
ކަލައިދޫގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ނައިބުރައީސްއާއެކު މަޝްވަރާކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި ކަލައިދޫގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކަލައިދޫ ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ލ.ދަނބިދޫ އަދި ކަލައިދޫ ގުޅުވާލުމަށް ހަދާ ކޯޒްވޭގެ މަސައްކަތާއި، ކަލައިދޫ ބަނދަރުގެ މަސައްކަތް ނުފެށިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމާއި، ރަށްގިރާ ސަރަޙައްދު ހިމާޔަތްކުރަން ބޭނުންވާކަމާއި، ސްކޫލަށް މަލްޓިޕަރޕަސް ހޯލެއްގެ މުހިންމު ކަމާއި އަދި މި ނޫންވެސް ރަށުގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ކަންކަން ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ތަރައްޤީގެ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލު މެންބަރުންނާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ކޯޒްވޭގެ މަސައްކަތުގެ އީ.އައި.އޭ ހެދުމުގެ މަސައްކަތް ކުރިޔަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.