
ހަމައެކަނި ޖަމިއްޔާތަކަށް ކުރިމަތިލެވޭ ގޮތަށް ބީއެމްއެލްއިން ކޮމިއުނިޓީ ފަންޑު ހުޅުވާލައިފި
ބޭންކް އޮފް މޯލްޑިވްސްއިން ކޮމިއުނިޓީ ފަންޑުގެ މިއަހަރުގެ ދެވަނަ ފިޔަވާހީގައި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީ.އެމް.އެލްއިން ބުނީ، ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރަކާތް ހިންގުމަށް 50،000 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާ ކަމަށްވެސް އެބޭންކުން ބުނެއެވެ.
ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލްއާއި ގުޅޭ ލިޔެކިޔުންތައް ހުށަހެޅޭނީ، އަންނަ މަހުގެ 18 ވަނަ ދުވަހުގެ ރޭ 11:59 އާއި ހަަމައަށެވެ. ޕްރޮޕޯސަލްއާއި އެޕްލިކޭޝަން ފޯމު community@bml.com.mv އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ބީ.އެމް.އެލްއިން މައުލޫމާތުދެއެވެ.
ކޮމިއުނިޓީ ފަންޑަކީ، އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 65 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ދީފައިވާ ކަމަށް ބީ.އެމް.އެލްއިން ބުނެއެވެ.