
އުމުރުން ދުވަސްވީ މީހުންނަށް ކޮވިޑް ވެކްސިންގެ 4 ވަނަ ޑޯޒު ޖަހަނީ
ކޮވިޑް-19 އިން ދިފާޢުވުމަށް ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް ޖަހާފައިވާ ފަރާތްތަކުގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނާއި ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ މީހުންނަށް 2 ވަނަ ބޫސްޓަރ ޑޯޒެއް ޖަހަން ފަށައިފިއެވެ.

މިކަމާއި ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ ނެރުނު އިޢުލާންގައި ބުނީ، ކޮވިޑް ވެކްސިން ތިންވަނަ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންގެ ތެރެއިން ހަތަރު ވަނަ ޑޯޒް ޖެހުމަށް ނިންމާފައިވަނީ، އުމުރުން 65 އަހަރުން މަތީގެ މީހުންނާއި ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ މީހުންނަށް ކަމަށެވެ. އަދި ހަތަރުވަނަ ޑޯޒް ޖަހާނީ މީގެތެރެއިން ކޮވިޑުގެ ފުރަތަމަ ބޫސްޓަރ ނުވަތަ ތިންވަނަ ޑޯޒް ޖެހިފަހުން ހަތަރު މަސް ވެފައިވާ މީހުންނަށް ކަމަށެވެ.
މިވަގުތު ކޮވިޑް ވެކްސިންގެ 4 ވަނަ ޑޯޒް ޖަހާ ފަރާތްތައް
- 65 އަހަރުންމަތީގެ މީހުން.
- 18 އަހަރާއި 64 އަހަރާއި ދެމެދުގެ ފަރާތްތަކުގެ ތެރެއިން ދިފާއީ ނިޒާމު ބަލިކަށި މީހުން.
މީގެ ތެރޭގައި ހިމެނެނީ:
- ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން.
- އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން.
- ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން.
- ގަވާއިދުން ޑަޔަލިސިސް ހަދަމުންދާ މީހުން.
- ކެންސަރު ބަލީގެ ފަރުވާލިބެމުންދާ މީހުން ނުވަތަ ކެންސަރު ބައްޔަށް ފަރުވާކޮށް ނިމި އަހަރެއް ނުވާ މީހުން
ބަލިޖެހުމުގެ ސަބަބުން ނުރައްކާ ބޮޑުވެދާނެ ފަރާތްތައް:
- އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން މަތި މީހުން
- ފުއްޕާމޭގެ ބައްޔެއްގެ ސަބަބުން ގޭގައި އޮކްސިޖަން ތެރަޕީގެ ފަރުވާ ލިބެމުން ދާމީހުން ނުވަތަ ގޭގައި އޮކްސިޖަން ތެރަޕީ ދޭން ޖެހޭކަމަށް ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ މީހުން.
- ފުއްޕާމޭގެ ބައްޔަށް ފަރުވާކުރާ މީހުން.
- ލިވާ ސިރޯސިސް ފަދަ ފުރަމޭގެ ބައްޔެއްގައި ފަރުވާދީފައިވާ މީހުން.
- ހަކުރު ބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުން ވެފައިވާ ފަރާތްތައް.
- އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން އެނދުމަތިވެފައިވާ ފަރާތްތައް
އެޗް.ޕީ.އޭއިން ބުނީ، މިފަރާތްތަކަށް މިއަދުން ފެށިގެން ހަތަރުވަނަ ބޫސްޓަރ ޑޯޒްއެއްގެ ގޮތުން ފައިޒަރ ވެކްސިން ޖަހައިދޭނެ ކަމަށެވެ. މީގެ އިތުރުން އުމުރުން 12 އަހަރާއި، 17އަހަރާއި ދެމެދުގެ ކުދިންނަށްވެސް މިއަދުން ފެށިގެން ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް ޖަހާދޭނެއެވެ. އެއީ17-12އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން ކޮވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް 6 މަސް ހަމަވެފައިވާ ކުދިންނެވެ.
އެޗްޕީއޭއިން ބުނީ، 12 އަހަރުން މަތީގެ މީހުންގެ ތެރެއިން ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒް މިހާތަނަށް ފުރިހަމަ ނުކުރެވި ހުރި ފަރާތްތަކަށްވެސް ވެކްސިން ސެންޓަރުތަކުން ވެކްސިން ދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.
މާލެ ސަރަހައްދުގައި ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ، އެޕޮއިންޓްމެންޓް އުސޫލުންނެވެ. އަތޮޅުތެރޭގައި ވެކްސިން ޖެހުމުގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުން އާއްމު ކުރާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.