ގެއަކުން ކުނީގެ ބާވަތްތައް ވަކޮކޮށްގެން ނެރެފައި --- ފޮޓޯ: ސޯޝަލް މީޑިއާ

ފަރުދީ ޒިންމާ އަދާކުރުމުގައި ރައްޔިތުން ދެއްކި ނަމޫނާ: މިހުރީ ކުނީގެ ބާވަތްތައް ވަކިކޮށްފައި

ބުރާސްފަތި 02 ޖޫން 2022 | މޫސަ

މިއަދު މުޅި ސޯޝަލް މީޑިއާގައި އެއްއަޑަކަށް އޮތީ ކުނީގެ ބާވަތްތައް ވަކިކޮށްގެން އުކާލަން ނެރެން ޖެހޭ ވާހަކައެވެ. އެއްބަޔަކު ކުރީ ގިނަ ކޮތަޅު ނެރެން ޖެހޭކަމުގެ ޝަކުވާއެވެ. އަނެއް ބަޔަކު ފާޅުކުރީ ޚަރަދު ބޮޑުވާނެ ކަމުގެ ކަންބޮޑުވުމެވެ. ސިޔާސީ އިދިކޮޅު ފަރާތްތަކުން ޖެހީ ހަޖުލެވެ. ހެދީ ފުރައްސާރައިގެ ޕޯސްޓްތަކެވެ.

Advertisement


އެކަމަކު ވެމްކޯއިން ކުނިނަގާ ގަޑި އާއި ކައިިރިވިއިރު ގޭގޭގެ ކައިރިން ފެނުނީ ހިމޭނުން ތިބި މީހުންގެ އަމަލުތައް ހުރި ގޮތެވެ. ތިމާގެ ފަރުދީ ޒިންމާކަމުގައި ދެކިގެން ބައި ވަކިކޮށްގެން ކުނި ނެރެފައި ހުރި ތަނެވެ.

ގޭ ބިސީތަކުން ކުނި ވަކިކޮށްގެން ނެރުމަކީ މާލެ ސަރަހައްދުގެ ގޭބިސީތަކަށް އައު ކަމެއް ނަމަވެސް އެއީ ކުރިއަރައި ތަހުޒީބުވެފައިވާ ޤައުމުތަކުގައި ކަން ކުރަމުން އަންނަ ގޮތެވެ. ދިވެހިންގެ ދިރިއުޅުމަށް ބަދަލުތައް އަންނަމުން ދާއިރު، ތަރައްޤީގެ މަގުގައި ފައިހަމަ ކުރެވޭނީ ތަހުޒީބު މުޖުތަމައުތަކުގައި އަމަލު ކުރާ ގޮތަށް ބަލައިގެންނެވެ.

މާލެ ސަރަހައްދުގެ ގޭބިސީތަކުން 1 ޖޫންއިން ފެށިގެން ބާވަތްތައް ވަކިކޮށްގެން ކުނި ނެރޭގޮތަށް ހަމަޖެއްސިތާ އެތައް ދުވަހެއް ވެއްޖެއެވެ. އަދި ސުންގަޑި ކައިރިވަމުން އައިރު ވެމްކޯއިން އައި އާއްމުން އެކަމަށް ހޭލުންތެރި ކުރުމަށާއި ތައްޔާރުވުމަށް ހަނދާންކޮށްދެމުންނެވެ. ކުނި ވަކި ކުރުމުގައި އަމަލު ކުރާނެ ގޮތްތައް ބުނެދެމުންނެވެ.

ވެމްކޯއިން ބުނެފައި ވަނީ، ގޭބިސީތަކުން ބައިތައް ވަކިކޮށްގެން ކުނި ނެރޭއިރު، ވެމްކޯއިންވެސް ކުނި އުފުލާނީ ބައިތައް ވަކިކޮށްގެންކަމަށެވެ. އަދި އެކަމަށް އެކުންފުނިން ފުރިހަމައަށް ތައްޔާރުވެފައި އޮތް ކަމަށެވެ.

ގޭބިސީތަކުން ވަކިކޮށްގެން ކުނި ނެރުމަކީ މާލީ ގޮތުންވެސް ޚަރަދުތައް ކުޑަވެގެންދާ ކަމެކެވެ. އަދި ތިމާއުފައްދާ ކުނި ނައްތާލުމާއި އަލުން ބޭނުން ކުރެވޭނެ އެއްޗަަކަށް ހެދުމުގައި ތިމާގެ ބައިވެރިވުން އޮތްކަން ޤަބޫލު ކުރާ ކަމެކެވެ. ކުނީގެ ބައިތައް ވަކިކޮށްގެން ނެރެން ފެށުމަށް ހަމަޖެެއްސި ދުވަހުގައި ގިނަ ގޭބިސީތަކުން އެކަމަށް ބޮޑުތަރުހީބެއް ދިނުމަކީ ރައްޔިތުންގެ އެކަމަށް އެއްބާރުލުން ދިން މިންވަރު ހާމަވާކަމެކެވެ. އެކަން ފާހަގަކޮށް ވެމްކޯއިން ވަނީ ޝުކުރުވެސް އަދާކޮށްފައެވެ.

ވެމްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ ޔޫސުފް ސިރާޖު ވަނީ އާއްމުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.

"ގަވައިދު ނަމްބަރ R-109/2021 އަށް މާލެ ސަރަހައްދުގައި އަމަލު ކުރަން ފެށުމާއެކު، ކުނި ވަކިކުރުމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރިއްޔާ. މިމަސައްކަތް ކާމިޔާބު ކަމާއެކީ ކުރުމަށް މަސައްކަތް ކުރަމުންދާ އަޅުގަނޑުމެންގެ މުވައްޒަފުންނަށް ސާބަސް" ސިރާޖު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.


ކުނިވަކިކޮށްގެން ނެރުމަށް އާއްމުންގެ ފަރާތުން ފުރަތަމަ ދުވަހު ލިބުނު ތަރުޙީބު އެންވަޔަރަމަންޓް މިނިސްޓްރީންނާއި، މިނިސްޓަރ އައިމިނަތު ޝައުނާވެސް ވަނީ ފާހަގަކުރައްވާފައެވެ، އަދި މާލެ ސަރަހައްދުގައި ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ކުނި ވަކިކޮށްގެން ނެރޭތާ ދޮޅުމަސް ވެފައިވާކަންވެސް މިނިސްޓަރ ޝައުނާ ފާހަގަކުރެއްވިއެވެ.

ބާވަތްތައް ވަކިކޮށްގެން ކުނި އުކާލުމުގައިކަންބޮޑުވާ ފަރާތްތަކުން ކޮތަޅު ގިނަވާތީ ކަންބޮޑުވުންފާޅު ކުރިއެވެ. އެހެން ނަމަވެސް ކުނިވާޒާތުގެ ތަކެތި އުކާލާގޮތަށް ކުނިނުވާ ޒާތުގެ ތަކެތި ކޮންމެ ދުވަހަކު އުކާނުލައި ކޮތަޅު ފުރެންދެން ބެހެއްޓިދާނެއެވެ. މިސާލަކަށް އެންމެ ސައިބޯނި ހުސްކުރި ފުޅިއެއް ވަކިން ކޮތަޅަކަށް ލާފައި އެއްލާލުމުގެ ބަދަލުގައި އެކޮތަޅު ޕްލާސްޓިކްގެ ބާވަތްތައް އަޅައި ފުރެންދެން ބެހެއްޓިދާނެއެވެ. ކުނިނުވާ ޒާތުގެ ކުނި ހަފްތާއަކު އެއްފަހަރުވެސް އުކާލަން ނެރެވިދާނެއެވެ. އެއީވެސް ކުނި މެނޭޖުކުރުމަށާއި ޚަރަދު ކުޑަކުރުމަށް ކުރެވިދާނެ ކަމެކެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.