
މަންކީޕޮކްސްއަކީ ކޮބާ؟ އަދި ބަލިން ރައްކާތެރިވާނީ ކިހިނެއް؟
މަންކީ ޕޮކްސްގެ ވައިރަސް އެންމެ ފުރަތަމަ ދެނެގަނެވިފައިވަނީ 1958 ވަނަ އަހަރު ނެދަލޭންޑްގެ ކޯޕަންހޭގުގައި ކުރެވުނު ސައިންޓިފިކް ދިރާސާއެއްގައެވެ. މިއީ ރާމާމަކުނާއި މީދަލާއި އެނޫންވެސް އެބާވަތުގެ ޖަނަވާރުތަކުގެ ހަށިގަނޑުގައި އުޅޭ ވައިރަހެކެވެ. މަންކީ ޕޮކްސް ޖައްސާ ވައިރަސްވެސް ނިސްބަތް ވަނީ، ކަށިވިދުރި އާއި ފާނަބަސަންދު ނިސްބަތްވާ ވައިރަހުގެ އާއިލާއަށެވެ. އަދި މަންކީ ޕޮކްސް ޖެހުމުން ފެންނަ އަލާމަތްތަަކަކީވެސް ކަށިވިދުރި އާއި ފާނަބަސަންދު ޖެހުމުން ފެން އަލާމާތްތަކެކެވެ.

އިންސާނަކަށް ފުރަތަމަ މަންކީ ޕޮކްސް ޖެހުނުކަން ރެކޯޑް ކުރެވިފައި ވަނީ 1970 ވަނަ އަހަރު މެދުތެރޭ އެފްރިކާގެ ޤައުމެއް ކަމުގައިވާ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ. މެދުތެރޭ އެފްރިކާގެ ޤައުމުތަކުގެ މަންކީ ޕޮކްސްއަކީ އާއްމު ބައްޔެކެވެ. ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި މިހާރުވެސް މަންކީ ޕޮކްސް ދޭތެރެ ދޭތެރެއިން ފެތުރެމުންދާއިރު، މިހާރު އެޤައުމުގައި ވަނީ، އެބޯލާގެ އައުޓްބްރޭކެއްވެސް ފެށިފައެވެ. މީގެ އިތުރުން ދުނިޔޭގެ އެތައް ބަޔަކަށް މިހާރު ފެތުރިފައިވާ އެޗްއައިވީ ވައިރަސްވެސް އެންމެ ފުރަތަމަ ޖަނަވާރުގެ ކިބައިން އިންސާނުންނަށް ވާސިލްވީ އެޤައުމުންކަމަށް ފަހުގެ ހޯދުންތަކުގައި އެނގިފައިވެއެވެ.
މަންކީޕޮކްސް ޖެހޭމީހުންގެ އަދަދުތައް އިތުރުވާން ފަށާފައިވަނީ، ދުނިޔެއިން ކަށިވިދުރި ނައްތާލެވުމަށްފަހުގައި އެބައްޔާއި ދެކޮޅަށް ދެމުން އައި ވެކްސިން ދިނުން 1980 ވަނަ އަހަރުން ފެށިގެން ހުއްޓާލުމަށް ފަހުގައިކަމަށް ސިއްޙީދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެފައިވެއެވެ.
މަންކީ ޕޮކްސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސަމާލުކަމަށް އައިސްފައިވަނީ، ކުއްލިއަކަށް ޔޫރަޕްގައި މިބަލި ފެތުރެން ފެށުމާއި ގުޅިގެންނެވެ. އަދި ބަލީގެ ވައިރަސް ޔޫރަޕަށް އެތެރެވި ގޮތަކާއި މެދު އުފެދުނު ސުވާލު ތަކަކާއި ގުޅިގެންނެވެ. 2003 ވަނަ އަހަރު އެމެރިކާގައިވެސް މަންކީ ޕޮކްސްގެ އައުޓް ބްރޭކެއް ފެށުނު އިރު އެފަހަރުގެ ހޯދުންތަކުން އެނގުނީ، ބަލި ފެތުރުނީ، ގާނާއިން ޕެޓްގެ ގޮތުގައި އެމެރިކާއަށް އެތެރެކުރި މީދާތަކެއްގެ ސަބަބުންނެވެ.
ޑަބުލިއެޗްއޯއިން ހާމަކޮށްފައިވާ ގޮތުގައި މިފެށުނު އައުޓްބްރޭކައި އެކު މިހާތަނަށް އެފްރިކާބައްރުން ބޭރުގެ ގިނަ ޤައުމުތަކުންވެސް ބަލި ވަނީ ފެނިފައެވެ. މިހާތަނަށް ޖުމުލަ 12 ޤައުމަކުން 95 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.
ބަލިޖެހެނީ ކިހިނެއް؟
މަންކީ ޕޮކްސްވެސް ފެތުރެނީ ފާނަބަސަންދުވެސް ފެތުރޭ ގޮތާއި އެއްކަހަލަގޮތަކަށެވެ. މިގޮތުން ބަލިޖެހިފައިވާ ޖަނަވާރުގެ ގައިގައި އަތްލެވުމާއި ޖަނަވާރުގެ ހަށިގަނޑުން ނުކުންނަ ދިޔަ އާއި ބޮޑުކަމުދާތަކެއްޗާއި ކުޑަކަމުދާތަކެތީގައި އަތްލެވުމުން ބަލިފެތުރެއެވެ. އަދި ބަލިޖެހިފައިވާ މީހުންގެ ކުޅާއި ހަށިގަނޑުން ބޭރުވާ ދިޔައިގައި އަތްލެވުން، ބަލިޖެހިފައިވާ މީހެއްގެ ގައިގައި ބެއްދުމާއި ދޮންދިނުން ފަދަ ކަންކަމުންނާއި، ބަލިމީހާ ނިދާ އެނދު ބާލީސް ބެޑްޝީޓް ތުވާލި ފަދަތަކެތިންނާއި ބަލިމީހާގެ ގައިގާ ނަގާފޮޅު ރަނގަޅުވާއިރު ވެއްޓޭ ކުރަގަނޑުތަކުންވެސް އެހެން މީހުންނަށް ބަލި ޖެހެއެވެ. އަދި ބަލިޖެހިފައިވާ މީހާ ކެއްސައި ކިނބިއަޅާއި އިރު ބުރައިގެންދާ ކުޅުތިކިތަކުންވެސް އެހެން މީހުންނަށް ބަލިޖެހެއެވެ.
ބަލިޖެހެނީ ކޮންބަޔަކަށް؟
މަންކީޕޮކްސްއަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ޖެހޭ ބައްޔެކެވެ. ކުޑަކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށްވެސް މިބަލި ޖެހެއެވެ. އަދި މިބަލީގައި ނުރައްކާ ބޮޑީ ދިފާއީ ނިޒާމްގެ ބާރުދަށް މީހުންނަށެވެ.
ބަލީގެ އަލާމާތްތައް:
މަންކީ ޕޮކްސްއިންވެސް ފެންނަނީ ފާނަބަސަންދާއި އެއްގޮތް އަލާމާތް ތަކެކެވެ.
- ގަދަޔަށް ހުންއައުން.
- ވަރުބަލިވުން
-ގައިގައި ރިއްސުން
- ކިހިލިފައްޗާއި އުކުޅުވަޅުގައި ގޮށްލުން
- ހަމުގައި ފެންފޮޅުތަކެއް ނަގައި ދޮސްލުން
- ފެންފޮޅުތައް ގަދަޔަށް ހިރިވުން
މަންކީ ޕޮކްސް ޖެހުމުން ނަގާ ފޮޅުތައް އާއްމުކޮށް ނަގާނީ މޫނާއި އަތާއި ފައިގަޔާއި މޭމައްޗާއި ބުރަކަށީގައެވެ. ނަމަވެސް ބައެއް ފަހަރު އަތާއި ފައިގެ ހުދުހަމާއި، އަނގައާއި ކަރުތެރޭގައިވެސް މިފޮޅުތައް ނަގައެވެ. އަދި ބަލިން ރަނގަޅުވުމަށް 4 ހަފްތާގެ މުއްދަތެއް ނަގައެވެ.
ބަލީގެ ފަރުވާ:
މަންކީ ޕޮކްސްއަށް މިހާތަނަށް ވަކި ޚާއްސަ ފަރުވާއެއް ހޯދިފައެއް ނުވެއެވެ. އެހެން ނަމަވެސް ސްމޯލްޕޮކްސް އިން ރައްކާތެރިވުމަށް ދޭ ވެކްސިން މަންކީ ޕޮްކްސްއާއި ދެކޮޅަށް ބޭނުން ކުރެވޭއިރު އެވެކްސިން %80 ކާމިޔާބެވެ.
މަންކީ ޕޮކްސްއަށް ދޭ ފަރުވާދެނީ ބަލިން ފެންނަ އަލާމާތްތަކަށެވެ.
ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން.
- ބައްޔަށް ޝައްކު ކުރެވޭ އަލާމާތެއް ހުރި ނަމަ އެކަހެރިވުން
- ގިނައިން އަތޮދޮވުން
- މާސްކު އެޅުން
- ބަލިފެތުރިފައިވާ ސަރަހައްދުތަކަށް ދަތުރު ނުކުރުން.
މަންކީ ޕޮކްސްޖައްސާ ވައިރަހަކީ، ކޯވިޑް-19ގެ ވައިރަސް ފަދައިން ފަސޭހައިން ފެތުރިގެންދާ ވައިރަހެއް ނޫންކަމުން މިބަލި ފަސޭހައިން ކޮންޓްރޯލް ކުރެވެއެވެ. އަދި ބަލިފެތުރިގެން ދިޔުމުގެ ފުރުޞަތުވެސް ކުޑަވެއެވެ. މިބަލިން ރައްކާތެރިވުމަށް ރާއްޖޭގައިވެސް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް މިހާރުވަނީ ނިންމާފައެވެ.