
ދުވާފަރު މަގުތަކުގައި ތާރު އަޅައި ނިމިއްޖެ
ރ. ދުވާފަރު މަގުތަކުގައި ތާރު އަޅައި ނިމިއްޖެއެވެ.

ދުވާފަރު ހެދުމުގެ މަސައްކަތް ކުރަމުންދާ ކުންފުނި، އެމް.ޓީ.ސީ.ސީން ބުނީ، މިމަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިހާރު ނިމުމަކާއި ގާތްވެފައިވާ ކަމަށެވެ. އެގޮތުން އެރަށުގެ މަގު ހެދުމުގެ މަޝްރޫއުގެ 93 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.
އެމް.ޓީ.ސީ.ސީން ބުނީ، ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން 17،790 އަކަމީޓަރުގެ ނުވަ މަގެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 6،923 އަކަމީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރުމުގެ އިތުރުން 17،790 އަކަމީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރާނެ ކަމަށެވެ. މީގެއިތުރުން މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމުކޮށް، މަގުބަތި ހަރުކުރުމުގެ އިތުރުން ޓްރެފިކް ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ހައުސިންގ މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މިމަޝްރޫޢަކީ، 37.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.