި 10 ނުވަތަ 12 މަޝްރޫއުވެސް އެއްފަހަރާ ކުރިޔަށް އެބަދެއެވެ.

ކޯވިޑް-19ގެ އާލަމީ ވަބާގައި އިޤުތިޞާދަށް ލިބުނު ގެއްލުންތައް މެނޭޖުކޮށް ރާއްޖެ ހިމެނިފައިވަނީ، އެންމެ ބާރަށް އިޤުތިޞާދު އިއާދަވަމުން އަންނަ 5 ޤައުމުގެ ތެރޭގައެވެ. ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން މިއަދު ސްރީލަންކާ އޮތް ހާލަތަށް ވިސްނާލާއިރު ދިވެހިރާއްޖެއިން ކޯވިޑް މެނޭޖްކުރުމުގައި އެޅި ފިޔަވަޅުތައް މާބޮޑަށްވެސް ރަނގަޅުކަން އެނގެއެވެ. ކޯވިޑުން އަރައިގަނެ އިޤުތިޞާދު އިއާދަވަމުން މިދަނީ ރައިސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ޚާއްސަ ބެއްލެވުމުގެ ދަށުން ސަރުކާރުން އަޅަމުން ދިޔަ ފިޔަވަޅުތަކުގެ ތެރެއިންނެވެ. ކޯވިޑްގެ ގަދަ ތޫފާނުގެ ތެރެއިން ރާއްޖެ އަމާން އައްސޭރިއަކަށް ގެންދިޔުމުގައި ސަރުކާރުން ކުރި މަސައްކަތްތަކަކީ ރައްޔިތުން ބަލައިގެންފައިވާ މަސައްކަތްތަކެކެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ އިސްލީޑަރުގެ ގޮތުގައި ހުންނަވައި ވެރިކަން ހިންގަވަމުން އައި ގޮތަށް ރައްޔިތުން ރުހިގެން ތިބިކަން ހާމަވެގެން ދިޔައީ، ކޯލިޝަން ސަރުކާރުގެ މައިޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާއައި ގޮތުންނެވެ. އެމްޑީޕީގެ ދަފުތަރުގައި ލައްކައަކާއި ގާތްކުރާ އަދަދަކަށް މެމްބަރުން ތިބި އިރު މެއި 14 ވަނަ ދުވަހުގެ އިންތިޚާބުގައި ބައިލައްކައެއްހާ މީހުން ވޯޓުލިއެވެ. މިއިންތިޚާބުގައި ރައީސުލްޖުމުހޫރިއްޔާ އިކޮނޮމިކް މިނިސްޓަރުގެ މަޤާމަށް އައްޔަނު ކުރައްވާފައިވާ ފައްޔާޒު އިސްމާއީލް ވާދަކުރެއްވީ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށެވެ. ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ބޮޑު ތަފާތަކުން ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް އިންތިޚާބުވުމަކީ ރައީސުލްޖުމުހޫރިއްޔާ އަށާއި ސަރުކާރަށް ޕާޓީގެ އާއްމު މެމްބަރުންގެ ތެރޭގައި ފުރިހަމަ ތާއީދު އޮތްކަން އަންގައިދޭ ކަމެކެވެ.

2012 ވަނަ އަހަރު އެމްޑީޕީގެ ޤައުމީ މަޖިލީހުން ފާސްކޮށްގެން ގެނެވުނު އެންމެ މުހިއްމު ބަދަލަކީ، ރައީސުލްޖުމުހޫރިއްޔާގެ މަޤާމުގައި ހުންނެވި ބޭފުޅަކީ އެމްޑީޕީގެ މެމްބަރަކަށް ވާނަމަ ރިޔާސީ ޕްރައިމަރީ އަކާއި ނުލައި ދެވަނަ ދައުރަކަށް ޕާޓީގެ ރިޔާސީ ޓިކެޓް ދިނުމެވެ. އެބަދަލު ގެނެވުނީ ރައީސް ނަޝީދަށް ފަހިކޮށް ނަމަވެސް މިއަދު އެބަދަލު ވަނީ ބަހުސަކަށްވެފައެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާނުކުރައްވާފައި ނެތްނަމަވެސް އެމަނިކުފާނު 2023ގައި ރިޔާސީ ރޭހަށް ނުކުންނަވާނެ ކަމުގެ އިޝާރާތެއް ވަނީ ކުރައްވާފައެވެ. މިގޮތުން އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ފައްޔާޒު އިސްމާއިލް އިންތިޚާބުވުމުން އެމަނިކުފާނު ވިދާޅުވި މަރުހަބާގައި ފާހަގަކުރެއްވި ނުކުތާއަކީ 2023 ގެ ރިޔާސީރޭހަށް ނުކުންނަވާނެ ކަމުގެ އިޝާރާތެއް ކަމުގައި ސިޔާސީ ބޭފުޅުން ވިދާޅުވެއެވެ.

އެމްޑީޕީން 2012 ވަނަ އަހަރު ގެނައި ބަދަލާއި އެއްގޮތަށް ޕްރައިމަރީ އަކާއި ނުލައި ރިޔާސީ ޓިކެޓް ރައީސް ސޯލިހަށް ލިބެންޖެހެއެވެ، އެހެން ނަމަވެސް ރައީސް ނަޝިދާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ގޮވާލަމުން އައީ ރިޔާސީ ޕްރައިމަރީއެއް ބޭއްވުމަށެވެ. އެހެން ނަމަވެސް މެއި 14 ވަނަ ދުވަހު ބޭއްވި ޕާޓީގެ އެތެރޭގެ އިންތިޚާބަށްފަހު އެއަޑުތައް މަޑުވެއްޖެއެވެ.

މެއި 14 ވަނަ ދުވަހުގެ އިންތިޚާބުގެ ނަތީޖާއިން އެނގިގެން ދިޔައީ ރިޔާސީ ޕްރައިމަރީއެއްވެސް އެމްޑީޕީގެ އެތެރޭގައި ބާއްވައިފިނަމަ އެ އިންތިޚާބެއް ކާމިޔާބު ކުރައްވާނީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްކަމެވެ.

ރިޔާސީ ދައުރުނިމެން ބާކީ ދޮޅުއަހަރަށް ވެފައި ވާއިރު، ކޯވިޑް 19ގެ އާލަމީ ވަބާ ކުރިމަތި ނުވިނަމަ ގިނަ ވައުދުތަކެއް ފުއްދުނީހެވެ. އެހެންކަމުން ފާއިތުވެ ދިޔަ ތަނުގެ ތަޖުރިބާއަށް ބަލައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ރިޔާސީ ދެވަނަ ދައުރެއް ދިނުމާއި މެދު ރައްޔިތުން ތިބީ ރުހި ޤަބޫލުވެގެން ކަމުގައި ބުނެވިދާނެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ފައްޔާޒް އިސްމާއީލް އެންމެ ބޮޑަށް ފާހަގަކުރެއްވި އެއްކަމަކީވެސް އެއީއެވެ. 2023 ހޯދުމުގެ ވާހަކައެވެ. އެހެންކަމުން އިންތިޚާބުގައި ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ގެނައުމަކީ 2023ގައި ރައީސް ސާލިޙް އިންތިޚާބުކުރުމަށް ރައްޔިތުން އެދި ތިބިކަން ސާފުކޮށް ދަލީލުކޮށްދިން ކަމެކެވެ.

ހަލަބޮލި 5 އަހަރުގެ ދައުރަކަށް ފަހު ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަޕޯޓަރުންނާއި އެމަނިކުފާނުގެ ކެބިނެޓް މެމްބަރުން އަދިވެސް ދަނީ ޤައުމުގައި ހަމަނުޖެހުން އުފެއްދުމާއި ސިޔާސީ ހަލަބޮލިކަން ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އިންޑިއާ އައުޓް ކެމްޕޭނަކީ އޭގެ ބައެކެވެ. އެހެން ނަމަވެސް ސަރުކާރުން ދަނީ އެފަދަ ހަމަނުޖެހުންތަކަށް ފުރުޞަތު ނުދީ ފިޔަވަޅުތައް އަޅަމުންނެވެ.

ދިވެހިރާއްޖެއަށް އައި ސިޔާސީ ގޮތުންނާއި އިޖުތިމާއީގޮތުން އައި އެންމެ ސުލުހަވެރި 5 އަހަރަކީ މިހިނގާ ވެރިކަމުގެ ދައުރު ކަމަށްވުމީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އިތުރު ދައުރެއް ރައްޔިތުން ދޭނެ ސަބަބެއް ކަމުގައި ބެލޭނެއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.