
ބީއެމްއެލް ޑިޖިޓަލް ވޮލެޓްގެ ޚިދުމަތް ތައާރަފްކޮށްފި
ބީއެމްއެލްގެ މޯބައިލް ބޭންކިންގ އެޕްގައި ބީއެމްއެލް ޕޭ ވޮލެޓްގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.

ބީ އެމްއެލް އިން އަލަށް ތައާރަފްކުރި މި ޚިދުމަތާއެކު، ބީއެމްއެލް މޯބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ހަލުވިކަމާއި ރައްކާތެރިކަމާއެކު ޕޭމަންޓް ފުރިހަމަ ކުރުމަށް ކަސްޓަމަރުންނަށް ސްކޭން ޓު ޕޭ ގެ ޚިދުމަތާއި ހަމައެކަނި މޯބައިލް ނަންބަރު ބޭނުންކޮށްގެން ޢާއިލާއާއި ރަޙުމަތްތެރިންނަށް ފައިސާވެސް ފޮނުވޭނެކަމަށް ބީއެމްއެލުން މައުލޫމާތުދެއެވެ.
ބީއެމްއެލުން ބުނީ މި އަޕްގްރޭޑާއެކު، ކޮންޓެކްޓްލެސް ޕޭމަންޓްގެ ޚިދުމަތްާއި ވޮލެޓް-ޓު-ވޮލެޓް ޓްރާންސްފަރ ގެ ޚިދުމަތް އެޕް މެދުވެރިކޮށް ލިބިގެންދާނެކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މިއަދު ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓް ފަންކްޝަންސް މޯބައިލް އެޕްގައި ހިމެނިގެންދިޔުމާއެކު ކަސްޓަމަރުންނަށް މިހާރު އެއް އެޕް މެދުވެރިކޮށް ފައިސާ ދެއްކުމާއި ބޭންކިންގ ޚިދުމަތް ލިބިގެންދާނެ ކަމަށެވެ.
އަދި މުޅި ދުނިޔޭގައިވެސް މޮބައިލް ބޭންކިންގ މެދުވެރިކޮށް ހަދާ ކޮންޓެކްޓްލެސް ޕޭމަންޓްތަކަކީ އެންމެ ރައްކާތެރި އަދި އެންމެ އަވަހަށް ފައިސާގެ މުއާމަލާތްކޮށްލެވޭ ގޮތް ކަމަށާއި މިފަދަ ހިދުމަތެއް ބޭންކުގެ އެޕް މެދުވެރިކޮށް ދެވޭކަމީ އުފަލެއް ކަމަށް ޓިމް ސޯޔަރ ވިދާޅުވިއެވެ.
2015ވަނަ އަހަރު މުޅިން އަލަށް ރާއްޖެއަށް މޯބައިލް ބޭންކިންގ ޚިދުމަތް ބޭންކް އޮފް މޯލްޑިވްސް އިން ތަޢާރަފްކޮށްފައިވަނީ ކަސްޓަމަރުންނަށް ކޮންމެ ވަގުތަކު ކޮންމެތަނަކު ހުރެގެން ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުންނެވެ.