ހުޅުމާލެ ޕާކެއްގެ ތެރޭގައި އޮތް ބޮޑު ފިނިހަކައެއް ---

ދިވެހި މާހައުލާއި ބީރައްޓެހި ދިރުންތަކުން ވެއްޓަށް ނުރައްކާވެދާނެ!

ހޮނިހިރު 11 ޖޫން 2022 | މޫސަ

ކޮންމެ ޤައުމެއްވެސް އުފެދިފައިވާ ޠަބީއީ ގޮތާއި އެތަނެއްގެ ވެއްޓާއި މާހައުލާއި ފިނިހޫނު މިން ހުންނަ ގޮތުން އެތަނެއްގައި ދިރިއުޅޭ ދިރުންތައް ތަފާތެވެ. އެހެންނަމަވެސް އިންސާނުންގެ އަމަލުތަކުގެ ސަބަބުން ޤުދުރަތުން ލައްވާފައިވާ ދިރޭތަކެތީގެ ވެއްޓަށް ބަދަލުތައް އާދެއެވެ.

Advertisement


ދިވެހިރާއްޖެއަކީ، ހޫނާއި ފިނި އެއްވަރު ޤައުމެއް ކަމުން، ރާއްޖޭގައި އާއްމުކޮށް ދިރިއުޅެނީވެސް، ހޫނާއި ފިންޏަށް ގަދަ ދޫނި ސޫފާ ސޫތްޕެވެ. އެހެން ނަމަވެސް މާފިނި ގަދަ ތަންތާނގައި އަދި ހޫނު ހަނަފަސް ސަހަރާތަކުގައި ދިރިއުޅޭ ދޫނި ސޫފާ ސޫވިވެސް ރާއްޖެއަށް ހިޖުރަކުރެއެވެ. ޕެންގުއިން އާއި ސީލް ފަދަ ދުނިޔޭގެ ދެކުނު ތަނޑީގެ ގަނޑުފެންތަކުގައި ދިރިއުޅޭ ޖަނަވާރުވެސް ރާއްޖެއަށް ބެހިގެން އައިސްފައި އެބަހުއްޓެވެ. 

ދޭތެރެ ދޭތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުންނާއި ރަށްރަށުން ކިނބޫ ފެނެއެވެ. 2014 ވަނަ އަހަރު ރާއްޖޭގެ ބައެއް ސަރަހައްދުތަކުން އާދަޔާ ޚިލާފަށް ގިނައިން ކިނބޫ ފެންނަކަމުގެ ރިޕޯޓްތައް ލިބެން ފެށުމުން ރާއްޖޭގެ ކަނޑުގައި ދިރިއުޅޭ ބާވަތުގެ ކިނބޫ ރާއްޖެ ސަރަހައްދުގައި އާލާވީތޯވެސް ބައެއް ފަރާތްތަކުން ސުވާލު އުފެއްދިއެވެ. އަދި މަސްވެރިން އެކަމުގެ ކަންބޮޑުވުން ފާޅުކުރިއެވެ. ރާއްޖެއަކީ މަސްވެރިކަމަށް ބަރޯސާވާ ޤައުމަަކަށްވާއިރު، އަދި ރާއްޖެއަކީ ފަޅުރަށްތަކާއި ތިލަފަޅުތައް ގިނަ ޤައުމަކަށް ވާއިރު، ކިނބޫފަދަ ޖަނަވާރެއް ރާއްޖޭގައި އާލާވެއްޖެނަމަ އޭގެ ނުރައްކާ އެންމެ ބޮޑުވާނެ ބަޔަކީވެސް މަސްވެރިންނެވެ.

ކިނބޫ އާލާވެއްޖެނަމަ މަސްވެރިކަމަށް އޭގެ ނުރައްކާ އޮތް އިރު، ރާއްޖޭގައި ކުރިން ނެތް ފިނިހަކައިގެ ބާވަތެއް ރާއްޖޭގައި އާލާވެ އޭގެ އުނދަގޫ އާއްމުންނަށް ވަނީ ފޯރަން ފަށާފައެވެ.

ލ އަތޮޅުގެ ގުޅިފައިވާ ރަށްތަކާއި ހުޅުމާލޭގައި ވަނީ ފިނިހަކަ އާލާވެ ގިނަ ވެފައެވެ. ލ އަތޮޅުގައި ފިނިހަކަ އާލާވެ އިތުރުވެގެން ދިޔައީ އެއަތޮޅުގައި ހިންގުނު އުމުރާނީ ތަރައްޤިގެ ބޮޑެތި މަޝްރޫއުތަކަށް ފަހުގައެވެ. ފޮނަދޫ އާއި ހުޅުމާލެއިންވެސް ފެންނަމުން ދަނީ އެއްބާވަތެއްގެ ފިނި ހަކައެވެ. އެއީ އެފްރިކަން ޖިއަންޓް ސްނައިލްގެ ނަންދީފައިވާ އެއްގަމުގައި އުޅޭ ފިނިހަކައެކެވެ. މިބާވަތުގެ ފިނިހަކަ 11 ސެންޓިމީޓަރަށް ބޮޑުވާއިރު، ލ އަތޮޅުގެ ގުޅިފައިވާ ރަށްތަކުންނާއި، ހުޅުމާލެއިންވެސް ވަރަށް ބޮޑެތި ފިނިހަކަ ފެނެއެވެ.

ލ ގަމާއި ފޮނަދޫގައި ދަނޑުވެރިންނަށް ފިނިހަކައިގެ އުނދަގޫ ބޮޑުވެފައި ވާއިރު، ހުޅުމާލޭގައިވެސް ގަސްހައްދައި އުޅޭ މީހުންނަށް އޭގެ އުނދަގޫ އަންނަނީ ބޮޑުވަމުންނެވެ. ހުޅުމާލެ ސެންޓްރަލް ޕާކާއި އެހެން ޕާކުތަކުގެ ސަރަހައްދުންނާއި، ހުޅުމާލޭގެ ފެލްޓެތައް ކައިރީގައި ގަސްހައްދާފައި އޮންނަ ސަރަހައްދުތަކުން ފިނިހަކަ ފެންނަމިންވަރު ވަނީ އިތުރުވެފައެވެ. ވާރޭވެހި ބިންގަނޑު ފިނިވުމުން ޕާކުތަކާއި ގަސްތައްކުގެ ތެރޭގައި ހުޅުމާލޭގައިވެސް ފިނިހަކަ ފެންނަ މިންވަރު އިތުރުވެގެންދެއެވެ.

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުންވެސް ތިނެއްް ނުވަތަ ހަތަރު އިންޗި ހުންނަވަރުގެ ބޮޑެތި ފިނިހަކަވެސް ފެންނަމުންދެއެވެ.

ހުޅުމާލޭގައި ފިނިހަކަ އާލާވީ ހުޅުމާލޭގައި ފްލެޓްތައް އެޅުމަށާއި ބުރިޖުގެ މަސައްކަތަށް އައިސްތިބި މީހުންގެ ސަބަބުން ކަމުގައި ހުޅުމާލޭގައި ދިރިއުޅޭ ބައެއް މީހުން ލަފާކުރެއެވެ. އެއީ ޗައިނާގެ މީހުން ކެއުމަށް ބޭނުން ކުރާ އެއްޗަކަށް ވެފައި އަދި ހުޅުމާލޭގައި ފިނިހަކަ އާލާވެގެން އުޅެނީ ޗައިނާ މީހުން ދިރިއުޅުނު ސަރަހައްދުތަކުގައި ކަމަށް ވާތީއެވެ.


އެއްގަމުގައި ދިރިއުޅޭ މިބާވަތުގެ ފިނިހަކައަކީ ދިވެހިން ކައިއުޅޭ އެއްޗަކަށް ނުވިޔަސް އެފްރިކާގެ ޤައުމުތަކާއި ޗައިނާގެ މީހުން މިބާވަތުގެ ފިނިހަކަ ކައިއުޅެއެވެ.




ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.