ބީ.އެމް.އެލްގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން. ފޮޓޯ:ބީ.އެމް.އެލް

ބީ.އެމް.އެލްއިން ހިއްސާއަކަށް 48 ރުފިޔާ ބަހަން ފާސްކޮށްފި

ހޯމަ 30 މެއި 2022 | ހަމްޒާ

ބެންކް އޮފް މޯލްޑިވްސްއަށް މިދިޔަ އަހަރުގެ ލިބުނު ފައިދާއިން ހިއްސާއަކަށް 48 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.

Advertisement


ރޭ ހޮޓެލް ޖެންގައި ބޭއްވި އެބޭންކުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ހުށަހެޅުނު ޖުމްލަ 258 މިލިއަން ރުފިޔާ ބަހަން ފާސްކޮށްފައެވެ. މިއީ، މިހާތަނަށް ބޭންކުން ހޯދި އެންމެ ރަނގަޅު ނަތީޖާ މިދިޔަ އަހަރު ހޯދުމަށްފަހު ހިއްސާގެ ފައިދާގެ ގޮތުގައި ދޭ ރެކޯޑު އަދަދެއް ކަމަށް ބީ.އެމް.އެލްއިން ބުނެއެވެ.

މިޖަލްސާގައި ހިއްސާދާރުންނާއި މުޚާތަބުކޮށް ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔަރ ވިދާޅުވީ، މިއަހަރުގެ ކުރީކޮޅު އިންޓަރިމް ޑިވިޑެންޑުގެ ގޮތުގައި ހިއްސާއަކަށް 13 ރުފިޔާ ބެހުމަށް ބޯޑުން ނިންމާފައިވާ ކަމަށެވެ. އަދި ކުރިން ދޫކުރި އިންޓަރިމް ޑިވިޑެންޑް ހިމަނައިގެން ޖުމްލަ ފައިދާގެ ގޮތުގައި ހިއްސާއަކަށް 48 ރުފިޔާ ދޫކުރުމަށް ރޭ ހިއްސާދާރުން ނިންމާފައިވާ ކަމަށެވެ. މީގެކުރިން ހިއްސާދާރުންނަށް ބެހުނު 13 ރުފިޔާ މި 48 ރުފިޔާގެ ތެރޭގައި ހިމެނޭނެ ކަމަށާއި، ބޭންކުގެ ތާރީޚުގައި މިއީ މިހާތަނަށް ދޫކުރާ އެންމެ ބޮޑު އަދަދު ކަމަށްވެސް ޓިމް ސޯޔަރ ވިދާޅުވިއެވެ.

" ހީވާގި ކަމާ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުންދާ ބޭންކުގެ މުވައްޒަފުންނަށާއި ބޭންކަށް އިތުރުބާރުކުރައްވާ އަޅުގަނޑުމެންގެ ހިއްސާދާރުންނާއި ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. ކަސްޓަމަރުން އެދޭފަދަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށާއި ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް އަޅުގަނޑުމެން ކެނޑިނޭޅި މަސައްކަތް ކުރަމުންދާނަން. މި ކާމިޔާބީން ދައްކުވައިދެނީ މިއީ މިހާތަނަށް ބޭންކަށް ހާސިލްކުރެވިފައިވާ އެންމެ ރަނގަޅު ނަތީޖާކަން." ޓިމް ސޯޔަރ ވިދާޅުވިއެވެ.

ބީ.އެމް.އެލްއިން ބުނީ، ކުރިން ދޫކުރި އިންޓަރިމް ޑިވިޑެންޑް ހިމަނައިގެން މިދިޔަ އަހަރުގެ ޖުމްލަ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް 258 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އަދި ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 131 މިލިއަން ރުފިޔާގެ އިތުރުން މިދިޔަ އަހަރުގެ ޓެކްސްގެ ގޮތުގައި 543 މިލިއަން ރުފިޔާ ލިބިގެންދާނެ ކަމަށްވެސް ބީ.އެމް.އެލްއިން ބުނެއެވެ.

ބީ.އެމް.އެލްއިން 2020 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވަނީ، ހިއްސާއަކަށް 15 ރުފިޔާގެ މަގުން ޖުމްލަ 80.7 މިލިއަން ރުފިޔާއެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.