
އަހަރަކު 50،000 ގަސް އިންދުމަށް 'ބީއެމްއެލް ފެހި ޕްރޮޖެކްޓް' އިފްތިތާހުކޮށްފި
ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކޮންމެ އަހަރަކު 50،000 ގަސް އިންދުމުގެ މަގްސަދުގައި 'ބީއެމްއެލް ފެހި ޕްރޮޖެކްޓް' އިފްތިތާހުކޮށްފިއެވެ.

ބީ.އެމް.އެލްއިން ބުނީ، މި މަޝްރޫޢު ކުރިއަށް އޮތް 5 އަހަރުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ ހަރަކާތެއް ކަމަށެވެ.
މިމަޝްރޫއުގެ ދަށުން ރާއްޖޭގައި ހިންގާ ނާސަރީތަކުން ގަސް ހޯދުމަށްފަހު ރަށްރަށުގައި ގަސްއިންދުމަށް ކަނޑައަޅާފައިވާ ބިންތައް ފާހަގަކޮށް، ރަށް އިތުރަށް ފެހިކުރުމަށް ކޮންމެ އަހަރަކު 5 ރަށެއް ހޮވައި، ކޮންމެ ރަށަކަށް 10،000 ގަސް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ.
އެބޭންކުން ބުނީ، ބީއެމްއެލް ފެހި ޕްރޮޖެކްޓްގެ އެހީގައި ރަށްރަށަށް ބޭނުންވާ ފެހިކަން ގެނެވި މުޖުތަމައަށް އޭގެ މަންފާ ލިބިގެންދާނެ ކަމަށެވެ. މިގޮތުން އަލުން ގަސް އިންދުމުގެ ސަބަބުން ރަށް ގިރުން ހުއްޓުމާއި، ހޫނުމިން ކުޑަވުމާއި ޖައްވަށް ދޫކުރާ ކާބަންގެ މިންވަރު ދަށްކުރެވުމުގެ ސަބަބުން ތިމާވެއްޓަށް ހެޔޮ ބަދަލެއް ގެނުވާނެ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ، ފެހި ޕްރޮޖެކްޓްގެ އެހީގައި ރަށްރަށުގައި ގަސްއިންދުމަށް ކުރާ މަސައްކަތްތަކަށް އެހީވެވި، ކާބަން ޕުޓްޕްރިންގެ ދަށްކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކަކީ ހިތްހަމަޖެހުން ލިއްބައިދޭ ތަންތަން ގާއިމްކުރެވިގެންދާނެ ކަަމަށެވެ.
" އަޅުގަނޑުމެންނަށާއި އަދި ކުރިޔަށް އޮތް ޖީލުތަކަށްޓަކައި ތިމާވެށި ހިމާޔަތް ކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް. ރަށު ކައުންސަލްތަކާއެކު މަސައްކަތްކޮށް ރާއްޖޭގެ ނާސަރީތަކަށް އެހީވެ، ރަށްރަށާއި މުޖުތަމައުތަކަށް ފާހަގަކުރެވޭ ހެޔޮ ބަދަލެއް ގެނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން." ޓިމް ސޯޔަރ ވިދާޅުވިއެވެ.
ބީއެމްއެލް ފެހި ޕްރޮޖެކްޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، ރަށު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށެވެ. އެޕްލިކޭޝަން ފޯމު އަންނަ މަހުގެ 20ގެ ކުރިން fehiproject@bml.com.mv އަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.