ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު. ފޮޓޯ:ރައީސްއޮފީސް

ނަފްސާނީ ބަލިތަކާ ގުޅޭ ޚިދުމަތްތަކަށް އިންވެސްޓްމަންޓުތައް އިތުރުކުރުމަށް ފަސްޓްލޭޑީ ގޮވާލައްވައިފި

ބުރާސްފަތި 23 ޖޫން 2022 | ހަމްޒާ

ނަފްސާނީ ބަލިތަކާ ގުޅޭ ޚިދުމަތްތަކަށް އިންވެސްޓްމަންޓުތައް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ގޮވާލައްވައިފިއެވެ.

Advertisement


އެކަމަނާާ މިކަމަށް ގޮވާލެއްވީ، ރުވާންޑާގެ ކިގާލީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން (ސީ.އެޗް.އޯ.ޖީ.އެމް) 2022 ގެ މަތީ ފަންތީގެ ބައްދަލުވުމުގެ ހަވާސާގައި "ރީ ތިންކިންގ މެންޓަލް ހެލްތު: އަ ކޮމަންވެލްތު ކޯލް ޓު އެމްޕަވަރ، ކެއަރ އެންޑް ޓްރާންސްފޯމް"ގެ ނަމުގައި ކުރިޔަށްދިޔަ ހަރަކާތުގައި ދެއްވި ވަރޗުއަލް ތަޤްރީރުގައެވެ.

މިތަޤްރީރުގައި ނަފްސާނީ ބަލިތަކާ ގުޅޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެކަމަނާ ވަނީ ނަފްސާނީ ބަލިތަކާމެދު ދެކޭ ނުރަނގަޅު ގޮތްތައް ބަދަލުކުރުމުގެ ބޭނުންތެރިކަން ފާހަގަކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ، އޭގެ ނަތީޖާއަކަށް ވާނީ ސްކޫލްތަކާއި އެކި ތަންތަނުގައި ތިބޭ ނަފްސާނީ ބަލި ތަހައްމަލު ކުރާ މީހުން ފަރުވާއާ އެހީއަށް އެދޭ މިންވަރު އިތުރުވެ، އެމީހުންނަށް ފަރުވާ ލިބޭގޮތްވެ، އެފަދަ ފަރާތްތަކުގެ ދިރިއުޅުން ކުރިޔަށް ގެންދިއުމަށް އެފަރާތްތަކަށް ދަސްވެގެން ދިއުމަށް މަގުފަހިވެގެން ދިއުންކަމުގައެވެ. ހަމައެހެންމެ އެކަމަނާ ވަނީ، ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ހަރުދަނާ އަޚްލާޤީ މިންގަޑެއް ހިފެހެއްޓުމުގެ މުހިންމުކަމާއި، މި ދާއިރާ އިތުރަށް ހުޅުވާލައި ފުރުޞަތުތައް ފަހިކުރުމާއި، މި ދާއިރާއިން ދިރާސާކުރުން ފަދަ ނަފްސާނީ ބަލިތަކާ ގުޅޭ ޚިދުމަތްތަކަށް އިންވެސްޓްމަންޓުތައް އިތުރުކުރުމަށް ގޮވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްވި މި ތަޤްރީރުގައި ނަފްސާނީ ބަލިތައް ތަޙައްމަލުކުރަމުން އަންނަ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ދިނުމުގައާއި ބޭނުންވާ ފަރުވާ ދިނުމުގައި ރާއްޖޭގައި ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރެއްވިއެވެ. ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ފަރަޤުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، މިފަދަ ބަލިތަކަށް ފަރުވާދިނުމުގެ ދާއިރާގެ ފަންނީ މީހުން މަދުވުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި، ރާއްޖޭގެ ރަށްތައް ޤުދުރަތީ ގޮތުން އުފެދިފައި ހުންނަ ގޮތުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ އިތުރުން މި ދާއިރާއިން މީހުން ހޯދުމުގައި ހުރި ދަތިތަކާއި، ޚިދުމަތް ބޭނުންވާ މީހުން ގިނަވުމުގެ ސަބަބުން ޚިދުމަތް ހޯދަން އިންތިޒާރުގައި މަޑުކޮށްގެން ގިނަ ބަޔަކު އަބަދުވެސް ތިބެންޖެހޭކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ނަފްސާނީ ދުޅަހެޔޮކަމުގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލައި، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ. އެކަމަނާ ވިދާޅުވީ، އަމާޒަކީ ރާއްޖޭގެ ޤައުމީ ހެލްތު އިންޝުއަރެންސް ސްކީމް އިތުރަށް ފުޅާކޮށް ނަފްސާނީ ބަލިތަކުގެ ފަރުވާވެސް އޭގެތެރޭގައި ހިމެނޭގޮތް ހެދުމާއި، އެކަށޭނަ އަދި ޝާމިލު ގޮތެއްގައި ސައިކޯ ސޯޝަލް ސަޕޯޓް ކަށަވަރުކޮށްދިނުން ކަމުގައެވެ. ހަމަ އެހެންމެ އެކަމަނާ ވަނީ، މި ސަރުކާރުން 2019 ވަނަ އަހަރުގެ މާރިޗު މަހު، އައި.ޖީ.އެމް.އެޗްގައި މެންޓަލް ހެލްތު ސެންޓަރެއް ޤާއިމުކުރައްވާފައިވާކަންވެސް ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ހަނގުރާމައާ ގުޅިގެން ދިރިއުޅުމުގެ ޚަރަދުތައް މައްޗަށް ދިއުން، އަދި މޫސުމަށް އަންނަ ބަދަލުތައްފަދަ މައްސަލަތަކަކީ މެދުކެނޑުމެއްނެތި ކަންބޮޑުވުމާއި މާޔޫސްކަން އުފެދޭ ކަންތައްތައްކަން ފާހަގަކުރައްވައި، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަމުގެ މައްޗަށް މިތަޤްރީރުގައި އެކަމަނާ ވާހަކަފުޅު ދެއްކެވިއެވެ.

ރުވާންޑާގެ ކިގާލީގައި މި މަހުގެ 20 އިން 25 ވަނަ ދުވަހަށް ކުރިއަށްދާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރޭ ވަނީ ފުރާވަޑައިގެންފައެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެ ވަޑައިގަންނަވައެވެ. "ރީތިންކިންގ މެންޓަލް ހެލްތު: އަ ކޮމަންވެލްތު ކޯލް ޓު އެމްޕަވަރ، ކެއަރ އެންޑް ޓްރާންސްފޯމް" ހަރަކާތަކީ، ދިރިއުޅުމުގެ އެކި ފަންތިތަކުގެ މެދުގައި ހުރި ފަރަޤުތަކާއި ތަފާތުކުރުންތައް ނައްތާލުމާއި، އަތްފޯރާ ފަށުގައި ޞިއްޙީ ޚިދުމަތްތައް ލިބުމަށް ބާރުއަޅައި ކޮމަންވެލްތުން ގެންގުޅޭ ސިޔާސަތަށް ބާރު ލިބޭގޮތަށް ކުރިޔަށްގެންދާ ހަރަކާތެކެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.