
ދުންފަތާއި މީހުންނަށް ދުރު ނުވެވޭ އެއް ސަބަބު، ފަސޭހައިން ލިބެން ހުރުން
ދުންފަތާއި ދުންފަތުން ލިބޭ ގެއްލުންތަކާއި މެދު މިއަދު ދިވެހީންގެ އާބާދީގެ ތެރޭގައި ހޭލުންތެރިކަން ކުޑައެއް ނޫނެވެ. ދުންފަތް ކޮންޓްރޯލް ކުރުމަށް ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތައް މަދެއް ނޫނެވެ. އެހެން ނަމަވެސް ދިވެހިރާއްޖޭގެ ޒުވާން އާބާދީ ވަނީ ދުންފަތުގެ ވަބާގައި ޖެހިފައެވެ. ދުންފަތް ކޮންޓްރޯލް ކުރުމަށް ޤާނޫނުތަކަށް ބަދަލު ގެނެސް އިމްޕޯޓް ޑިއުޓީބޮޑުކޮށް، ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ކަނޑައަޅައި ޖޫރިމަނާތައް ބޮޑުކޮށް އެތައް މަސައްކަތެއް ކޮށްފިއެވެ. އެކަމަކު ޤައުމުގެ އާބާދީ ދުންފަތުން ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތަކީ ނަތީޖާއެއް ނެތް މަސައްކަތަކަށް ވަނީ ވެފައެވެ.

ދިވެހިރާއްޖޭގެ ހާލަތަށް ބަލާއިރު، ފާއިތުވި 10 އަހަރު ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ނިސްބަތް ވަނީ %27 އިން %38 އިންސައްތައަށް މަތިވެފައެވެ. މިއީ ދިވެހިންގެ ތެރެއިން އުމުރުން 15 އަހަރާއި 40 އަހަރާއި ދެމެދުގެ އާބާދީގައި ހިމެނޭ މީހުންގެ ނިސްބަތް މަތިވި މިންވަރެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ ޤައުމުތަކަށް ބަލާއިރުވެސް، ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރި އެންމެ ތިޔާގި ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެއެވެ. ސިއްޙީ ދާއިރާގެ ތަޖުރިބާކާރުންވެސް ވިދާޅުވާގޮތުގައި ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް އެޅި އެއްވެސް ފިޔަވަޅަކީ މާނައެއް ހުރި ފިޔަވަޅަކަށް ވެފައި ވަނީ ދުންފަތާއި ދުންފަތުގެ ވިޔަފާރި ވަރުގަދަ ކަމުންނެވެ. ދުންފަތަކީ ފައިދާއެއް ނެތް ގެއްލުން ބޮޑު އެއްޗަކަށް ވިނަމަވެސް ދިވެހިރާއްޖެއަށް ދުންފަތާއި ދުންފަތުގެ ބާވަތްތައް އެތެރެކުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުތަކުން އެކަށީގެންވާ މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. އޭގެ ފަހަތުގައި ވަނީ ސިޔާސީ އިޤުތިޞާދީ ސަބަބުތަކެވެ. އެހެންކަމުން ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ތެރެއަށް ވަންނަ ޒުވާނުންނާއި ކުޑަކުދިންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
"ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ދުންފަތާއި ދުންފަތުގެ ބާވަތްތައް ފަސޭހައިން ގަންނަން ލިބުން. ރާއްޖޭގެ ފިހާރަތަކުގައި އެންމެ އާއްމުކޮށް ވިއްކާއެއްޗަކީ ސިނގިރެޓް، ސިނގިރެޓް ނުވިއްކާ ފިހާރައެއް ހިޔެއް ނުވޭ ހުންނާނެހެނެއް." ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ މަސައްކަތްތަކުގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެއްވި ޑޮކްޓަރަކު ވިދާޅުވިއެވެ.
ރާއްޖޭގައި ދުންފަތްކޮންޓްރޯލް ކުރުމަށް އެޅި މައިގަނޑު ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ ދުންފަތާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމެވެ. މިގޮތުން 2002 ވަނަ އަހަރުން ފެށިގެން މިހާތަނަށް ދުންފަތާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ވަނީ %500 އިންސައްތައަށް ވުރެ ބޮޑުވެފައެވެ.
2002 ވަނަ އަހަރު ރާއްޖޭގެ ބާޒާރުގައި އާއްމުކޮށް ވިއްކާ ބުރޭންޑްތަކުގެ ސިނގިރެޓް ފޮއްޓެއްގެ އަގު ހުރީ 18ރ އާއި 20ރ އާއި ދެމެދުގައެވެ. އޭގެ 20 އަހަރު ފަހުން އާއްމުކޮށް ވިއްކާ ބްރޭންޑްތަކުގެ ސިނގިރޭޓްފޮއްޓެއްގެ އަގު މިހާރު ހުރީ، 80ރ އާއި 120ރ އާއި ދެމެދުގައެވެ.
ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ސިނގިރޭޓްގެ އަގު ބޮޑު ވުމަކުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމުގެ ބަދަލުގައި މީހުން އެނބުރުނީ ދުންފަތުގެ އެހެން ބާވަތްތަކާއި ދިމާއަށެވެ. އަދި މާކެޓަށް އަލަށް ނުކުތީވެސް އައު ބުރޭންޑްތަކެވެ.
"ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށްގެން ދުންފަތުގެ އިސްތިއުމާލު ކުރުން މަދު ކުރެވޭނެ ކަމަށް ވިސްނާ ވިސްނުމަކީ ޚިޔާލީ ވިސްނުމެއް، ޑިއުޓީ ބޮޑުކޮށް އަގުބޮޑު ކުރުމުން އޭގެ ފައިދާ ވަނީ ވިޔަފާރިވެރިންނަށް. މީހުން ދުންފަތާއި ދުރެއް ނުވޭ." ތައުލީމީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވިއެވެ.
ރާއްޖޭގައި ދުންފަތްކޮންޓްރޯލް ކުރުމަށް ބޯޑެއް އުފައްދަވައި އެބޯޑުންވެސް މަސައްކަތްތަކެއް ކުރަމުން ދިޔަ ނަމަވެސް އެކަށީގެންވާ ނަތީޖާއެއް ނުފެނެއެވެ. އޭގެ މައިގަނޑު ސަބަބަކީ ދުންފަތުގެ ވިޔަފާރި ހުޅުވިފައި އޮތް މިންވަރާއި، މިހާރު ހުރި ޤާނޫނުތަކާއި ޤަވާއިދުތައްވެސް ތަންފީޒު ކުރެވެމުން ނުދިޔުމެވެ.
2013 ވަނަ އަހަރު ޤާނޫނަށް ބަދަލު ގެނެސް އާއްމު ތަންތަނާއި ސައިހޮޓާ ކެހޭ ރެސްޓޯރެންޓްތަކުގައި ކަނޑައެޅޭ ވަކި ތަންތަނުގައި މެނުވީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރެވުނެވެ. ޕެކެޓްކޮށްގެން ވިއްކާ ދުންފަތުގެ ހުރިހާ ބާވަތެއްގައިވެސް އޭގެން ލިބޭ ގެއްލުމުގެ އިންޒާރުތައް ޖަހަން މަޖުބޫރު ކުރެވުނެވެ. އަދި ވަކިވަކިން ސިނގިރޭޓާއި ބިޑި ސުއްޓާ ފަދަ ތަކެތި ވިއްކުން މަނާކުރެވުނެވެ. އެކަމަކު އެއީ ހަމައެކަނި ޤާނޫނުގައި މަނާކުރެވިފައި ހުރި ކަންކަމެވެ.
"ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށްފައި އޮތަސް އެކަން ކުރާ މީހުން ކުރޭ! ރިޕޯޓް ކުރާނެ މީހަކު ނެތް. އެޅޭ ފިޔަވަޅެއް ނެތް. ވިޔަފާރި ކުރާ ތަންތަނުގައި މިތިބީ ބިދޭސީން. ކުޑަކުއްޖަކަސް ބޮޑު މީހަކަސް އައި ކޮންމެ މީހަކަށް ސިނގިރެޓާއި ދުއްފަތުގެ ބާވަތްތައް ވިއްކާ. ވަކިން ބޭނުމިއްޔާ ވަކިން، ފޮށި ވިއްޔާ ފޮށި" ދުންފަތާއި ދެކޮޅަށް މަސައްކަތް ކުރާ ޒުވާނަކު ބުންޏެވެ.
މާލެ އާއި ހުޅުމާލޭގައި ފިހާރަތަކުންނާއި ލުއި ބުއިންތައް ވިއްކާ ތަންތަނުން ވަކިވަކިން ސިނގިރޭޓް ވިއްކައެވެ. އަދި ކުޑަކުދިންނަށްވެސް ސިނގިރޭޓް ވިއްކައެވެ. އެކަމަކު އެފަދަ ކަންކަން ބަލައި ފިޔަވަޚެއް ނޭޅެއެވެ.
ރާއްޖޭގައި މަރުވާ މީހުން %80 އިންސައްތަ މީހުންނަކީ ދުންފަތާއި ގުޅުން ހުރި ބަލިތަކުގައި މަރުވާ މީހުންނެވެ. ނުރަސްމީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މަހެއްގެ މައްޗަށް ރާއްޖޭގައި 50 ވުރެ ގިނަ މީހުން ކެންސަރަށް ޑައިގްނޯސް ކުރެވޭއިރު އޭގެ ތެރެއިންވެސް ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނެވެ.
ދުންފަތުގެ ވަބާއިން ދިވެހިން ސަލާމާތް ކުރުމަށް ސަރުކާރުތަކުން ކުރަން އޮތް އެންމެ މުހިއްމު ކަމަކީ އާއްމު ފިހާރަތަކާއި ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުން ދުންފަތާއި ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރުމާއި އެކު ފަރުވާ އާއި ކައުންސިލިންގއަށް ފަސޭހައިން މީހުންނަށް ލިބޭނެ ގޮތް އިންތިޒާމް ކުރުމެވެ.
މިއަހަރުގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ޑަބުލިޔުއެޗްއޯ އިން ކަނޑައަޅާފައި ވަނީ " ޕޮއިޒަނިންގ އަވަރ ޕްލެނެޓް" ނުވަތަ އަހަރެމެންގެ ގުރަހަ ވިހަވުން މިޝިއާރެވެ. މިޝިއާރުން މާނަކޮށްދެނީ، ދުންފަތް އުފެއްދުމުގެ މަރުހަލާތަކުގައި ދުނިޔެ ތަޣައްޔަރުކޮށް އެއިން ހުރިހާ އެންމެންގެ ސިއްޙަތަށް ގެއްލުންދޭ ކަމެވެ.