
ބޭންކު އޮފް މޯލްޑިވްސް މިހާރު އޮތީ މިހާތަނަށް އޮތް އެންމެ ރަނގަޅު ހާލަތުގައި - ޓިމް ސޯޔަރ
ބޭންކު އޮފް މޯލްޑިވްސް އޮތީ މިހާތަނަށް އޮތް އެންމެ ރަނގަޅު ހާލަތުގައި ކަމަށް އެބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވެއްޖެއެވެ.

ޓިމް ސޯޔަރ މިހެން ވިދާޅުވީ، ރޭ ބޭއްވި ބޭންކުގެ އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރު އެބޭންކުން ރެކޯޑް ނަތީޖާއެއް ހޯދުމާ ގުޅޭގޮތުން ހިއްސާދާރުންނާއި ވާހަކަފުޅު ދައްކަވަމުންނެެވެ.
ރޭގެ ޖަލްސާގައި ޓިމް ވަނީ، މުޅި ދުނިޔެއަށްވެސް ދަތި އުނދަގޫ ދަނޑިވަޅެއްގައި ފާއިތުވި ތިން އަހަރުގެ ތެރޭގައި ބޭންކުން ހޯދި ކާމިޔާބު ފާހަގަކޮށް އެކަމަށް އަލިއަޅުއްވާލާފައެވެ.
" އަޅުގަނޑުމެންނަށް ކޮވިޑުގެ ބަލިމަޑުކަމުން ސަލާމަތްވެވުނު. އަޅުގަނޑުމެންނަށް ލޯނު ދޫކުރެވުނު، މުހިންމު ޚިދުމަތްތައް ފޯރުކޮށްދެވުނު. އަދި ގައުމުގެ އިގްތިސާދު ނެގެހެއްޓުމަށް އެހީތެރިވެވުނު، ދަރަނި މަދުކުރުމަށް އެހީތެރިކަން ފޯރުކޮށްދެވުނު. ރާއްޖެއަށް އެންމެ ދަތިއުނދަގޫ ދުވަސްތައް ކުރިމަތިވިއިރު ބީއެމްއެލް ވަނީ ގައުމުގެ އިގްތިސާދު ހިފެހެއްޓުމަށް ސާބިތުކަމާއެކު މަސައްކަތްކޮށްފަ." ޓިމް ސޯޔަރ ވިދާޅުވިއެވެ.
ފާއިތުވި އަހަރުގެ ކާމިޔާބު ނަތީޖާއަށް އަލިއަޅުއްވާލައްވައި ޓިމް އިތުރަށް ވިދާޅުވީ، މުހިންމު ލޯނުތަކުގެ ރޭޓްތައް ބޭންކުން ދަށްކުރި ނަމަވެސް، ބޭންކަށް ލިބުނު ފައިދާ ފާހަގަކޮށްލެވޭ ފަދަ މިންވަރަކަށް އިތުރުވެފައިވާ ކަމަށެވެ. މިގޮތުން ކުރީ އަހަރަށްވުރެ %470 އިތުރުވެ، ޓެކްސްއަށް ކެނޑުމަށްފަހު 1.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މީގެ މާނައަކީ، ބޭންކުގެ އެންމެ ބޮޑު ހިއްސާދާރު ކަމަށްވާ ދިވެހި ސަރުކާރަށް ޓެކްސްގެ ގޮތުގައި 543 މިލިއަން ރުފިޔާ އަދި ހިއްސާގެ ފައިދާގެ ގޮތުގައި 131 މިލިއަން ރުފިޔާ ލިބިގެންދާނެ ކަމަށްވެސް ޓިމް ވިދާޅުވިއެވެ.
މީގެއިތުރުން ޓިމް ވިދާޅުވީ، ބޭންކުގެ އައު ސްޓްރެޓެޖީ މިހާރު އެކުލަވާލެވިފައިވާ ކަމަށާއި، ފައިނޭންޝަލް ސްޓްބިލިޓީއާއި، އޮޕަރޭޝަނަލް އެކްސަލެންސް އަދި ކަސްޓަމަރ އެކްސްޕީރިއަންސަކީ ބެންކުގެ ސްޓްރެޓެޖީގެ މައިގަނޑު ތިން އަސާސް ކަމަށެވެ. އަދި މިއަސާސްތަކާއެކު ކުރިޔަށް އޮތް ތިން އަހަރު ތެރޭގައި ހާސިލްކުރަން ބޭނުންވާ މުހިންމު ލަނޑުދަނޑިތަކެއް އެކުލަވާލެވިފައިވާ ކަމަށެވެ. މީގެއިތުރުން ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަކީ ހަމަޔަގީނުންވެސް އައު ކަމެއް ނޫން ކަމަށާއި، ކޮވިޑް ކުރިމަތިވި ކަމުގައިވީނަމަވެސް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް ފުޅާކުރުމަކީ ބެންކުން އިސްކަން ދެމުން އަންނަ މުހިންމުކަމެއް ކަމަށެވެ.
" ރާއްޖޭގެ ހުރިހާ ހިސާބެއްގައި ބެންކުގެ ޚިދުމަތްތައް ހޯދުމަށް މަގުފަހިކޮށް، ބެކް އެންޑް އޮޕަރޭޝަންތައް ޑިޖިޓައިޒް ކުރުމާއި، އަޅުގަނޑުމެންގެ ރިސޯސަސް އިތުރުކުރުމާއި، ބިޒްނަސް ކޮންޓިއުނިޓީގެ މަސައްކަތްތައް މިދަނީ ކުރެވެމުން. އަދިވެސް އިތުރު ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި، ނަމަވެސް އަޅުގަނޑުމެންގެ ކަސްޓަމަރ ސަރވޭތަކުން ދައްކާ ގޮތުން މިސްރާބު ފެށިފައި ހުރީ ކާމިޔާބީއާ ދިމާލަށް." ޓިމް ވިދާޅުވިއެވެ.