
ސްޓެލްކޯގެ "އަވިކަތަ" ޕްރޮގްރާމް ނައިބު ރައީސް އިފްތިތާޙްކޮށްދެއްވައިފި
އިއާދަ ކުރަނިވި ހަކަތަ އުފެއްދުން އިތުރުކުރުމަށްޓަކައި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން ހިންގާ "އަވިކަތަ" ޕްރޮގްރާމް ރައީސުލްޖުމުހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިފްތިތާހްކޮށްދެއްވައިފިއެވެ.

ނައިބުރައީސް އަވިކަތަ ޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ ރޭ ބޭއްވި ސްޓެލްކޯގެ ރިހިޔޫބީލް ޖަލްސާގައެވެ.
ސްޓެލްކޯގެ އަވިކަތަ ޕްރޮގްރާމަކީ، އާއްމުންގެ އިމާރާތްތަކުގެ ފުރާޅުތައް ސްޓެލްކޯއަށް ކުއްޔަށް ހިފައި، އެފުރާޅުތަކުގައި ސޯލާ ޕެނަލްތައް ހަރުކޮށްގެން އަވިން ކަރަންޓް އުފެއްދުމަށް ޤާއިމް ކުރާ ނިޒާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން އަވިން ހަކަތަ އުފެއްދުމަށް ސްޓެލްކޯއިން ކުއްޔަށް ހިފާނީ، 100 އަކަފޫޓަށްވުރެ ބޮޑު ފުރާޅުތަކެވެ.
މިގޮތުން ގޭގޭގެ ފުރާޅުތަކުގައި ސޯލާ ޕެނަލްތައް ހަރު ކުރުމަށް ސްޓެލްކޯއަށް ފުރާޅު ކުއްޔަށް ދޭން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު އަންނަ ޖުލައި 1 ވަނަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމުގައި ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މިހާރުވެސް ގްރީން އެނާޖީގެ ނަމުގައި ސޯލާ ހަކަތަ އާއްމުންނަށް ބޭނުން ކުރެވޭނެ ސްކީމެއް ސްޓެލްކޯއިން ހިންގަމުން ގެންދެއެވެ.
2030 ވަނަ އަހަރު އަންނައިރު ރާއްޖެއިން ކާބަން ބޭނުންކުރާ މިންވަރު 1/4 ބައި މަދު ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.